ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮތީ ދެ ޗޮއިސް، ބާރު ސްޕީޑުގެ ތަރައްގީ ނުވަތަ ފަސް އަހަރު ”ދޫކުރޭ، ދޫކުރޭ“ ގޮވުން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި ވޯޓުލާއިރު ވިސްނަންވީ، ބާރު ސްޕީޑެއްގައި ރާއްޖޭގެ އެއްވެސް ރަށެއް ތަފާތު ކުރުމެއް ނެތި ގެނައި ތަރައްގީއަށް ހުއްޓުމެއް އައިސް އިތުރު ފަސް އަހަރު ދުވަސް މަގުމަތީ ހޭދަ ކުރުން ތޯކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

2023 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރާނެ ކެނޑިޑޭޓެއް ހޮވުމަށް ބާއްވާ އިންތިހާބުގައި ވާދަ ކުރައްވަނީ ޕާޓީގެ އިސް ލީޑަރު ރައީސް ސޯލިހާއި، ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

އަންނަ ހޮނިހިރު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގެ ކެމްޕެއިންތައް ފޯރިއާއި އެކު ކުރިޔަށް ދާއިރު ދެ ރައީސުން ވެސް ތިއްބެވީ ކެމްޕެއިނަށް އަތޮޅު ތެރޭގަ އެވެ. ސިޔާސީ ގޮތުން ހިޔާލުތަފާތުވުން އުފެދިފައި ވާތީ، ގުޅުން ގޯސްވެ ރައީސް ސޯލިހާއި ރައީސް ނަޝީދާއި ދެމެދު އެކި ގޮތްގޮތުން ބަހުގެ ހަމަލާތައް ވެސް ދަނީ އަމާޒުވަމުންނެވެ. އަދި ކެމްޕެއިން ޓީމުތަކުގެ މެދުގައި ތަފާތު އެކި ތުހުމަތުތައް ކުރެވޭކަން ފާހަގަ ކުރެވެ އެވެ.

ކެމްޕެއިން ބޮޑު ޖަލްސާއެއް މާލޭގެ އާޓިފިޝަލް ބީޗުގައި ބޭއްވުމަށް ފަހު ރައީސް ވަނީ މިއަދު ފުވައްމުލަކަށް ވަޑައިގެންފަ އެވެ. އަދި މިރޭ އެ ސިޓީގައި ހަރުގެއެއް ހުޅުވައިދެއްވައި އެމަނިކުފާނު ވަނީ ޕްރައިމެރީ ކާމިޔާބު ކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.

އެމްޑީޕީ ކުރިޔަށް ޝިޔާރުގެ ދަށުން ކުރިޔަށް ގެންދަނީ މުހިންމު ކެމްޕެއިނެއްކަން ފާހަގަކޮށް، ރައީސް ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުން އެދޭ ފާގަތި ދިރިއުޅުމެއް ފޯރުކޮށްދިނުން ކަމަށެވެ. އެއީ ރާއްޖޭގައި ސުލްހަމަސަލަސްކަން ގާއިމުކޮށް، އަމާންކަން ގާއިމު ކުރުންކަމަށާއި އެއީ އެެއްވެ އުޅުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން އަދި އެއްވެ އުޅުމާއި ނޫސްވެރިކަމުގެ މިނިވަންކަން ގާއިމު ކުރުންކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ ކުރީން ރައްޔިތުން ތިބީ އަސާސީ ހިދުމަތްތަކުން މަހުރޫމްވެފައިކަން ފާހަގަކޮށް ރައީސް ވިދާޅުވީ ބޭނުން ވަނީ އެއްވެސް ރަށެއް ބާކީ ނުކޮށް އަދި ތަފާތު ކުރުމެއް ނެތި ހިދުމަތް ހޯދާ ލިބިގަނެވޭނެ ފުރުސަތު ހޯދައިދިނުން ކަމަށެވެ. ކުރިމަތިލައިގެން ތިބީ އެމްޑީޕީގެ ޕްރައިމެރީއަކާއި ނަމަވެސް، ސަރުކާރުގެ އެ ސިޔާސަތާއި މެދު ވިސްނުމަށް ގޮވާލައި ރައީސް ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ވިސްނުންތެރިކަމާއި އެކު ނިންމުންތައް ނިންމާ ޕާޓީއެއް ކަމަށެވެ.

”އެމްޑީޕީ މެމްބަރުން ގޮތެއް ނިންމާނީ އަަބަދުވެސް އަޅުގަނޑު މިދެންނެވި ކަންތަކަށް ބެލުމަށް ފަހު“ ރައީސް

ރައްޔިތުން މިއަދު ވިސްނަން ވީ، ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި ދެމުން އައި ހިދުމަތްތަކަށް ހުއްޓުމެއް އައިސް ކުރިން ދެކުނު އަނިޔާވެރި ދުވަސްތަކަށް އެނބުރި ދިއުންތޯކަމަށް ތަކުރާރު ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ އެއް ގޮތަކީ ބާރު ސްޕީޑުގައި ތަަރައްގީ ގެނައުން ނުވަތަ އަނެއްކާވެސް މާޒީ ތަކުރާރުކޮށް މަގުތަކަށް ނިކުމެ ވަކި މީހަކު މިނިވަން ކުރުމަށް ގޮވާލަން ޖެހޭ ހާލަތަކަށް ދިއުމެވެ.

”އަޅުގަނޑުމެންނަށް މި ބޭނުންވާ ބަދަލު ގެނެވޭނީ.. އަޅުގަނޑުމެން މި ބޭނުންވާ ތަރައްގީ ގެނެވޭނީ އަޅުގަނޑުމެން ވެރިކަމުގައި ތިބެގެން“ ރައީސް

ރައީސް ވިދާޅުވީ ވެެރިކަމަށް އާދެވެން އޮތް ގޮތާއި އެ މަގު ވަރަށް ސާފުކޮށް ދިވެހި ރައްޔިތުންނަށް އެނގޭ ކަމަށެވެ. އެމްޑީޕީއަށް ވެރިކަން ހޯދައިދެވެން އޮތީ އެމަނިކުފާނާއި އެކު ކުރިޔަށް ގޮސްގެންކަމަށާއި އެކަމުގައި އެއްވެސް ޝައްކެއް ނެތްކަމަށް ރައީސް ވިދާޅުވި އެވެ.

މާޒީގައި އެމްޑީޕީއަށް ދިމާވި ހާލަތު ތަކުރާރުވާން ބޭނުން ނުވާކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ، 2008 ގައި އުފެދުނު އެމްޑީޕީގެ ވެރިކަން ބަދަލުވެގެން ދިޔައީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ. އެއަށް ފަހު މަގުމަތީގައި އެތައް ދުވަހެއް ހޭދަ ކުރަން ޖެހުނުއިރު 2013 ގައި އެމްޑީޕީއަށް ވެރިކަން ނުލިބުނީ ރައީސް ނަޝީދު އިންތިހާބަށް ނިކުންނެވުމުގެ ސަބަބުންކަމަށް ދޭހަވާ މޭރުމަކުން ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ، އެ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ގެއްލުނީ އިއްތިުހާދެއް އެކުލަވާލާނެ ބައެއް ނުވުމުގެ ސަބަބުންކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެމަނިކުފާނާއި ހަމައިން ހާލަތު ތަފާތުކަމަށާއި، މިއަދާއި ހަމައަށް ވެސް ކޯލިޝަން ދެމި އެބައޮތްކަމަށް ވިދާޅުވި އެވެ.

ކުރީގެ އެކި ޖަލްސާތަކުގައި ދެއްކެވި ވާހަކަ ތަކުރާރު ކުރައްވައި ރައީސް ވިދާޅުވީ ވިސްނަން ވީ، ހަމައެކަނި ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ޕާޓީގެ ކެނޑިޑޭޓެއް ހޮވުމަށް ނޫންކަމަށެވެ. އެ ކެނޑިޑޭޓުގެ ގާބިލުކަމާއި، ރައްޔިތުންނަށް ދިމާވާ ދަތި ހާލަތްތަކުގައި ފޯރުކޮށްދޭ އެހީތަކާއި އަދި ހާއްސަކޮށް އެހެން ސިޔާސީ ފިކުރުތަކާއި އެކު ގުޅިގެން މަސައްކަތް ކުރުމަށް ހުރި ގާބިލުކަމާއި މެދު ވިސްނަން ޖެހޭކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ގޮވާލެއްވީ ތަރައްގީގެ މަޝްރޫއުތަކާއި ޕްރޮޖެކްޓުތަކަށް ހުއްޓުމެއް އަޔަ ނުދީ ކުރިޔަށް ދިއުމަށް އެމަނިކުފާނަށް ވޯޓުދެއްވުމަށެވެ. އަދި ވިދާޅުވީ 2008 ގެ ހާލަތު ތަކުރާރު ވިޔަ ނުދިނުމަށެވެ.

2008 ގެ އެމްޑީޕީ ވެރިކަމުގެ ދުވަސްތަކާއި ގުޅޭގޮތުން ރައީސް ވާހަކަ ދެއްކެވި އިރު ޕާޓީގެ ޓިކެޓުގައި އެންމެ ފުރަތަމަ ވެރިކަމަށް ވަޑައިގަތީ ރައީސް ނަޝީދެވެ. ނަމަވެސް، ވެރިކަމަށް އައުމަށް އެކުލަވާލި ކޯލިޝަން ވެރިކަމަށް ހަ މަސް ދުވަސް ވެސް ނުވަނީސް ރޫޅި ގިނަ ސިޔާސީ ޕާޓީތައް އެމަނިކުފާނާއި ދެކޮޅުވި އެވެ. އަދި ސިލްސިލާކޮށް ހުއްޓުމެއް ނެތި ކުރިޔަށް ދިޔަ ހަރަކާތްތަކުގެ ތެރެއިން ރައީސް ނަޝީދު އިސްތިއުފާ ދެއްވީ 2012، ފެބްރުއަރީ 07 ގަ އެވެ. އެއަށް ފަހު އެމްޑީޕީން ގިނަ އަހަރުތަކެއް މަގުމަތީ ހޭދަ ކުރަން ޖެހުނެވެ.

2013 ގައި ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދު ވާދަކުރެއްވި ނަމަވެސް، އެ އިންތިހާބުން ރައީސް ނަޝީދު ކުރިމަތިލާން ޖެހުނީ ނާކާމިޔާބީ އާއި އެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި، ޕާޓީއަށް ގިނަ ގޮންޖެހުންތައް ދިމާވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމެރީއަށް ބާކީ އޮތީ 07 ދުވަހެވެ. މި އިންތިހާބަށް އެހެން ސިޔާސީ ޕާޓީތަކުގެ ނަޒަރުތައް ވެސް ހުއްޓިވައިފާއިރު ރާއްޖޭގެ ހުރިހާ މީޑިއާތަކެއްގެ ކަވަރޭޖު ވެސް މިވަގުތު އަމާޒުވެފައި ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީއަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: