ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަމީލު ވިދާޅުވަނީ ރައީސް ޔާމީން ޝަރީއަތުގެ ރިޕޯޓުން ”އާދަޔާ ހިލާފު ކަންކަން“ ފާހަގަވިކަމަށް!

ޔާމީންގެ ވަކީލުންގެ ޓީމުގައި އެންމެ އިސްކޮށް ހުންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ވ. އާރަށް މެދުވެރިކޮށް ދައުލަތަށް ލިބޭން ޖެހޭ ފައިސާއަށް ހިޔާނާތްވެ، އެ ފައިސާ ލޯންޑާކޮށް މަންފާ ނެންގެވިކަމުގެ ތުހުމަތުކޮށް ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށް ސާބިތުވެ އިއްވި 11 އަހަރު ޖަލު ހުކުމް މި ފެށޭ ހަފްތާގެ ތެރޭގައި އިސްތިއުނާފަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ވ. އާރަށް ވިއްކައިގެން އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާއަށް ހިޔާނާތްވެ، އެ ފައިސާއިން މަންފާ ނެންގެވިކަމުގެ ކުށް ރައީސް ޔާމީންގެ މައްޗަށް ސާބިތުވީ މިދިޔަ ޑިސެމްބަރު 25 ގަ އެވެ. އެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކޯޓުން ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ކުރިޔަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 05 މިލިއަން ޑޮލަރު ދެއްކުމަށް ވެސް ހުކުމްކޮށްފަ އެވެ.

ރައީސް ޔާމީނަށް އިއްވި ހުކުމް އިސްތިއުނާފަށް ހުށަހަޅާފައި ނުވާތީ، އެކަން ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައި ވެއެވެ. އެކަމާއި ގުޅިގެން އެމަނިކުފާނުގެ ގާނޫނީ ވަކީލުން ވަނީ ކަންބޮޑުވުންފާޅުކޮށް، އެ މަސައްކަތް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ކުރިޔަށް ދާނެކަން ފާހަގަކޮށްފަ އެވެ. ގާނޫނުގައި އިސްތިއުނާފު ކުރުމަށް ދީފައިވާ މުއްދަތަކީ 60 ދުވަހެވެ. އެހެންކަމުން، ހުކުމް އިއްވިތާ މަސް ދުވަސް ވެސް ވެފައި ނުވާތީ އެ މަރުހަލާ އަވަސް އަރުވާލައިގެން ކުރިޔަށް ގެންދަން ޖެހޭ ސަބަބެއް ނެތްކަމަށް ވަކީލުން ބުންޏެވެ.

އިސްތިއުނާފު މަސައްކަތް ފެށުން ލަސްވި ސަބަބެއްކަމަށް، ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފައި ވަނީ ޝަރީއަތް ނިމުނު ގޮތެއްގެ ރިޕޯޓު ލިބިފައި ނުވުމެވެ. ހުކުމް އިއްވި ދުވަހުން ފެށިގެން އެ ރިޕޯޓު ދިނުމަށް އެދި ތަކުރާރުކޮށް ހުށަހަޅާފައި ވީ ނަމަވެސް، ލިޔެކިއުންތައް ކޯޓުން ނުލިބި ހުރުމަށް ފަހު އެ ތަފްސީލު ލިބުނުކަމަށް ވަކީލުން ހާމަކުރީ ޖެނުއަރީ 15 އެވެ.

މަސައްކަތް ކުރިޔަށް ދާ ގޮތުގެ ބައެއް ތަފްސީލުތައް ހިއްސާ ކުރައްވައި، ޖަމީލް ވިދާޅުވީ ދަށު ކޯޓުން އިއްވި ހުކުމް ވެސް ލިބުނީ ވަރަށް ގިނަ މަސައްކަތްތަކާއި ޝަކުވާތަކަށް ފަހު ކަމަށެވެ. ގާނޫނުގެ ދަށުން، ހުކުމް އިއްވާ ދުވަހު މައްސަލައިގެ ރިޕޯޓު ދޫކުރަން ޖެހުނު ނަމަވެސް ރިޕޯޓު ދޫކުރީ ވަކީލުން އެއް ދުވަސް އެއްކޮށް ކޯޓުގައި ހޭދަކޮށް ކުރި އިހުތިޖާޖުތަކަށް ފަހުކަމަށް ޖަމީލް ވިދާޅުވި އެވެ.

ރިޕޯޓު ދޫކުރުން ލަސްވި ސަބަބާއި މެދު ސުވާލު އުފައްދައި، ޖަމީލު ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ޒިންމާއަކީ ކޮބައިތޯ ފާހަގަކުރައްވާފަ އެވެ. އޭނާ ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ބޮޑު ހުކުމެއް އައިސް ޖަލަށް ދާން ޖެހުނުއިރު ހުކުމުގެ ކޮޕީއެއް ވަގުތުން ދޫނުކުރެވުނު ސަބަބާއި މެދު ސުވާލު އުފެދޭ ކަމަށެވެ. އެ ރިޕޯޓު ލަސްވީ ސަބަބަކީ ކޮބައިތޯ އާއި، އެ ދުވަހު ވަކި ހާއްސަކަމެއް ހިނގި ތޯ ސާފުވާން ޖެހޭކަމަށް ޖަމީލް ވިދާޅުވި އެވެ.

މީގެއިތުރުން ޖަމީލު ވަނީ، ހުކުމާއި ދޫކުރި ލިޔުމާއި ތަފާތުތަކެއް ހުރިކަމަށް ވިދާޅުވެފަ އެވެ. އެގޮތުން، ހުކުމް އިއްވި ފަހުން އެ ޝަރީއަތް ލައިވް ކުރި ކްރިމިނަލް ކޯޓުގެ ޔޫޓިއުބް ޗެނަލުން ވީޑިއޯ ގެއްލުމާއި މިފަދަ ކަންތައް ހިނގާފައި ހުރިއިރު އެ ހުކުމް ހުރި ގޮތަށް އެބޭފުޅުން ވެސް މިހާރު ލިޔެފައިވާނެކަމަށާއި އެ ނުކުތާތައް އިސްތިއުނާފު މަރުހަލާފައި ހުށަހަޅާނެކަމަށް ޖަމީލު ވިދާޅުވި އެވެ.

ރިޕޯޓު ލިބުނީ ދުވަސްތަކެއް ފަހުންކަމަށްވެފައި، އިސްތިއުނާފަށް ހުށަހަޅާފައިރު އެ ރިޕޯޓުތައް އެއްކޮށް ދިރާސާ ނުކޮށް ދޫކޮށްލުމަށް ބޭނުން ނުވާކަމަށާއި ލިޔެކިއުންތަކުން ބައެއް އާދަޔާހިލާފު ކަންތަކެއް ފާހަގަކުރެވުނުކަމަށް ޖަމީލު ވިދާޅުވި އެވެ. އެއީ ކޮން މައްސަލަތަކެއްކަމާއި އޭގެ ތަފްސީލުތައް ނުދެއްވައި ޖަމީލު ވިދާޅުވީ ރިޕޯޓު އޮތީ ވަރަށް ގޯސްކަމަށެވެ. އެހެންކަމުން، އިސްތިއުނާފު މަރުހަލާގައި އެކަންކަން ހާމަކުރާނެކަމަށް އޭނާ ވިދާޅުވި އެވެ.

ޖަމީލު ވަނީ، ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމަކީ ސިޔާސީ ހުކުމެއްކަމަށް ތަކުރާރު ކުރައްވައި އެމަނިކުފާނަށް އިންސާފުވެރި ޝަރީއަތެއް ލިބެންޖެހޭކަމަށް ވިދާޅުވެފަ އެވެ. އަދި އިސްތިއުނާފު އަޑުއެހުންތައް ލަސް ނުކޮށް ކުރިޔަށް ގެންދިއުމަށް ވެސް އޭނާ ގޮވާލި އެވެ.

ރައީސް ޔާމީން ކަފާލާތުގެ ދަށުން މިނިވަންކުރުމަށް ގާނޫނީ ވަކީލުން ކުރަން ޖެހޭ މަސައްކަތް ކުރަމުންދާކަމަށް ޖަމީލު ވިދާޅުވެފައި ވެއެވެ.

ކުރިޔަށް އޮތީ ރިޔާސީ އިންތިހާބުކަމަށްވުމާއި އެކު، މައްސަލައިގައި ނިހާއީ ހުކުމެއް އޮތުން މުހިންމެވެ. ރައީސް ޔާމީން ހުންނެވީ ހުކުމެއްގައިކަމަށްވުމުން ގާނޫނީ ދާއިރާގެ ބޭފުޅުންގެ ނަޒަރުގައި އެމަނިކުފާނަށް އެ ފުރުސަތު ބަންދުވާނީ ސުޕްރީމް ކޯޓުން ދަށު ކޯޓުގެ ހުކުމަށް ތާއީދު ކުރުމުންނެވެ. އަދި ނިހާއީ ހުކުމެއް ނެތުމާއި އެކު، އިންތިހާބީ ކެނޑިޑޭޓެއްގެ ހައްގަށް ބަލައި ވާދަކުރުމުގެ ފުރުސަތު އޮންނާނެކަމަށް ވަނީ ބުނެފަ އެވެ.

އިދިކޮޅުން ވެސް ދަނީ ތަކުރާރުކޮށް، ރައީސް ޔާމީނަކީ ރިޔާސީ ކެނޑިޑޭޓުކަމަށް ބުނަމުންނެވެ. އަދި އެމަނިކުފާނުގެ ނަން ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި އޮންނާނެކަމަށް ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: