ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު، ސަރުކާރަށް: ފައިދާ ހޯދައި ދީ، ދަމަހައްޓާ ކޯލިޝަނަކީ ”ރިވެތި ސިޔާސީ މަސައްކަތެއް“ ނޫން!

އެމްޑީޕީ ރިޔާސީ ކެމްޕެއިން ޖަލްސާއެއްގައި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: އަރީހު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވާ، ކޯލިޝަން ދެމެހެއްޓުމުގެ ފޯމިއުލާއަކީ ޕާޓީތަކުން ބޭނުންވާ މަންފާތައް ނަގައިދީ އިތުރަށް މުއްސަނދި ކުރުން ތޯ އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސުވާލު އުފައްދައިފި އެވެ.

އެއްވެސް ޕާޓީއަކަށް އެކަނި ވެރިކަމަށް އާދެވޭނެ މިންވަރަށް ތާއީދެއް ނެތްކަމަށް ތަކުރާރުކޮށް ފާހަގަކުރައްވައި ރައީސް ސޯލިހު ގެންދަވަނީ ސަރުކާރެއް އެކުލަވާލުމަށް ކުދި ސިޔާސީ ޕާޓީތަކުގެ އެހީ ބޭނުންވާ މިންވަރާއި ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ. އަދި އެމަނިކުފާނު ވިދާޅުވާ ގޮތުގައި ސިޔާސީ ގޮތުން ހިޔާލުތަފާތު، އެހެން ވިސްނުންތަކުގެ މީހުންނާއި އެކު އެއް މޭޒެއްގައި ވާހަކަދައްކައި އެކުގައި މަސައްކަތް ކުރުމުގެ ގާބިލުކަން ހުރީ އެމަނިކުފާނުގެ އެވެ. މިސާލެއްގެ ގޮތުގައި ރައީސް ސޯލިހު ދައްކަވަނީ 2008 ގައި ވެރިކަމަށް އައުމަށް، ރައީސް ނަޝީދު އެކުލަވާލި ކޯލިޝަން ދެ މަސް ދުވަހުގެ ތެރޭގައި ރޫޅިގެން ދިއުމާއި 2013 ގައި ވެރިކަމަށް އައުމަށް ރައީސް ޔާމީން އެކުލަވާލި ކޯލިޝަން ވެސް ވެރިކަމަށް ހަ މަސް ނުވަނީސް މައްސަލަތައް ޖެހި ރޫޅިގެން ދިއުމެވެ.

ވެރިކަމަށް އައުމަށް 50 އިންސައްތައަށް ވުރެ މަތީން ވޯޓު ބޭނުންވާއިރު، ރައީސް ސޯލިހު ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ދައުރު ނިމިގެންދާއިރު ވެސް ލީޑަރުންގެ ގުޅުން ދެމި އެބައޮތްކަމަށާއި 2023 ގައި ވެސް އޮންނާނީ ކޯލިޝަން ވެރިކަމެއްކަމުގަ އެވެ. ނަމަވެސް، ރައީސް ނަޝީދު އެ ވިސްނުމާއި ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެވެ. އެމަނިކުފާނު ވިދާޅުވީ، ކޯލިޝަނެއްގެ ސަބަބުން ސަރުކާރުގެ ތެރެއަށް ނުރަނގަޅު ނުފޫޒުތައް ވަދެ އެވެ. އަދި ވެރިކަން ކުރާ ޕާޓީއަށް ވުރެ ބޮޑަށް އޮންނަނީ އެހެން ޕާޓީތަކުގެ ބާރުކަމަށް ވަނީ ވިދާޅުވެފަ އެވެ. ކޯލިޝަނެއް އޮތުމަކީ މައްސަލައެއް ނޫންނަމަވެސް ގޯސް ވަނީ އެ ޕާޓީތަކުގެ ނުފޫޒުގައި ޖެހުންކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ކެމްޕެއިނަށް ގދ. އަތޮޅަށް ވަޑައިގެން މަޑަވެލީގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ކޮންމެ އިންތިހާބަކާއި ދިމާކޮށް ވެސް އެމްޑީޕީގެ ވަކި ތަސައްވުރެއް އޮންނަ ކަމަށެވެ. އަދި އޭގެ ބޭނުމަކީ ރައްޔިތުންނަށް ލިބޭ މަންފާ އެތައް ގުނައެއް އިތުރުވުންކަމަށް ވިދާޅުވި އެވެ.

އެމްޑީޕީގެ އުސޫލަކީ އަދި އަމާޒަކީ ރައްޔިތުންގެ ޖީބަށް ވަންނަ ފައިސާ އިތުރު ކުރުންކަމަށާއި ދައުލަތުގެ އާމްދަނީ މިވީ 10 އަހަރުގެ ތެރޭގައި އިތުރުވީއިރު އާއްމު ރައްޔިތު މީހާގެ އާމްދަނީއަށް އިތުރުވުމެއް އައުމުގެ ބަދަލުގައި އެ މީހާގެ ދިރިއުޅުމަށް ކުރަން ޖެހޭ ހަރަދުތައް ވީ ބުރަކަމަށް ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ އެއީ އެމްޑީޕީ ބޭނުންވާ ގޮތެއް ނޫން ކަމަށެވެ. އަދަދުތަކުން، ދައުލަތުގެ އާމްދަނީ އިތުރުވާއިރު އޭގެ މަންފާ އާއި ފައިދާ ރައްޔިތުންނަށް ނުކުރަންވީ ސަބަބަކާއި މެދު ރައީސް ނަޝީދު ސުވާލު އުފެއްދި އެވެ.

”ސަރުކާރުން އިސްކަންދިނީ އިއްތިހާދެއް ހިފެހެއްޓުމަށް – އެކަމުގެ ފޯމިއުލާ އެނގިވަޑައިގަންނަވާކަމަށް އެވިދާޅުވާ ވާހަކައަކީ، ވިޔަފާރީގެ އުސޫލުން އެވެނި އެއްޗެއް މިވެނި ސިޔާސީ ލީޑަރަކަށް. އޭގެ ބަދަލުގައި އެލީޑަރެއްގެ ޕާޓީގެ ތާޢީދު ލިބުން. އެހެން މިދެއްވެނީ ރައްޔިތުންގެ އިހްސާސްގައި ހިމެނޭ ޤުދުރަތީ ވަސީލަތެއް“ ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ ދިރިއުޅުން އާރާސްތު ކުރަން އެހީވުމުގެ ބަދަލުގައި ސަރުކާރުން އިސްކަން ދިނީ ކޯލިޝަނުގެ ޕާޓީތައް ރުއްސައިގެން އުޅެވޭނެ ގޮތެއް ހޯދުމަށްކަމަށެވެ. އަދި އެމްޑީޕީގެ ސިޔާސަތުތައް ސަރުކާރަށް ތަންފީޒު ނުކުރެވުނީ، އިއްތިހާދެއް ދެމެހެއްޓުމަށް ދިން އިސްކަން ބޮޑުވުމުންކަމަށް ވެސް ވިދާޅުވި އެވެ.

ކޯލިޝަން ދެމެހެއްޓުމުގެ ފޯމިއުލާ އެނގިވަޑައިގަންނަވާކަމަށާއި، 2013 ގައި އެމްޑީޕީއާއި އެކު ކޯލިޝަން ހަދާނެ ޕާޓީއެއް ނުވީ ކެނޑިޑޭޓުގެ ސަބަބުންކަމަށް ރައީސް ސޯލިހު ތަކުރާރުކޮށް ވިދާޅުވެފައި ވާތީ އެކަމުގެ ރައްދުގައި ރައީސް ނަޝީދު ވިދާޅުވީ އެއީ އެއްވެސް ހާލަތެއްގައި ”ރިވެތި ސިޔާސީ މަސައްކަތެއް“ ނޫން ކަމަށެވެ.

އެ ވިދާޅުވާ ފޯމިއުލާއަކީ ކޯލިޝަން ޕާޓީއަކުން ބޭނުންވާ ގޮތަށް ވިޔަފާރީގެ މަންފާ ހޯދައިދީ، މުއްސަނދިކަން ހޯދައިދިނުން ނުވަތަ ދައުލަތުގެ މުދަލުން ނަހަމަގޮތުގައި މަންފާ ނަގައިދިނުން ތޯ ސުވާލު ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ހޯދައި ދޭ ފައިދާއަކަށް ތާއީދު ލިބޭނެކަމަށް ދެކުމުގެ ސަބަބުން ހުރަސް އެޅެނީ ރައްޔިތުންގެ އިތުބާރާއި ރަށްތަކުގެ ތަރައްގީއަށް ކަމަށެވެ.

މި މަހުގެ 28 ގައި އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމެެރީއަށް ޕާޓީގެ އެތެރޭގައި ވަރަށް ބޮޑެތި ހިޔާލުތަފާތުވުން ވަނީ އުފެދިފަ އެވެ. އަދި ދެ ރައީސުންގެ މެދުގައި އާއި ކެމްޕެއިން ޓީމުތަކުގެ ދެމެދު ވަރަށް ބޮޑަށް ބަހުގެ ހަމަލާތައް ދަނީ ރައްދުކޮށް ތަފާތު އެކި ތުހުމަތު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ކޯލިސަން ހަދައިގެން ވެރިކަމަށް އައިސް ކޯލިސަން ރޫޅާލާ ގައުމު ހަމަނުޖެހުމުގެ ތެރެއަށް ވައްޓާލުންތޯ އެންމެ ރަނގަޅީ. މީނާ ދެކޭ ގޮތުގަ ގައުމު އޮންނަން ވާނީ އަބަދުވެސް ހަމަނުޖެހުމެއްގެ ތެރޭގަ. އެގޮތެއް އަހަރެމެންނަކަށް ކަމަކުނުދޭ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: