ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ވިދާޅުވީ ޕާޓީއަށް ވެރިކަން ހޯދައި ދެވޭނެ އިތުރު މީހެއް އެމަނިކުފާނު ނޫނީ ނެތްކަމަށް!

އެމްޑީޕީގެ ރިޔާސީ ޕްރައިމެރީ: ރައީސްގެ އައްޑޫ ދަތުރުފުޅުގެ ތެރެއިން- އައްޑޫގެ ކުރީގެ މޭޔަރާއި ރައީސް ސޯލިހު/ ފޮޓޯ: ސަންގު - މުހައްމަދު އަހުޒަމް އަހުމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ބުރަ މަސައްކަތުން އެމްޑީޕީން ގެނައި ޕާޓީގެ ފުރަތަމަ ވެރިކަމަށް ވެގެން ދިއުމަށް ތަކުރާރުވާން ރައްޔިތުން ބޭނުން ނުވާކަމަށާއި، މިވަގުތު އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވެން އޮތީ އެމަނިކުފާނަށް އެކަނިކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

2023 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރާނެ ކެނޑިޑޭޓެއް ހޮވުމަށް ބާއްވާ އިންތިހާބުގައި ވާދަ ކުރައްވަނީ ޕާޓީގެ އިސް ލީޑަރު ރައީސް ސޯލިހާއި، ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

މި މަހުގެ 28 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގެ ކެމްޕެއިންތައް ފޯރިއާއި އެކު ކުރިޔަށް ދާއިރު ދެ ރައީސުން ވެސް ތިއްބެވީ ކެމްޕެއިނަށް އަތޮޅު ތެރޭގަ އެވެ. ސިޔާސީ ގޮތުން ހިޔާލުތަފާތުވުން އުފެދިފައި ވާތީ، ގުޅުން ގޯސްވެ ރައީސް ސޯލިހާއި ރައީސް ނަޝީދާއި ދެމެދު އެކި ގޮތްގޮތުން ބަހުގެ ހަމަލާތައް ވެސް ދަނީ އަމާޒުވަމުންނެވެ. އަދި ކެމްޕެއިން ޓީމުތަކުގެ މެދުގައި ތަފާތު އެކި ތުހުމަތުތައް ކުރެވޭކަން ފާހަގަ ކުރެވެ އެވެ.

އެކި ޖަލްސާތަކާއި ބައްދަލުވުންތަކުގައި ރައީސް ނަޝީދު، ރައީސް ސޯލިހާއި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާއިރު ޖެހިގެން އަންނަ ބައްދަލުވުމެއްގައި ރައީސް އެ ވާހަކަތަކަށް ރައްދު ދެއްވަ އެވެ. އެމްޑީޕީގެ އާއްމު މެމްބަރުން ތިބީ ރައީސް ސޯލިހު އިތުރު ދައުރަކަށް ގެނައުމުގެ ވިސްމުގައި ނޫންކަމަށާއި ޓިކެޓު ހޯއްދަވައިފި ނަމަ އެމްޑީޕީއަށް ލިބޭނީ ގެއްލުންކަމަށް ބުނެ ދައްކަވާ ވާހަކައިގެ ރައްދު ދެއްވައި މިއަދު ރައީސް ވިދާޅުވީ ޕާޓީއަށް ވެރިކަން ހޯދައިދެވޭނެ އިތުރު ބޭފުޅެއް އެމަނިކުފާނު ނޫނީ ނެތް ކަމަށެވެ.

އައްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މަރަދޫއަށް ވަޑައިގެން ރައީސް ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ކުރިމަގަށް ވިސްނާ ޕާޓީއެއް ކަމަށެވެ. އެހެންކަމުން ޕްރައިމެރީއަކާއި ކުރިމަތިލައި ވޯޓު ދޭނީ ވެސް ރާއްޖޭގެ ހުރިހާ ހިސާބެއްގެ ތަރައްގީއާއި މެދު ވިސްނައި އެ ސިޔާސަތު ތަންފީޒު ކުރެވެން އޮތް ގޮތަކާއި މެދު ވިސްނުމަށް ފަހުކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން އެދޭ ތަރައްގީއާއި ހަމައަށް ވާސިލުވުމަށް ރިޔާސީ ޕްރައިމެރީ އަދި ރިޔާސީ އިންތިހާބު ވެސް ކާމިޔާބު ކުރަން ޖެހޭ ކަމަށެވެ.

އެހެންވެ، ރައީސް ގޮވާލެއްވީ ތަރައްގީގެ މަޝްރޫއުތަކާއި ޕްރޮޖެކްޓުތަކަށް ހުއްޓުމެއް އަޔަ ނުދީ ކުރިޔަށް ދިއުމަށް އެމަނިކުފާނަށް ވޯޓުދެއްވުމަށެވެ. އަދި މިއީ ގައުމީ މަސައްކަތެއްގެ ގޮތުގައި ދެކުމަށް ވެސް އިލްތިމާސް ކުރެއްވި އެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނު ރައްޔިތުންގެ މަޖިލީހުގައި 25 އަހަރު ހޭދަ ކުރެއްވުމަށް ފަހު ގައުމުގެ ރައީސްކަމުގެ މަގާމު ވެސް އަދާކޮށް ދެން ގޭގައި ހުންނެވުމަކީ ވަރަށް ފަސޭހަ ދިރިއުޅުމަކަށް ވާނެކަމަށެވެ. ނަމަވެސް، ޕާޓީއާއި ގައުމަށްޓަކައި ކުރަން ބޭނުންވާ ހިދުމަތްތައް ހުރުމާއި އެކު މި މަސައްކަތަށް ނިކުންނަން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

”ވަރަށް ފަސޭހަ އެއް ދައުރު ނިންމާފައި ގޭގައި ހުންނަން.. އެއްވެސް ކަމެއް ނޫން.. މަޖިލީހުގައި 25 އަހަރު އުޅެފިން.. ރިޔާސީ ދައުރެއް ނިމުނީ.. އެހެން ނަމަވެސް، ޕާޓީއަށްޓަކައި އަޅުގަނޑުމެން ވީ ވައުދުތައް ފުއްދުމަށް މިކަން ކުރަން އެބަޖެހޭ“ރައީސް ސޯލިހު

މީގެ ކުރީގެ ޖަލްސާތަކުގައި ދެއްކެވި ވާހަކަތައް އަނެއްކާވެސް ތަކުރާރު ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ އެއްވެސް ސިޔާސީ ޕާޓީއަކަށް އެކަނި ރިޔާސީ އިންތިހާބެއް ކާމިޔާބު ނުކުރެވޭނެކަމަށެވެ. އެހެންކަމުން އެކަމަށް އެހެން ކުދި ސިޔާސީ ޕާޓީތަކުގެ އެހީއާއި އެކު ކޯލިޝަނެއް ހަދަން ޖެހޭއިރު، އެމަނިކުފާނު ވިދާޅުވީ ތަފާތު އެކި ސިޔާސީ ފިކުރުގެ މީހުންނާއި އެކު ކުރިޔަށް ދިއުމުގެ ގާބިލުކަމާއި އެ ވިސްނުން އެބަހުރި ކަމަށެވެ.

މިސާލެއްގެ ގޮތުގައި ރައީސް ދެއްކެވީ 2018 ގެ ރިޔާސީ އިންތިހާބަށް އެކުލަވާލި ކޯލިޝަން އަދިވެސް ދެމި އޮތުމެވެ. އަދި މިއަދާއި ހަމައަށް އެ ގުޅުން ދެމި އޮތީ މީހުން ގޮވައިގެން އުޅެން އެނގިލައްވާތީ ނޫން ތޯ އެމަނިކުފާނު ސުވާލު ކުރެއްވި އެވެ.

ރާއްޖެއަށް މަލްޓި ޕާޓީ ޑިމޮކްރަސީ ގެނެސް، ރައްޔިތުންގެ ތާއީދާއި އިތުބާރު ހޯދައި ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މަޖުބޫރު ކުރުވި އެމްޑީޕީގެ ފުރަތަމަ ވެރިކަމަށް ވެގެން ދިޔަ ގޮތަކީ އަދިވެސް ޕާޓީގެ އާއްމު މެމްބަރުންގެ ހަނދާނުގައި ހުރި ދުވަސްތައްކަން ފާހަގަކޮށް ރައީސް ސޯލިހު ވިދާޅުވީ ދޮޅު އަހަރު ނުވަނީސް ވެރިކަން ބަދަލުވުން ދިވެހިން ދެން ތަކުރާރު ވާން ބޭނުން ނުވާ ކަމަށެވެ.

2008 ގައި އެމްޑީޕީން ގެނައި ވެރިކަން 2012 ގައި ބަދަލުވެގެން ދިއުމަށް ފަހު އެތައް އަހަރެއް އެމްޑީޕީ މަގުމަތީ ހޭދަ ކުރަން ޖެހުނު އިރު އޭގެ ތެރެއިން ގިނަ މީހުންނަކީ ޖަލަށް ދާން ޖެހުނު މީހުންކަމަށް ރައީސް ވިދާޅުވި އެވެ. އެހެންވެ، ސުލްހަ އާއި ހަމަޖެހުމަށް އެމަނިކުފާނަށް ވޯޓު ދެއްވުމަށް ރައީސް އެދިވަޑައިގަތެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމެރީއަށް ދެން ބާކީ އޮތީ 13 ދުވަހެވެ. މި އިންތިހާބަށް އެހެން ސިޔާސީ ޕާޓީތަކުގެ ނަޒަރުތައް ވެސް ހުއްޓިވައިފާއިރު ރާއްޖޭގެ ހުރިހާ މީޑިއާތަކެއްގެ ކަވަރޭޖު ވެސް މިވަގުތު އަމާޒުވެފައި ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީއަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: