ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށް ފޯމު ހުށައަޅުއްވައިފިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ ރިޔާސީ ޕްރައިމަރީއަށް ފޯމު ހުށައެޅުމުގެ ފުރުސަތުގެ ސުންގަނޑިއަކީ މިއަދުގެ 16:00 އެވެ. ފޯމު ހުށައަޅަންޖެހެނީ 500 މެމްބަރުންގެ ތާއީދާއިއެކުއެވެ.
2023ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ އެމް.ޑީ.ޕީގެ ކެނޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް،20k އަަށް ވުރެގިނަ މެމްބަރުންގެ ތާއީދާއި އެކު، ރައީސް @ibusolih ގެ ކެންޑިޑަސީ ފޯމު ހުށައަޅުއްވައިފި.
މާތް الله މަނިކުފާނަށް ކާމިޔާބު މިންވަރު ކުރައްވާށި. އާމީން pic.twitter.com/MDoPIlfKwX— Mohamed Nashiz (@Mnashiz) December 24, 2022
ރައީސް ސާލިހުގެ ފަރާތްޕުޅުން ފޯމު ހުށައެޅުއްވިކަން އިއުލާނު ކުރެއްވީ އެމަނިކުފާނުގެ ފެކްޝަނަށް ނިސްބަތްވާ ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒުއެވެ. އެނާ ވިދާޅުވެއްފައިވާގޮތުން ރައީސް ސާލިހުގެ ޕްރައިމަރީގެ ކެނޑިޑެސީ ފޯމު ހުށައަޅާފައިވަނީ ވިހި ހާހަށްވުރެ ގިނަ މެމްބަރުންގެ ތާއީދާއި އެކުކަމަށެވެ.
ރައީސް ސާލިހުއަށްވުރެ ކުރިން ތާއީދު ފޯމު ހުށައެޅުއްވީ އެމަނިކުފާނާއި ވާދަކުރައްވާ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުއެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިހާބާއި ގުޅޭ ގޮތުން ރައީސް ސާލިޙް ވިދާޅުވެފައި ވަނީ އެންމެ މުހިންމީ އެމްޑީޕީ އިތުރު ދައުރަކަށް ހޮވި، ވެރިކަމަށް އައުން ކަމަށެވެ. އަދި ހިނގަމުންދާ މަޝްރޫއުތަކަށް އެއްވެސް މަޑުޖެހުމެއް ނައިސް ކުރިޔަށް ދިއުމުގެ ފުރުސަތު ދޭން ޖެހޭކަމަށް އިޝާރާތް ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، އެއްވެސް ޕާޓީއަކަށް އެކަނި ރިޔާސީ އިންތިހާބެއް ކާމިޔާބު ނުކުރެވޭނެކަން ކަމަށާއި ގިނަ ޕާޓީތަކެއް އެކުވެގެން ނޫނީ ވެރިކަމަށް ނާދެވޭނެކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވެފައިވާ ގޮތުގައި އެމްޑީޕީ އިސްވެ އޮވެ ކޯލިޝަނަކާއިއެކު ނުކުމެވަޑައިގެން އެ މަނިކުފާނަށް 2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވޭނެކަމުގެ ޔަގީންކަން އެބައޮތެވެ.
އެމްޑީޕީއިން އެކަނި ރިޔާސީ އިންތިހާބެއް ކާމިޔާބު ނުކުރެވޭނެކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، 2023 ގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރުމަށް އޮތް ޗޮއިސްއަކީ އެމަނިކުފާނުކަމަށެވެ.

