ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ރައީސް ޔާމީންގެ ވަކީލުންނަށް ދޫކޮށްފި

ޝަރީއަތަކަށްފަހު ރައީސް ޔާމީން އެނބުރި ޖަލަށް ގެންދަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށް ސާބިތުވާކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ވ. އާރަށުގެ މައްސަލައިގައި ކުރިޔަށް ދިޔަ ދައުވާތަކުގެ ޝަރީއަތް ނިމުނު ގޮތުގެ ތަފްސީލު ރިޕޯޓު ލިބިފައިވާކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ހާމަކޮށްފި އެވެ.

ވ. އާރަށް ވިއްކައިގެން އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާއަށް ހިޔާނާތްވެ، އެ ފައިސާއިން މަންފާ ނެންގެވިކަމުގެ ކުށް ރައީސް ޔާމީންގެ މައްޗަށް ސާބިތުވީ މިދިޔަ ޑިސެމްބަރު 25 ގަ އެވެ. އެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކޯޓުން ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ކުރިޔަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 05 މިލިއަން ޑޮލަރު ދެއްކުމަށް ވެސް ހުކުމްކޮށްފަ އެވެ.

ރައީސް ޔާމީނަށް އިއްވި ހުކުމް އިސްތިއުނާފަށް ހުށަހަޅާފައި ނުވާކަމަށް ބައެއް މީޑިއާތަކުން މިދިޔަ ހަފްތާގައި ރިޕޯޓު ކުރުމުން އެމަނިކުފާނުގެ ގާނޫނީ ވަކީލުން ވަނީ ޝަރީއަތް ނިމުނު ގޮތުގެ ތަފްސީލު ރިޕޯޓު ލިބިފައި ނުވާކަމަށް މައުލޫމާތު ދީފަ އެވެ. ހައިކޯޓުގައި މައްސަލަ އިސްތިއުނާފު ކުރުމަށް 60 ދުވަސް ލިބިފައިވާއިރު ރައީސް ޔާމީންގެ ގާނޫނީ ވަކީލު އަބްދުﷲ ޝިޔާޒް ވިދާޅުވީ އެ މަސައްކަތަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ކުރިޔަށް ދާނެ ކަމަށެވެ. އަދި ހުކުމް އިއްވިތާ އަދި މަސް ދުވަސް ވެސް ވެފައި ނުވާއިރު އިސްތިއުނާފު އަވަސް އަރުވާލައިގެން ކޯޓަށް ހުށަހަޅަން ޖެހޭ ސަބަބެއް ނެތްކަމަށް އޭނާ ވިދާޅުވި އެވެ.

ދަށު ކޯޓުން ރައީސް ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ހުކުމް އިސްތިއުނާފު ކުރުމަށް ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު މަޙްޟަރު ބަޔާންތަކާއި އެކު ބޭނުންވާއިރު އެ ލިޔެކިއުންތައް ހޯދުމަށް ހުކުމް އިއްވި ދުވަހު ހުށަހެޅިކަމަށް ޝިޔާޒް ވިދާޅުވި އެވެ. ހުކުމް އިއްވާ ދުވަހު ހުލާސާ ރިޕޯޓު ދިނުމަށް ގާނޫނުން ލާޒިމް ކުރާއިރު އެ ރިޕޯޓު  ނުލިބި ދިގުލައިގެން ދިއުމުން ޝިޔާޒް ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.

ތަފްސީލު ރިޕޯޓުތައް ލިބިފައިވާތީ އެކަން ހާމަކޮށް، ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް ވިދާޅުވީ ލިޔެކިއުންތައް ލިބުނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. އެނާ ވިދާޅުވީ ކުރިޔަށް އޮތީ ބުރަ ދުވަސްތަކެއްކަމަށާއި، ގާނޫނީ ޓީމުން ކުރިޔަށް ގެންދަން ޖެހޭ ދިރާސާތަކަށް ފަހު ވީހާވެސް އަވަހަށް އިސްތިއުނާފު ކޯޓަށް ހުށަހަޅާނެ ކަމަށެވެ.

ކުރިޔަށް އޮތީ ރިޔާސީ އިންތިހާބުކަމަށްވުމާއި އެކު، މައްސަލައިގައި ނިހާއީ ހުކުމެއް އޮތުން މުހިންމެވެ. ރައީސް ޔާމީން ހުންނެވީ ހުކުމެއްގައިކަމަށްވުމުން ގާނޫނީ ދާއިރާގެ ބޭފުޅުންގެ ނަޒަރުގައި އެމަނިކުފާނަށް އެ ފުރުސަތު ބަންދުވާނީ ސުޕްރީމް ކޯޓުން ދަށު ކޯޓުގެ ހުކުމަށް ތާއީދު ކުރުމުންނެވެ. އަދި ނިހާއީ ހުކުމެއް ނެތުމާއި އެކު، އިންތިހާބީ ކެނޑިޑޭޓެއްގެ ހައްގަށް ބަލައި ވާދަކުރުމުގެ ފުރުސަތު އޮންނާނެކަމަށް ވަނީ ބުނެފަ އެވެ.

އިދިކޮޅުން ވެސް ދަނީ ތަކުރާރުކޮށް، ރައީސް ޔާމީނަކީ ރިޔާސީ ކެނޑިޑޭޓުކަމަށް ބުނަމުންނެވެ. އަދި އެމަނިކުފާނުގެ ނަން ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި އޮންނާނެކަމަށް ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: