ރައީސް އަބްދުﷲ ޔާމިން އަބްދުލައްގަޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރުގެ ހުކުމަކީ މާގިނަ ހެކިތަކަށް ބަލައި އެއަށް ރިއާޔަތް ކުރުމަށް ފަހު އިއްވާފައިވާ ހުކުމެއް ނޫންކަމަށް ޕީއެންސީގެ ރައީސް އަބްއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލި، މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވާކަމަށް ނިންމައި އިއްވާފައި ވަނީ 11 އަހަރުގެ ޖަލު ހުކުމެކެވެ. އަދި 05 މިލިއަން އެމެރިކާ ޑޮލަރު ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ހުކުމުގައި ވެއެވެ. ދައުވާތައް ސާބިތު ކުރުމަށް ދައުލަތުން ގިނަ ހެކިތަކެއް ހުށަހެޅިއިރު، އެ ދައުވާތަކުން ދިފާއުވުމަށް ރައީސް ޔާމީންގެ ފަރާތުން ވެސް ހެކި ހުށަހަޅާފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނި ޕީޕީއެމްގެ ސެނެޓު މެމްބަރު އަހުމަދު ނަރީޝާއި، އޭނާއާއި އެކު ޔޫސުފް ނައީމްގެ ގެއަށް ފައިސާ ގެންދިޔަކަމަށް ބުނާ އަބްދުﷲ އާއި މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް އަދި މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) އެވެ.
މައްސަލައިގައި ނަރީޝްގެ ހެކި ބަސް ހުށަހަޅާފައި ވަނީ، ޔޫސުފް ނައީމްގެ ގެއަށް 01 މިލިއަން ޑޮލަރަށް ވާ ދިވެހި ފައިސާ ކަޅު ކުލައިގެ ދެ ދަބަހެއްގައި ގެންދިޔަކަން ސާބިތު ކުރުމަށެވެ. އަބްދުﷲ ހެކި ބަސް ދީފައި ވަނީ ނަރީޝާއި އެކު ކާރެއްގައި އެގެއަށް ގޮސްފައިވާތީ އެވެ. އަދި މުހައްމަދު އިސްމާއިލް ހެކި ބަސް ދިނީ، ރައީސް ޔާމީން ޑޮލަރު ގަންނަން ބޭނުން ވާތީ ގުޅުއްވައި އެކަން ހަމަޖެއްސުމަށް އެދުނުކަމަށް ސާބިތު ކުރުމަށާއި ޔޫސުފް ނައީމަކީ ޑޮލަރު ހަމަޖެއްސުމަށް ގުޅި ވިޔަފާރިވެރިންގެ ތެރެއިން އެކަކަށް ވާތީ އެވެ. ޝާހިދު ހެކި ބަސް ދިނީ، ރައީސް ޔާމީން ގުޅުއްވި ވަގުތު މުހައްމަދު އިސްމާއީލާއި އެކު އޭނާ ހުންނެވިކަން ސާބިތު ކުރުމަށެވެ.
މައްސަލައިގައި އިއްވާފައިވާ ހުކުމުގައި ވަނީ ނަރީޝް ދީފައި ވަނީ ކަނޑައެޅިގެން ދޮގު ހެކި ބަސްކަމަށާއި އޭނާ މަސައްކަތް ކުރީ ނުހިނގާކަމެއް ހިނގިކަމަށް ޝަރީއަތަށް ދެއްކުމަށް ކަމަށެވެ. އަދި ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ބަލާއިރު، އޭނާ ދެއްކި ވާހަކަތަކަކީ އެއީ ބުއްދިއަށް ގަބޫލު ކުރެވޭ ވާހަކަތަކެއް ނޫންކަމަށް ހުކުމުގައި ވެއެވެ.
ޝަރީއަތަށް ހެކިން ކަނޑައެޅިގެން ދީފައިވަނީ ދޮގު ހެކިކަން ފާހަގަކޮށް، ހުކުމުގައި ވަނީ އެ ވަހަކަތަކުގައި ފުށު އެރުންތައް އެބަހުރި ކަމަށެވެ. އަދި ގިނައީ ދެކޮޅު ހަމަނުޖެހޭ، ބުއްދިއަށް ގަބޫލު ނުކުރެވޭ ވާހަކަތަކެއްކަމަށް ވެސް ވަނީ ބުނެފަ އެވެ.
އެހެންވެ ހުކުމުގައި ބުނީ، މިއީ ވަކިގޮތަކަށް މަންޒަރެއް ދެއްކުމުގެ ބޭނުމުގައި ވަކި މަގްސަދެއް ހާސިލު ކުރުމަށް ހުށަހަޅާފައިވާ ހެކިންތަކެއްކަމަށް ޝަރީއަތަށް ގަބޫލު ކުރެވޭ ކަމަށެވެ.
ހުކުމުގައި ވަރަށް ތަފްސީލުކޮށް، ހެކިންގެ ވާހަކަތައް ހިމަނާފައި ވެއެވެ. އެގޮތުން އެންމެ އާދައިގެ ކުދިކުދި ތަފްސީލު ހަނދާނުގައި ހުރި ނަމަވެސް އެއީ ދުވަހުގެ ކޮން ވަގުތެއްކަމާއި އެންމެ ކުޑަ މިންވަރަކަށް އެއީ ދުވާލު ތޯ ނޫނީ ރޭގަނޑު ތޯ ނަރީޝްގެ ހަނދާނުގައި ނެތުން ސުވާލު އުފެދޭކަމަށް ހުކުމުގައި ވެއެވެ.
މި މައްސަލައިގައި ސުވާލު ކުރުމުން އަބްދުއްރަހީމް ވިދާޅުވީ ޕާޓީގެ އެއްވެސް މެމްބަރެއް ނުވަތަ ރައީސް ޔާމީންގެ ދިފާއަށް ހެކި ބަސް ދިން އެއްވެސް މީހަކު ދޮގު ހެކި ބަސް ދީފައި ނުވާނެކަމަށެވެ. މިއީ ގާނޫނީ ޓީމުން ޖަވާބުދާރީ ވާނެ ސުވާލެއްކަން ފާހަގަކޮށް، އޭނާ އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ އެއްވެސް އަސާސެއް ނެތް ދައުވާއަކުން ސަލާމަތްވުމުގެ ބޭނުމުގައި ދޮގު ހެކި ބަހެއް ދޭން އެމަނިކުފާނު ބޭނުން ވެސް ނުވާނެ ކަމަށެވެ.
މިއީ މާގިނަ ހެކިތަކަށް ބަލައި ކުރި ހުކުމެއް ނޫންކަމަށާއި، ފާސިގުންގެ ގޮތުގައި ތިބި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކި ބަސް ބަލައިގަތުން ވެސް މާ ބުއްދިއަށް ގަބޫލު ނުކުރެވޭކަމަށް އޭނާ ވިދާޅުވި އެވެ. މިއީ ވެސް ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ބަލާއިރު ކަން ހިނގައިގެން ވާނެ ގޮތެއް ނޫންކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފަ އެވެ.
ފާސިގުންގެ ހެކި ބަހާއި އެކު، ހުކުމެއް ނީއްވޭނެކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވާކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. އެހެންކަމުން ނަރީޝް ދައްކާ ވާހަކައެއް، ދޮގަކަށް ވެ އަދީބާއި ޒިޔަތު ހަދަނީ ތެދުކަމަށް ގަބޫލު ކުރީ ކޮން ހަމަޔަކުން ތޯ އޭނާ ސުވާލު އުފެއްދި އެވެ.
”އެހެން ވީމަ ނަރީޝްގެ ހެކިބަސް ދޮގު ހެކިބަހަށްވެ… އަދީބާއި ޒިޔަތުގެ ހެކިބަސް ތެދަކަށް ވާންވީ ކީއްވެތޯ… ރައީސް ޔާމީނުގެ ފަރާތުން ދޮގުހެކި ހުށަހަޅާފައެއް ނޯންނާނެ.“ އަބްދުއްރަހީމް
ނަރީޝް ދޮގު ހެކި ބަސް ދިންކަމަށް ހުކުމުގައި ވާތީ ފުލުހުން ދަނީ އެ ހުކުމް ދިރާސާ ކުރަމުންނެވެ. އަދި ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭނަމަ، ފުލުހުން އެ މަރުހަލާ ވެސް ކުރިޔަށް ގެންދާނެ އެވެ. މި މައްސަލައިގައި ނަރީޝް އަދި ވާހަކަ ދައްކަވާފައި ނުވެ އެވެ.

