ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަމަށް ގެނައި ގޮތަށް، ރައީސް ސޯލިހު ވެރިކަމުން ބާލުވަން ވެސް އުޅޭނަން: ނަޝީދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރާއްޖޭގެ ވެރިކަމަށް ގެނައުމަށް މަސައްކަތްކޮށް އެކަމަށް ކާމިޔާބީ ހޯދިގޮތަށް، ވެރިކަމުން ބާލުވަން ވެސް މަސައްކަތް ކުރާނެކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މި މަހުގެ 28 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީ އާއި އެކު ދެ ރައީސުންގެ ދެމެދުގައި ބޮޑު ވާދަވެރިކަމެއް ވަނީ އުފެދިފަ އެވެ. ދެ ބޭފުޅުންގެ މެދުގައި ޖެހިފައި ވާ މައްސަލަތައް އިތުރަށް ގޯސްވެ، ކެމްޕެއިން ޖަލްސާތަކުގައި އެ ޓީމުން އަނެއް ޓީމަށް ރައްދު ދިނުން ވެސް ވަނީ ގޯސް ހާލަތަކަށް ގޮސްފަ އެވެ.

ވެރިކަމުގެ އިތުރު ދައުރެއް ދިނުމަށް އެދި ރައީސް ސޯލިހު ކެމްޕެއިން ކުރައްވަމުން ގެންދަވާއިރު، ރައީސް ނަޝީދު އެންމެ ގިނައިން އެމަނިކުފާނަށް އަމާޒުކޮށް ދައްކަވާ ވާހަކައަކީ އެމްޑީޕީގެ އަސާސްތަކާއި ސުލޫކުތަކައި ހިލާފުވެގެން އެ ފުރުސަތެއް ނުލިބޭނެ ކަމަށެވެ. އަދި ރައްޔިތުން މި ވެރިކަން ދެކެ ފޫހިވެފައިވާކަމަށާއި ރައީސް މަސައްކަތް ކުރައްވަނީ ކަންބޮޑުވުންތަކަށް ރިއެކްޓެއް ކުރުމެއް ނެތިކަމަށް ދެކެވޭ ވާހަކައިގެ ރައްދަށް ރައީސް ސޯލިހު ވިދާޅުވަމުން ގެންދަވަނީ 2012 ގައި ވެރިކަން ބަދަލުވެގެން ދިޔަ ގޮތެވެ.

ރިޔާސީ ޕްރައިމެރީގެ ކެމްޕެއިނަށް ރައީސް ނަޝީދު ބޭއްވި ޖަލްސާއެއްގައި އެމަނިކުފާނު ވިދާޅުވީ، 2018 ގައި ރިޔާސީ އިންތިހާބާއި ކުރިމަތިލާން ޖެހުނު ވަގުތު ވެރިކަމުގައި އޮތް ޕާޓީ ފިޔަވައި އެހެން ސިޔާސީ ޕާޓީތަކުގެ އިސްވެރިން ތިބީ ޖަލުގައި ކަމަށެވެ. އަދި ބަންދެއްގައި ތިބުމުގެ ސަބަބުން، ވެރިކަމަށް ވާދަ ކުރުމުގެ ފުރުސަތު ގެއްލިގެން ދިޔަކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު އެގޮތަށް އޮތުމުގެ ސަބަބުން، ރައީސް ސޯލިހަށް 2018 ގެ ޓިކެޓު ދެން ނިންމީ ކުރެވުނު މަޝްވަރާތަކަށް ފަހު 18 މަސް ދުވަހުގެ ވެރިކަމަކަށް އެއްބަސްވެގެންކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ދޮޅު އަހަރު ދުވަހުގެ އިންތިގާލީ ވެރިކަމެއްގެ ވާހަލަ މެނިފެސްޓޯގައި ވެސް ހިމެނިފައި ވާނެކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

”ހަގީގަތުގައި އެމްޑީޕީން ރައީސް ސޯލިހު ނެރުމަށް ނިންމީ 18 މަސް ދުވަހު ވެރިކަން ކުރައްވާ ގޮތަށް“ ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ، ރައީސް ސޯލިހަށް ވެރިކަމަށް އާދެވުނީ ވެސް އެމަނިކުފާނުގެ ސަބަބުން ކަމަށެވެ. ނުވަތަ ވެރިކަމަށް ގެނައީ އެމަނިކުފާނުކަމަށާއި، އެހެންކަމުން ވެރިކަމުން ބާލުވަން ވެސް އެ މަސައްކަތް ހަމަ އެގޮތަށް ކާމިޔާބު ކަމާއި އެކު ކުރާނެކަމަށް ވިދާޅުވި އެވެ.

”ވެރިކަމަށް ގެނައީ އަޅުގަނޑު، އެމަނިކުފާނު ވެރިކަމުން ބާލާނީ ވެސް ހަމަ އަޅުގަނޑު، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން ކުރާނަން..“ ރައީސް ނަޝީދު

ރައީސް ސޯލިހަށް އިންތިހާބު ކާމިޔާބު ކުރެވޭނެ އެއްވެސް ހާލަތެއް ނެތްކަމަށް ތަކުރާރު ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، ދިވެހި ރައްޔިތުންނާއި އެމްޑީޕީގެ އާއްމު މެމްބަރުން ތިބީ ރައީސް ސޯލިހަށް އިތުރު ދައުރެއް ދޭ ގޮތަކަށް ނޫން ކަމަށެވެ. އަދި އޭގެ ސަބަބުތައް ވެސް ވަރަށް ބައިވަރުކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝިދު ވިދާޅުވީ ރައީސް ސޯލިހަށް ވޯޓު ދޭން ބޭނުން ނުވާތީ، މި ފަހަރު އެމަނިކުފާނު ވިދާޅުވެގެން ވެސް ވޯޓެއް ނުދޭނެކަމަށް ރައްޔިތުން ބުނަމުން ދާކަމަށެވެ. ގިނަ އާއްމުންގެ ބަހަކީ 2018 ގައި އެބޭފުޅުން ރައީސް ސޯލިހަށް ވޯޓު ދިނީ “އަންނި ބުނެގެން” ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

”ތިބޭފުޅުން.. އެބޭފުޅާއަކަށް ވޯޓު ދޭން ތައްޔާރަކަށް ނޫން ތިތިބީއެއް.. އެތަން މިތަނުން އަޅުގަނޑު ގާތުގައި އެބަ ބުނޭ.. ދެން ބައެއް ބޭފުޅުން އެބަ ބުނޭ ދެން އަންނި ބުންޏަކަސް ވެސް އޭނާއަކަށް ވޯޓެއް ނުދޭނަމޭ“ ރައީސް ނަޝީދު

މީގެއިތުރުން ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ދަފްތަރާއި ގުޅޭގޮތުން ކުރައްވާ ތުހުމަތުތައް ތަކުރާރު ކުރައްވާފަ އެވެ. ރައީސް ސޯލިހަށް ވޯޓު ނުދޭނެހެން ހީވާ މެމްބަރުން ޕާޓީން ވަކި ކުރީ ދުރާލާ އެކަމަށް ރާވައިގެންކަމަށް ރައީސް ނަޝީދު ތުހުމަތު ކުރައްވަ އެވެ.

ރައީސް ނަޝީދުގެ ތުހުމަތަކީ އެއްވެސް އެންގުމަކާއި ނުލައި އެމްޑީޕީގެ ދަފްތަރުން ސާޅިސް ހާހެއްހާ މެމްބަރުން ވަކި ކުރުމެވެ. އެއީ އެމަނިކުފާނަށް ވޯޓު ދޭން ތިބި އަސްލު ހަގީގީ އެމްޑީޕީ މެމްބަރުންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ދަފްތަރާއި ގުޅޭގޮތުން، ރައީސް ނަޝީދު ކުރެއްވި ތުހުމަތުތައް ޕާޓީން ދޮގު ކުރެ އެވެ. އެކަން ދޮގުކޮށް ޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ އެމްޑީޕީން މީގެ ކުރިން ވޯޓު ލަމުން އައި ގޮތުގެ ސަބަބުން ޕާޓީގެ އެތެރޭގެ އިންތިހާބުތަކަށް ވަރަށް ބޮޑެތި ނުފޫޒުތަކެއް ވަދެ ނަތީޖާ ބަދަލުވެފައި އެބަހުރި ކަމަށެވެ. އެހެން ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ތިބި މީހުން އެމްޑީޕީގެ އިންތިހާބުތަކުގައި ވޯޓު ލަމުން ދިޔަކަން އެއީ އެންމެން ވެސް ދަންނަ ހަގީގަތެއްކަމަށާއި އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރާއި އެއްގޮތަށް ސިޔާސީ ޕާޓީގެ އެތެރޭގެ އިންތިހާބެއް ކުރިޔަށް ދިއުމަކީ އެއީ އެންމެ ޑިމޮކްރަޓިކް ގޮތްކަން އޭނާ ފާހަގަ ކުރި އެވެ.

ކެމްޕޕެއިނުގައި ރައީސް ސޯލިހު ވިދާޅުވަމުން ގެންދަވަނީ އެމަނިކުފާނަކީ އެއްވެސް މީހެއްގެ އަޅަކަށް ނުވާނެކަމަށެވެ. އަދި ގޮތް ނިންމާނީ ދިވެހި ރައްޔިތުންގެ ފައިދާއަށް ބަލައިކަމަށް ވިދާޅުވި އެވެ.

ކުރިޔަށް އޮތް ފަސް އަހަރަށް އިންތިހާބު ކުރާ ސަރުކާރެއް ހޮވުމަށް ބާއްވާ ރިޔާސީ އިންތިހާބުގައި އެންމެ ބޮޑަށް ވިސްނަން ވީ ކާމިޔާބީ ގެނެސްދެވޭނެ ވެރިއެއް ހޯދުމަށްކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ އެމަނިކުފާނު ނިކުމެ ހުންނެވީ އެމްޑީޕީއަށް ކާމިޔާބު ހޯދައިދޭން ކަމަށެވެ. ޕާޓީގެ އެތެރޭގެ ޕްރައިމެރީއަށް އިޝާރާތްކޮށް ރައީސް ވިދާޅުވީ، އާއްމު މެމްބަރުންގެ ވިސްނުން ހުންނަން ވީ ކުރިން ކުރެވިފައި ހުރި ތަޖުރިބާގެ އަލީގައި ކަމަށެވެ. ހާއްސަކޮށް ރަނގަޅު ނަތީޖާއެއް ނެރެވެން އޮތީ ކޮން ގޮތަކުން ކިހިނަކުން ކުރާ މަސައްކަތެއްގެ ތެރެއިންކަން ވިސްނުމަށް ގެންނަން ޖެހޭއިރު އެ ހަނދާންތައް ފަށަން ޖެހެނީ އެމްޑީޕީގެ އެންމެ ފުރަތަމަ ވެރިކަމާއި ހަމައިންކަމަށް ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: