ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިޙްގެ ލިސްޓުގައިވާ ގޮތުން އައްޑޫގެ ތަރައްގީގެ ނަމުގައި ނަޝީދު ޖެހީ ”ސަކަރާތްގަނޑެއް“!

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ގައި އެމްޑީޕީގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓަކު ހޮވުމަށް މި މަހުގެ 28 ގައި ލާ ވޯޓަކީ އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ ކުރިމަގު ކުރަހާނެ އިންތިހާބެވެ. ޅަ ދުވަސްތަކުން ފެށިގެން ގާތް އެކުވެރިންގެ ގޮތުގައި ތިއްބެވި ދެ ބޭފުޅުންގެ ގުޅުން އެއްކޮށް ކެނޑިގެން ދިޔައީ ”ވެރިކަމަކާއި“ ހެދި އެވެ. އެއަށް ފަހު މިއަދު ރިޔާސީ ޕްރައިމެރީއަށް ދެ ބޭފުޅުން ވެސް ދެ މަގަކުން ދަތުރުކޮށް ފޯރީގައި ގެންދަވަނީ ކެމްޕެއިން ކުރަމުންނެވެ. ރައީސް ސޯލިހު މިވަގުތު އައްޑޫ ސިޓީގައި ހުންނެވި އިރު، ރައީސް ނަޝީދު ހުންނެވީ ތާއީދު ހޯއްދެވުމަށް ލ. އަތޮޅުގަ އެވެ.

އައްޑޫ ބޮޑު ޖަލްސާގެ ކުރިން، އެންމެ ފުރަތަމަ ވެސް އެ ސިޓީއަށް ވަޑައިގެން ބަނދަރު މަތީ އޮތް ބައްދަލުވުމުގައި ރައީސް އަތުރާލެއްވި ލިސްޓެއްގައި ދެއްކެވީ ރައީސް ނަޝީދުގެ ސަރުކާރުގައި އައްޑޫއަށް ކުރި ތަރައްގީގެ މަސައްކަތުގެ ”އަސްލު ނަތީޖާ“ އެވެ.

އާބާދީގެ ނިސްބަތުން ގިނަ މީހުން ދިރިއުޅެމުން ދާ އައްޑޫއަކީ، އެމްޑީޕީން އެންމެ ބޮޑެތި ވައުދުތައް ވާ ސަރަހައްދެވެ. ރައީސް ނަޝީދު ވެސް އަދި އެމްޑީޕީން ވެސް ހާއްސަ ސަމާލުކަމެއް ދޭ އައްޑޫއިން އިންތިހާބުތަކުގައި އެންމެ ބޮޑު އިންސައްތައެއްގެ ވޯޓު އެމްޑީޕީއަށް ލިބެނީވެސް އައްޑޫސިޓީންނެވެ. އެހެންވެ، އައްޑޫ ބެލެވިފައި އޮންނަނީ، އެމްޑީޕީއާއި ގާތް ގުޅުމެއް އޮންނަ ސިޓީގެ ގޮތުގަ އެވެ.

2008 ވަނަ އަހަރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް މުހައްމަދު ނަޝީދު ވަޑައިގެންނެވިއިރު އައްޑޫގެ ތަރައްގީއަށް ގިނަ ވައުދުތައްވެވަޑައިގަތެވެ. އަދި އޭގެ ފަހުން ވެރިކަމަށް ވަޑައިގެންނެވި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، ރައީސް ސޯލިހުގެ ވެސް ސަމާލުކަން އައްޑޫއަށް ލިބުނެވެ. ބޮޑެތި ވައުދުތައް ވީ ނަމަވެސް، އެކަށީގެންވާ ގޮތެއްގައި ނުވަތަ އާބާދީގެ ނިސްބަތުން އެދެވޭ ބަދަލެއް އައްޑޫއަށް ނާންނަކަމަށް ގިނަ ބަޔަކު ބުނެ އެވެ.

ރައީސް ނަޝީދުގެ ވިސްނުމުގައި އައްޑޫއަކީ، ވަކިން ތަރައްގީ ކުރަން ޖެހޭ ތަނެކެވެ. އަދި އެމަނިކުފާނުގެ ހިތުގައި އައްޑޫއަށް ވަކިން ހާއްސަ ތަފާތު ސަމާލުކަމެއް ވެސް އޮވެއެވެ. އޭރު އެމަނިކުފާނުގެ ވެރިކަމުގައި އައްޑޫގައި، ސާކް ސަމިޓް ބައްދަލުވުން ބޭއްވުމާއި އެކަމަށް ހާއްސަކޮށް އެޅި ކޮންވެންޝަން ސެންޓަރު ފާހަގަ ކުރެވެއެވެ. އެތަން މިހާރު ބޭނުން ކުރަނީ، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ގޮތުގައެވެ. ކޮންވެންޝަން ސެންޓަރަކީ، ބޮޑު ތަނަކަށް ވުމާއި ރަނގަޅު ގޮތުގައި ތަން ބޭނުން ނުކުރެވޭ ތީ އެ ބަދަލު ގެނައުމަށް ނިންމެވީ ރައީސް ޔާމީނެވެ.

ކޮންމެއަކަސް އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގެ ކެމްޕެއިން ތެރެއިން އައްޑޫއަށް ވަޑައިގެން، ފޭދޫގެ ރައްޔިތުންނާއި އެކު އޮތް ބައްދަލުވުމުގައި ރައީސް ސާލިޙް އެންމެ ބޮޑަށް ފާޑުވިދާޅުވީ ކުރީގެ ސަރުކާރުތަކުން އައްޑޫއަށް ގެނެސްދެވުނު އެކަށީގެންވާ ތަރައްގީއެއް ނެތްކަމަށް ވިދާޅުވެ އެވެ. އަދި އެންމެ ބޮޑެތި ވައުދުތައް ވަނީ އައްޑޫއަށް ނަމަވެސް، ދައުރު ނިމޭއިރު އެ ތަންފީޒު ނުކުރެވޭކަމަށް ފާހަގަކޮށް 2008 އިން 2012 އާއި ހަމައަށް އޮތް ރައީސް ނަޝީދުގެ ވެރިކަމުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވި އެވެ.

އެގޮތުން ރައީސް ސޯލިހު ވިދާޅުވީ، 2008 ގައި ރައީސް ނަޝީދުގެ ވެރިކަމުގެ ދުވަސް ވަރު ދިމާވި އިގްތިސާދީ ކާރިސާގެ ފިޔަވަޅެއްގެ ގޮތުންކަމަށް ބުނެ ސިވިލް ސާވަންޓުން ކަނޑާލައި މުސާރައިގެ އިނާޔާތްތައް ކުޑަކުރި ކަމަށެވެ. އެމަނިކުފާނު އޭރުގެ އެ ކާރިސާ އާއި އަޅާ ކިޔުއްވީ 2020 ގައި ކުރިމަތިލާން ޖެހުނު ކޮވިޑު-19 ގެ ބަލިމަޑުކަމާއި އެވެ. ދޮޅު އަހަރަށް ވުރެ ގިނަ ދުވަހަށް ދެމިގެން ދިޔަ އެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން ކުރި މަސައްކަތުގައި ސިވިލް ސާވަންޓުންގެ މުސާރަތަކަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެކަމަށާއި ޕްރައިވެޓު ކުންފުނިތަކަށް ވެސް މުވައްޒަފުންގެ ވަޒީފާތަކަށް ބަދަލު ނުގެނެވޭނެހެން ފިޔަވަޅުތައް އެޅިކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

”2008 ގެ ފައިނޭންޝިއަލް ކަރައިސިސްގައި ރާއްޖޭގެ އިގްތިސާދަށް ބޮޑު ގޮންޖެހުމެއް ކުރިމަތި ވި. އޭރު ކަންކަން ކުރެވިގެން ދިޔަ ގޮތާއި އެބޭފުޅުން ކަންތައް ކުރެއްވި ގޮތާއި މެދު ރައްޔިތުން ވިސްވަން ޖެހޭނެ“ ރައީސް ސޯލިހު

ރައީސް ނަޝީދުގެ ނަން ވިދާޅުނުވި ނަމަވެސް، އެމަނިކުފާނުގެ ވެރިކަން ކުރެއްވި ދޮޅު އަހަރު ފާހަގަކޮށް ރައީސް ސޯލިހު ވިދާޅުވީ އޭރު އެ ހާލަތުގައި އެންމެ ފުރަތަމަ ވެސް ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަތައް ކުޑަ ކުރީކަމަށެވެ. އަދި މުވައްޒަފުންގެ އަދަދަށް ބަދަލު ގެނެސް ތަފާތު އެކި ފިޔަވަޅުތައް އެޅުއްވި ކަމަށެވެ.

”އެރު ސިވިލް ސާވިސްގެ މުސާރަ ކުޑަ ކުރީ… މުވައްޒަފުން މަދު ކުރި..“ ރައީސް ސޯލިހު

ރައީސް ވިދާޅުވީ މި ފިޔަވަޅުތަކުގެ ސަބަބުން އެތައް ރައްޔިތުންނެއް އުނދަގޫ ދުވަސްތަކާއި ކުރިމަތިލާން ޖެހުނު ކަމަށެވެ. ހަގީގަތުގައި ސަރުކާރަކުން ބަލަން ޖެހޭނީ، އެފަދަ ހާލަތެއްގައި ރައްޔިތުންނަށް ވީ ވަރަކުން އެހީ ފޯރުކޮށްދޭން ނަމަވެސް އޭރުގެ ސަރުކާރުން އެއްވެސް ވިސްނުމަކާއި ނުލައި ދަތިވާ ގޮތަށް އެޅި ފިޔަވަޅުތަކެއްގެ ސަބަބުން، އާމްދަނީ ދަށްވެ ހާލުގައި އުޅެން ޖެހުނު އެތައް ބަޔަކު ތިބިކަމަށް ރައީސް ތަކުރާރު ކުރެއްވި އެވެ.

އެއަށް ފަހު ރައީސް ވިދާޅުވީ، ކޮވިޑާއި އެކު އެމަނިކުފާނުގެ ސަރުކާރުން ނިންމީ ރައްޔިތުންނަށް އެއްވެސް ދައްޗަކާއި ނުލައި އުޅެވޭނެ ގޮތެއް ހޯދުމަށްކަމަށާއި ރައްޔިތުންގެ އާމްދަނީ ދަށްވާނެ އެއްވެސް ގޮތެއް މެދުވެރިވިޔަ ނުދޭން މަސައްކަތް ކުރެއްވި ކަމަށެވެ. އަދި އެ ދުވަސްވަރު ސަރުކާރުން ދިވެހި ކޮންމެ ރައްޔިތަކަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށް ވިދާޅުވި އެވެ.

ރައީސްގެ ވާހަކައިގައި އެކަމުގެ ބައެއް ތަފްސީލުތައް ވެސް ހިމެނުއްވި އެވެ. އެއީ ކޮވިޑުގެ ތެރޭގައި، ކަރަންޓާއި ފެން ބިލުން ދިން ސަބްސިޑީ އާއި ސްޓިމިއުލަސް ލޯނު އަދި އިންކަމް ސަޕޯޓް އެލަވަންސާއި، ސިއްހީ ހިދުމަތްތެރިންނާއި ކޮވިޑުގެ އެކި މަސައްކަތްތަކުގައި އުޅުނު ހިދުމަތްތެރިންނަށް ދިން ފްރޮންޓްލައިން އެލަވެންސާއި، ވިޔަފާރިތަކަށް ދޫކުރި ލޯނުތަކެވެ. އެގޮތުން ރައީސް ވިދާޅުވީ ސަރުކާރުން ސްޓިމިއުލަސްގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ އަދި ކަރަންޓުން ދިން ޑިސްކައުންޓު ރޭޓާއި އެކު 209 މިލިއަން ރުފިޔާ އަދި ފެން ބިލުން 88 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ޑިސްކައުންޓު ދޫކުރެވުނު ކަމަށެވެ. ވިޔަފާރިތަކުގެ ތެރެއިން، 1،400 ވިޔަފާރިއަކަށް ދޫކުރި ލޯނު 347 މިލިއަން ރުފިޔާއަށް އަރާކަމަށް ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން އެކި ގޮތްގޮތުން ވަޒީފާއަށް އަސަރު ކުރި މީހުންނަށް ސަރުކާރުން ދިން އެލަވެންސްގެ ގޮތުގައި 22،000 މީހަކަށް ޖުމްލަ 421 މިލިއަން ރުފިޔާގެ ހިލޭ އެހީ އަދި، ވިޔަފާރިތަކާއި ފްރީލެންސް މަސައްކަތްތެރިންގެ 669 މީހަކަށް ޖުމަލަ 20 މިލިއަން ރުފިޔާ ދޫކުރެވުނުކަމަށް ރައީސް ވިދާޅުވި އެވެ.

ތަފްސީލުތައް ދެއްވައި، ރައީސް ވިދާޅުވީ ކޮވިޑާއި އެކު ސަރުކާރުން ރައްޔިތުންނަށް މި އެހީތައް ފޯރުކޮށް ނުދިން ނަމަ ދިވެހި ގައުމާއި ރައްޔިތުން ތިބެން ޖެހޭނީ ނިކަމެތި ހާލަތެއްގައި ކަމަށެވެ. އަދި ގައުމު ބަނޑަށް ޖެހުނީސްކަމަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ މިއަދު ރައްޔިތުންނަށް ހަމަޖެހިލައި ނިކުމެ، އަލުން ކުރިން އޮތް ދިރިއުޅުމާއި އެއްގޮތަށް އުޅެވެނީ އެ ދުވަހު ސަރުކާރުން ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ.

ރައީސް ވަނީ ހިތްހަމަނުޖެހުންފާޅުކޮށް، މިއަދު ވަކި ބަޔަކަށް އެއީ ސަރުކާރުންކޮށް ނުދޭ މަސައްކަތެއްގެ ގޮތުގައި ހީވާ ކަމަށެވެ. އެމަނިކުފާނު އެ އިޝާރާތް ކުރެއްވީ ކޮވިޑު މެނޭޖު ނުކުރެވޭކަމަށާއި، އިގްތިސާދީ ގޮތުން އެޅި ފިޔަވަޅުތައް ގޯސްކަމަށް ރައީސް ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަތަކެވެ.

ކޮވިޑުގެ ސަބަބުން އުނދަގޫތަކެއް ދިމާވިކަން ގަބޫލު ކުރައްވާކަމަށާއި އެ ހާލަތާއި އެކު މުޅި ދުނިޔެ ވެސް ހުއްޓުނުކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ އިގްތިސާދަށް އައި ހުރަސްތަކުގައި، އެންމެން އެއްކޮށް މަސައްކަތްކޮށް ސަރުކާރުގެ ވަޒީރުންނާއި މުވައްސަސާތަކުން ހުއްޓުމެއް ނެތި ރައްޔިތުންނަށް ހިދުމަތް ދިންކަމަށް ރައީސް ވިދާޅުވި އެވެ. މިއީ 2008 ގައި އަމަލު ކުރި ގޮތަށް، ކުރި މަސައްކަތަތަކެއް ނަމަ ރާއްޖެ ސަލާމަތް ނުކުރެވުނީސްކަމަށް ރައީސް ވިދާޅުވި އެވެ. އަދި އޭރު މުވައްސަސާތަކާއި އިދާރާތަކުގެ ވެރިންގެ މިއަދު ތިބި ނަމަވެސް ގޯސް ނަތީޖާތަކެއް ނިކުތީސްކަމަށް ދޭހަވާ ގޮތަކަށް ރައީސް ވާހަކަ ދެއްކެވި އެވެ.

”އޭރު އެކަން ކުރި ގޮތަށް ކަން ކުރާ ބަޔަކު ތިބެގެން.. އަޅުގަނޑެއް ގަބޫލެއް ނުކުރަން މި ރާއްޖެ ސަލާމަތް ކުރެވޭނެކަމަކަށް“ ރައީސް ސޯލިހު

ރައީސް ނަޝީދުގެ ސަރުކާރަށް އަމާޒުކޮށް ރައީސް ވިދާޅުވީ، އައްޑޫގެ ރަށްތަކަށް ތަރައްގީ ގެންނަނަވާނެކަމަށް ބުނެ ކުއްލި ބޮޑެތި ނިންމުންތައް އޮތީ ނިންމާފައި ކަމަށެވެ. އަދި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހިންގާނެކަމަށް ބުނެ، ގެނެވުނު ސިޔާސަތުތަކުގައި ނަތީޖާއެއް ނެތްކަމަށް ވިދާޅުވި އެވެ. އެކި ނަންތަކުގައި އައްޑޫގައި ރައީސް ނަޝީދު ފައްޓަވާނެކަމަށް އިއުލާނު ކުރި މަޝްރޫއުތައް ކޮބައިތޯ ސުވާލު އުފައްދަވައި ރައީސް ސޯލިހު ވިދާޅުވީ އެއީ ޕްލޭނެއް ނެތި ދައްކަވާ ވާހަކަތައް ކަމަށެވެ.

އެއްވެސް ރޭވުންތެރިކަމެއް، ފަހުން ވެދާނެ ގޮތެއް އެ މަޝްރޫއަކުން ނިކުންނާނެ ނަތީޖާ އާއި ފައިދާ އަދި ގެއްލުމެއް ބެލުމެއް ނެތް ނަމަ މަޝްރޫއެއް ނުފެންނާނެކަމަށް ވިދާޅުވި އެވެ.

”ކުރީގެ ސަރުކާރުތަކުން އެބަހުރި، ޕްރޮޖެކްޓުތައް ހިންގަން އުޅެފައި.. މި ސިޓިގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ ނަމުގައި ކަންތައް ހިންގި ނަމަވެސް ކިހިނެއް ތޯ ވީ..؟ ކިތަށް އަހަރު އެކަމުގައި އުޅެން ޖެހުނު ތޯ…؟“ ރައީސް ސޯލިހު

އައްޑޫގައި ރައީސް ނަޝީދުގެ ސަރުކާރުން ސާކްސަމިޓަށް އެޅި ކޮންވެންޝަން ސެންޓަރަކީ އެއީ އެއްވެސް ދެމެހެއްޓެނިވި މަސައްކަތެއް ނޫންކަމަށް ރައީސް ވިދާޅުވި އެވެ. އެ މަޝްރޫއު ރައީސް ފާހަގަކުރެއްވީ، ތަރައްގީގެ ނަމުގައި ޕްލޭނެއް ނެތި އައްޑޫއަށް ގެނައި ޕްރޮޖެކްޓުތަކުގެ މިސާލެއްގެ ގޮތުގަ އެވެ. އަދި މަގު ހެދުމަށްކަމަށް ބުނެ އެތައް އަހަރުތަކެއް ވީ ބޮޑެތި ބިޔަ ގަސްތައް ކަނޑާލައި، މަގުތައް ހަނދަން ފެށިއިރު އެކަމެއް ނުނިންމުނުކަމަށް ރައީސް ވިދާޅުވި އެވެ. އަދި ތަރައްގީއަށްކަމަށް ބުނެ އެކި ކުންފުނިތަކާއި ހަވާލު ކުރި އެއްވެސް މަސައްކަތެއްގެ ނަތީޖާއެއް ފެންނަން ނެތްއިރު އައްޑޫއަށް ހައްގުވާ މިންވަރަކީ އެއީ ތޯ ރައީސް ސުވާލު ކުރެއްވި އެވެ.

”މިސާލަކަށް، ސާކް ސަމެޓަށް ބައެއް މަސައްކަތްތައް… އެއީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވިފައިވާ ކަމެއް ނޫން“ ރައީސް ސޯލިހު

ރައީސް ސޯލިހު ދެން ފާޑުވިދާޅުވީ، ރައީސް ނަޝީދުގެ ޓްރާންސްޕޯޓް ޕްރޮޖެކްޓުތަކަށެވެ. އެގޮތުން ދަތުރުފަތުރުގެ ނިޒާމާއި ގުޅުވައި ރައީސް ނަޝީދު ކުރެއްވި މަސައްކަތް އެއީ ބޮޑު ”ސަކަރާތެއް” ގެ ގޮތުގައި ސިފަކޮށް ރައީސް ވިދާޅުވީ އެކަން ކުރި ގޮތަކީ “ސަތަރި ދޯންޏެއް” އޮތް ކޮންމެ މީހަކަށް ފަޅު ރަށްތައް ދީގެން ކަމަށެވެ. އަދި އެއްވެސް އުސޫލެއް ނެތި، ފަޅު ރަށްތަކަށް “ބަހަމުން” ގެންދިޔަކަމަށް ވިދާޅުވި އެވެ. އޭގެ ފަހުން އެތައް އަހަރެއްވީ އިރު ވެސް އެކަމުން އަރައިގެނެވިފައި ނުވާކަމަށް އިޝާރާތްކޮށް ރައީސް ވިދާޅުވީ ސަރުކާރުން އަދިވެސް އުޅެނީ އެ ”ސަކަރާތްގަނޑުން ސަލާމަތް ނުވެވިގެން” ކަމަށެވެ.

ރައީސް ވިދާޅުވީ އެގްރިމަންޓުތައް ހަދާފައި ހުރީ އޮޅުން އަރާ ގޮތްގޮތަށް، އެއްވެސް ވިސްނުމެއް ނެތި ކަމަށެވެ. ބަދަލެއްގެ ގޮތުގައި އެތައް ސަތޭކަ މިލިއަނެއް ހޯދަން ކުންފުނިތަކުން ޑިމާންޑު ކުރާއިރު 250، މިލިއަނަށް ވުރެ ބޮޑެތި އަދަދަށް ކުރާ ޑިމާންޑުތައް ފުރިހަމަ ކުރާނެ ގޮތަކާއި މެދު އެމަނިކުފާނު ސުވާލު ކުރެއްވި އެވެ.

އެކަންކަމުން ފިލާވަޅު ލިބިގަނެ، މި ސަރުކާރުން މަސައްކަތް ކުރަނީ ކަރުދާސްތަކުގައި ރާވައި އެކަން ހިމަނައިގެންކަމަށް ރައީސް ވިދާޅުވި އެވެ. ރައްޔިތުން މިއަދު ތިބީ އެހެންވެ ހިތްހަމަޖެހިފައިކަމަށާއި އައްޑޫ ރައްޔިތުންނަށް އަސްލު ތަރައްގީގެ ވާހަކަތައް ދެއްކުނީ އަދި ކިރިޔާކަމަށް ރައީސް ވިދާޅުވި އެވެ. އައްޑޫގެ ތަރައްގީގެ މަސައްކަތްތައް ފާހަގަކޮށް ރައީސް ވިދާޅުވީ ސަރުކާރުން އައްޑޫގައި 100 ކިލޯމީޓަރުގެ މަގުތައް ހެދުމުގެ މަސައްކަތް ކުރިޔަށް ދާކަމަށެވެ. އަދި ބަނދަރުތަކުގެ މަސައްކަތްތަކާއި، ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ނިމުމަކާއި ގާތްވެފައިވާކަމަށް ވިދާޅުވި އެވެ.

އައްޑޫގައި މިއަދުގެ ސަރުކާރުން ބިން ހިއްކުމުގެ މަސައްކަތްތަކާއި، ފަތުރުވެރިކަން ފުޅާ ކުރުމަށް މަސައްކަތް ކުރާކަމަށް ރައީސް ވިދާޅުވި އެވެ.

ޒަމާންތަކެއް ވީ އައްޑޫ ގޭން އިންޓަނޭޝަނަލް އެއާޕޯޓަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭއިރު ފަތުރުވެރިކަމަށް ކުރިއެރުމެއް އޮތީ ވެސް އެއަށް ފަހުކަމަށް ރައީސް ވިދާޅުވި އެވެ. ސަރުކާރުން މިހާރު މަސައްކަތް ކުރަނީ ސަރުކާރު ވިދާޅުވި ގޮތުގައި، އެއާޕޯޓު ތަރައްގީ ކުރުމަށް، ފައިނަލް އިވެލުއޭޝަންގެ މަސައްކަތެވެ.

އެމްޑީޕީގެ ސިޔާސަތަކީ، ތަރައްގީއަކީ ގައިން ތާހިރުވުންކަމަށާއި އައްޑޫގެ ރައްޔިތުންނަށް ތަރައްގީ ފެންނަން ފެށީ މިއަދުގެ ސަރުކާރުގައިކަމަށް ރައީސް ވިދާޅުވި އެވެ.

”އަދި ކިރިޔާ… އަދި ކިރިޔާ އައްޑޫގެ ރައްޔިތުންނަށް ތަރައްގީގެ ވާހަކަ ދައްކާލެވޭ ވަރުވީ“ ރައީސް

ކުރިޔަށް މިއޮތީ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީ އެވެ. އިންތިހާބުގައި ވާދަ ކުރައްވާ ރައީސް ސޯލިހާއި، ރައީސް ނަޝީދު ދެމެދު ބަހުގެ ހަމަލާތައް ވަރަށް ބޮޑަށް ވަނީ އަމާޒުވެފަ އެވެ. ސަރުކާރަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވޭކަމަށް ބުނެ، ރައީސް ނަޝީދު ދައްކަވާ ވާހަކައިގެ ރައްދަށް ރައީސް ސޯލިހު ދައްކަވަނީ 2008 އިން 2012 އާއި ދެމެދު އޮތް ވެރިކަމުގައި ކަންތައް ހިނގި ގޮތެވެ. ޕްރޮޖެކްޓުތަކަށް ވާނުވާއެއް ނޭނގޭކަމާއި، އަދި ސޮއި ކުރި މަޝްރޫއުއެއް ނަމަ އެއީ ކުރިމަގަށް ވިސްނުމެއް ނެތި އަދި ޕްލޭނަކާއި ނުލާ ގެންނަ ޕްރޮޖެކްޓުތަކެއް ކަމަށް ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ނަން ވިދާޅު ނުވެ، ރައީސް ކޮންމެ ޖަލްސާއެއްގައި ވެސް އެމަނިކުފާނުގެ ދޮޅު އަހަރުގެ ސަރުކާރާއި އެ ވެރިކަން ބަދަލުވީ ރަނގަޅަށް ނޫންކަން ތަކުރާރު ކުރައްވަ އެވެ. ވާނީވެސް އެހެންނެވެ. ނަޝީދު ދައްކަވަނީ ރައީސް ސާލިޙްއަށް ނުވާ ވާހަކައެވެ. އެހެންވީމާ ރައީސް ސާލިޙް ދައްކަވަން ޖެހޭނީ ރައީސް ނަޝީދަށް ވެރިކަން ދިނުމުން ނުވި ވާހަކައެވެ. ނުވަތަ ނުވެގެން އިސްތިއުފާ ދެއްވި ވާހަކައެވެ.

ކޮންމެއަކަސް ވެރިކަމުގައި “ސަކަރާތް” ޖެއްސެވީ ނުވަތަ ޖައްސަވަނީ ކާކުކަން އެމްޑީޕީގެ މެމްބަރުން ނިންމާ ގޮތް ކަނޑައަޅަން ދެން މާ ގިނަ ދުވަހެއް ނެތެވެ. ބޭނުން ވަނީ ފިކުރެއްގެ ދިރުންތޯ ނުވަތަ ދާން ބޭނުން ވަނީ ކުރިއަށްތޯ ނިންމާ ނިންމުން އެއީ ދެ ރައީސުންގެ ސިޔާސީ މުަސްތަގުބަލާއި ގުޅިފައިވާ ނިންމުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: