ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިޝަނަކާއި އަމާޒެއް ނެތް މީހަކާއި ޖެހުމުން، ނަޝީދު ވެސް ރައީސް ޔާމީންގެ ސިޔާސަތު ގަބޫލު ކުރާނެ: ޝިޔާމް

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ކުރިޔަށް ގެންދިޔަ އެއްވުމެއްގެ ތެރެއިން ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް/ ފޮޓޯ: ދެން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އަބްދުﷲ ޔާމީންގެ ސިޔާސަތުތައް ރަނގަޅުކަމަށް ބުނެ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަ ދެއްކުމަށް މަޖުބޫރުވީ އަމިއްލަ ޕާޓީ ވެރިކަމުގައި އޮވެ ގައުމު ގޮސްފައިވާ ހާލަތުގެ ސަބަބުންކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

2023 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރާނެ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ޕާޓީގެ ޕްރައިމެރީ އާއި އެކު ބޮޑެތި ދެބައިވުންތަކާއި ހިޔާލުތަފާތުވުން ސަރުކާރުގެ އެތެރޭގައި ވަނީ އުފެދިފަ އެވެ. ހާއްސަކޮށް ދެވަނަ ދައުރަކަށް އައުމަށް މަސައްކަތް ކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އިންތިހާބުގައި ވާދަ ކުރައްވާ ރައީސް ނަޝީދު ދަނީ އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ބޮޑެތި ތުހުމަތުތައް ކުރަމުންނެވެ. އެގޮތުން މީގެ ކުރިން ވެސް ދެއްކެވި ބައެއް ވާހަކަތައް ތަކުރާރު ކުރެއްވުމަށް ފަހު ރައީސް ނަޝީދު ވަނީ ރައީސް ޔާމީނަކީ ވިޝަނަރީ ލީޑަރެއްކަމަށާއި އެއީ ގޮތެއްގައި ހުންނަވާ ވެރިއެއްގެ ގޮތުގައި ސިފަކޮށް ވާހަކަ ދައްކަވާފަ އެވެ.

ރައީސް ނަޝީދު ވިދާޅުވާ ގޮތުގައި ރައީސް ޔާމީންގެ ހަމައެކަނި ކަމު ނުދާ ސިފައަކީ، އިންޑިއާ އައުޓް ހަރަކާތް ހިންގުމެވެ. އަދި އެ ވާހަކަތައް އިތުރަށް ތަފްސީލުކޮށް ވިދާޅުވެފައި ވަނީ ބަލަން ވީ މިހާއަށް ނޫންކަމަށާއި ވިސްނަން ވީ ގެންގުޅޭ ސިޔާސަތަށް ކަމަށެވެ. އެކަމަށް ފާޑުވިދާޅުވެ ރައީސް ސޯލިހު ވަނީ، ވައްކަމާއި ކޮރަޕްޝަންގެ އަމަލުތައް ހިންގެވީ ތީ ރައީސް ޔާމީން އޯކޭ ނޫންކަމަށް ވިދާޅުވެފައެެވެ. އަދި އެމަނިކުފާނާއި އެކު ކުރާނެ ސިޔާސަތެއް ނެތްކަމަށް ވެސް ވިދާޅުވި އެވެ.

މިކަމާއި ގުޅޭގޮތުން އިދިކޮޅުން އަދި މާބޮޑު ވާހަކައެއް ނުދައްކަވަ އެވެ. ނަމަވެސް ”ސަންގު ޓީވީ“ ގެ ޚަބަށްފަހު ޕްރޮގްރާމުގައި ސުވާލު ކުރުމުން ޝިޔާމް ތަފްސީލީ ގޮތެއްގައި މި މައުޟޫއަށް ވާހަކަ ދެއްކެވި އެވެ. ސިޔާސީ ގޮތުން، މަދު ފަހަރަކު ނަމަވެސް ރައީސް ނަޝީދު ތެދު ވާހަކަތައް ދައްކަވާކަމަށް ފާހަގަކޮށް ޝިޔާމް ވިދާޅުވީ އެމަނިކުފާނު އެ އިޝާރާތް ކުރެއްވީ އެމަނިކުފާނު އަބަދުވެސް ގެންގުޅޭ ވިސްނުންކަމަށް ވެދާނެކަމަށެވެ. ރައީސް ނަޝީދަކީ އަބަދުވެސް ސިޔާސީ މަންފާއެއް ހާސިލު ކުރުމަށް ވާހަކަ ދައްކަވާ ބޭފުޅެއް ނަމަވެސް އެތައް އުންމީދަކާއި އެކު ގެނައި ވެރިކަން އޮތް ހާލަތުން ދެ ވެރިކަން އަޅައި ކިއުމަށް މާ ބޮޑަށް ވެސް ފަސޭހަވާނެކަމަށް ޝިޔާމް ވިދާޅުވި އެވެ.

ރައީސް ޔާމީނަކީ ސިޔާސީ ގޮތުން ކިހާ ވަރުގަދަ ޝަހުސިއްޔަތެއްކަން، ރައީސް ނަޝީދު މި މަސައްކަތަށް ނިކުންނެވި އިރު ވެސް އެނގިވަޑައިގަންނަވާނެކަމަށާއި އަދި އެ ވިދާޅުވާ ވިޝަން އާއި ހުރި ވިސްނުން މާ ސާފުކޮށް އެނގޭނެކަމަށް ޝިޔާމް ވިދާޅުވި އެވެ. އެހެން ނަމަވެސް މީގެ ކުރިން ރައީސް ނަޝީދު އެ ވާހަކަތައް ނުދެއްކެވީ ސިޔާސީ އަމިއްލަ ސަބަބުތަކާއި ހެދިކަމަށް ތުހުމަތުކޮށް ޝިޔާމް ވިދާޅުވީ އަމިއްލަ ޕާޓީގެ ވެރިކަން އެހާ ދަށް ހާލަތަށް ދިއުމުގެ ނަތީޖާއަކީ ހަގީގަތް ހާމަ ކުރުމަށް މަޖުބޫރުވުން ކަމަށެވެ.

”އެމްޑީޕީގެ ވެރިކަން ކުރައްވާ ބޭފުޅާ ވެރިކަން ކުރާ ގޮތާއި، ވިޝަންއެއް ނެތި… އަމާޒެއް ނެތި މި ކުރައްވާ މަސައްކަތްތަކާއި… ރައީސް ޔާމިން އެނގިވަޑައިގްނަވާނެ މާ ކުރިން ވެސް ރައީސް ނަޝީދަށް.. ސިޔާސީ ކަންކަމަށް ވަޑައިގެންނެވި އިރު ވެސް ވަރަށް ރަނގަޅަށް ރައީސް ޔާމީން އެނގިވަޑައިގަންނަވާނެ.. ރައީސް ޔާމީންގެ ކެޕޭސިޓީ އާއި، ރައީސް ޔާމީންގެ ކޮލިޓީ.. ސިޔާސީ ބޭނުމެއްގައި މީގެ ކުރިން އެ ވާހަކަތައް ނުދައްކަވައި އެ ހުރީ“ ޝިޔާމް

މީގެ ކުރިން އެތައް ފާޑުކިއުންތަކެއް އަމާޒުކޮށް، ތަފާތު އެކި އިލްޒާމުތަކެއް އެޅުވުމަށް ފަހު ކުއްލިއަކަށް މިއަދު ރައީސް ނަޝީދަށް ރައީސް ޔާމީން ރަނގަޅުވާން ވީ ކޮން ސަބަބަކާއި ހެދި ތޯ އާއި ރަށްތަކަށް ވަޑައިގަތުމުން ރައީސް ސޯލިހާއި ދެކޮޅަށް ކުރާ މުޒާހަރާތަކުގައި އެމްޑީޕީގެ ސަރުކާރާއި ދެކޮޅު ފެކްޝަނާއި އެއްވެސް ގުޅުމެއް އޮންނާނެ ތޯ ސުވާލު ކުރުމުން ޝިޔާމް ވިދާޅުވީ މިއީ ފަހަކަށް އައިސް އާއްމުންގެ ފަރާތުން ވެސް އެންމެ ބޮޑަށް އަމާޒުވާ އެއް ސުވާލު ކަމަށެވެ. ނަމަވެސް، ރައީސް ނަޝީދާއި އެމްޑީޕީގެ އެއްވެސް ހަރަކާތެއްގެ ތެރެއަށް ޕީޕީއެމް، ޕީއެންސީގެ އެއްވެސް ޝައުގެއް ނެތްކަމަށް ތަކުރާރު ކުރައްވައި ޝިޔާމް ވިދާޅުވީ އެ ޕާޓީގެ އެތެރޭގެ ހުރި މައްސަލަތަކުގެ ތެރެއަށް ބަސް ބުނެ ހަދަން ބޭނުމެއް ވެސް ނުވާ ކަމަށެވެ.

ޝިޔާމް ވިދާޅުވީ އެމްޑީޕީގެ މައިގަނޑު ސިޔާސަތުތަކަކީ އެއީ އިދިކޮޅުގެ ވިސްނުމެއް ނޫން ކަމަށެވެ. ނަމަވެސް ބޯހިޔާވަހިކަން ފަދަ އަސާސީ ބައެއް ކަންކަން ފޯރުކޮށް ދިނުމަށް އެ ޕާޓީގެ ސިޔާސަތު ރަނގަޅު ނަމަވެސް އެ ތަންފީޒު ކުރާ ތަން ނުފެންނަކަމަށް ޝިޔާމް ވިދާޅުވި އެވެ. އަދި މިއަދު ވެސް ސަރުކާރުން އިފްތިތާހު ކުރާ މަޝްރޫއުތަކަކީ އެއީ ރައީސް ޔާމީންގެ ސަރުކާރުގައި މަސައްކަތް ފެށި ޕްރޮޖެކްޓުތަކެއްގެ ގޮތުގައި އޭނާ ވިދާޅުވި އެވެ.

”ރައީސް ނަޝީދު ވަޑައިގަތަސް، ރައީސް ސޯލިހު ވަޑައިގަތަސް.. އަޅުގަނޑުމެން ވާދަ ކުރަން ޖެހޭނީ އެމްޑީޕީ އާއި.. އެމްޑީޕީގެ ޖުމްލަ ސިޔާސަތުތަކަކީ އެއީ އަޅުގަނޑުމެން ގަބޫލު ކުރާ ސިޔާސަތެއް ނޫން.. އޭގައި އެބަހުރި ރަނގަޅު ކަންތައްތައް ވެސް.. ރަނގަޅު ކަންތައްތައް އަޕްހޯލްޑު ކުރާކަމަށް ކެރިވަޑައެއް ނުގަންނަވާ ރައީސް ސޯލިހަށް..“ ޝިޔާމް

ޝިޔާމް ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި، ރައްޔިތުންނަށް ވަރަށް ގިނަ ހިދުމަތް ކުރެއްވިކަން މިއަދު ރައީސް ނަޝީދަށް އިހުސާސް ވާން ފަށާފައިވާކަމަށެވެ. މިސާލެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ، މާލެ އާއި ހުޅުމާލެ ގުޅާލި ބްރިޖެވެ. މި ސަރުކާރަށް ހަތަރު އަހަރުވީއިރު ތަނބެއް ނުޖެހި ހުރުމަކީ އެއީ ރައީސް ޔާމީނާއި މެދު ކޮންމެ ވެސް ވިސްނުމެއް ރައީސް ނަޝީދު ވިސްނާނެ ސަބަބެއްކަމަށް އޭނާ ވިދާޅުވި އެވެ. އެހާ ގިނަ އަދަދެއްގެ ފައިސާ، ތިލަމާލެ ބްރިޖަށް ހޭދަކޮށް އެ ފެނުން މައްޗަށް ނޭރުމަކީ އެއީ ރައީސް ޔާމީން ބްރިޖު އެޅި ގޮތާއި މެދު ކޮންމެ މީހަކު ވެސް ތައުރީފު ކުރާނެ މަސައްކަތެއްގެ ގޮތުގައި ޝިޔާމް ފާހަގަކުރެއްވި އެވެ.

މި ސަރުކާރަށް ވޭތުވެ ދިޔަ ހަތަރު އަހަރު ތެރޭގައި ހޯދުނީ ކޮން ކާމިޔާބީތަކެއް ތޯ ސުވާލު ކުރައްވައި ޝިޔާމް ވިދާޅުވީ ގައުމަށް ލިބުނު ކުރިއެރުމެއް ނެތް ކަމަށެވެ. ކެމްޕެއިން ޖަލްސާއަކަށް ވަޑައިގެން، ސަރުކާރުގެ ކޮންމެ ދުވަހެއް މަޝްރޫއުތައް ނިންމުމުގެ ރަސްމިއްޔާތަށް ހުސް ކުރާނަމަ ރިބަންފަށް ހުސްވާނެކަމަށް ރައީސް ސޯލިހު ވިދާޅުވި ވާހަކައަށް ރައްދު ދެއްވައި ޝިޔާމް ވަނީ އެއީ މި ސަރުކާރުން ހޯދި ފައިނޭންސް ތޯ ސުވާލު ކުރައްވާފަ އެވެ. ނުވަތަ އިމާރާތެއްގެ އެއް ކޮޓަރި ނިންމާލުމަށް ފަހު، މަޝްރޫއު ނިންމާލެއްވިއްޖެކަމަށް ބުނެ ފިލްމު ކުޅެނީ ކޮން މަންޒަރެއް ދެއްކުމަށް ތޯ އޭނާ ވިދާޅުވި އެވެ. ޝިޔާމް ވިދާޅުވީ، އެތެރޭގެ އިންތިހާބާއި ގުޅުވައި ފްލެޓުތައް ލިބޭނެކަމަށް ބުނެ ސަރުކާރުން ދައްކާ ވާހަކަތައް އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރަން ޖެހޭކަމަށެވެ.

ރައީސް ޔާމީން އޯކޭ ނޫންކަމަށް ބުނެ، ރައީސް ސޯލިހު ވާހަކަ ދެއްކެވި އިރު އެމަނިކުފާނުގެ އޯކޭއީ ކޮން ކަމެއްތޯ ސުވާލު އުފައްދައި ޝިޔާމް ވިދާޅުވީ ރައީސް ސޯލިހުގެ ރަނގަޅު އެއްވެސް ސިފައެއް ނެތްކަމަށެވެ. އެހެންކަމުން، އިދިކޮޅުން އެމަނިކުފާނަށް ދޭން ބޭނުންވާ އެއްވެސް ޝައުގެއް ނެތްކަމަށް އޭނާ ވިދާޅުވި އެވެ.

ޕްރެސް ކޮންފަރެންސެއްގައި ނޫސްވެރިއެއްގެ ސުވާލަށް، ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ރައީސް ޔާމީނަކީ ފިކުރީ އަދި ތައުލީމީ ބޭފުޅެކެވެ. އަދި އެމަނިކުފާނާއި ރައީސް ޔާމީނަކީ އެހާ ތަފާތު ބޭފުޅުންކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާމެދު އެފަދަ ބޭފުޅެއް ކަމަށް ދެންނެވެން ނެތް ކަމަށެވެ.

2023 ގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ އެތެރޭގައި ބާއްވާ ޕްރައިމެރީގައި ނާކާމިޔާބުވެއްޖެ ނަމަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ނުކޮށް އިިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއެއެކު މަސައްކަތް ކުރައްވަފާނެ ހާލަތެއް އައިސްދާނެތޯ ކުރި ސުވާލަށް ”2018 ގައި ރައީސް މައުމޫނާއި އެކު ކުރި މަސައްކަތުން“ އެމަނިކުފާނު މިސާލު ނަންގަވާފައި ވެއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދެމެދު މައްސަލަތައް ޖެހި، އުފެދުނު ހިޔާލުތަފާތުވުންތަކަށް ފަހު ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގައި ރައީސް ޔާމީނާއި އެކު މަސައްކަތް ކުރެވިދާނެކަމުގެ އިޝާރާތެއް ރައީސް ނަޝީދު ކުރައްވާފައި ވެއެވެ. އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ބައެއް ސިޔާސީ ހަރަކާތްތަކާއި ދެކޮޅު ނަމަވެސް އެކަންތައް އިސްލާހުކޮށްގެން ދެ ޕާޓީއަށް އެއްބަސްވެވޭ އިއްތިހާދެއް އުފެއްދުމަށް ރައީސް ޔާމީންގެ އެހީތެރިކަމަށް އެދުން އެއީ ރާއްޖެއާއި އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތްކަމަށް އެމަނިކުފާނު އޭރު ވިދާޅުވި އެވެ. ނަމަވެސް އެމަނިކުފާނު ދެއްކެވި ވާހަކަތަކަށް ރައީސް ޔާމީން ވެސް ރައްދު ދެއްވައި ވިދާޅުވީ، އެމްޑީޕީއާއި އެކު ކުރާނެ އެއްވެސް މަސައްކަތެއް ނެތް ކަމަށެވެ.

ސިޔާސީ ގޮތުން ދެން އިތުރަށް ދެ ބޭފުޅުނަށް މަސައްކަތް ކުރެވެން ނެތުމުން، އިދިކޮޅުގެ އެހީއަށް އެދެން ނިންމާފައިވާކަމަށް ރައީސް ނަޝީދު އެންމެ ފުރަތަމަ ވިދާޅުވީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. ރައީސް ނަޝީދުގެ ހުށަހެޅުންތަކެއް އައި ނަމަވެސް، އިދިކޮޅުން އެ ވާހަކަތަކަށް ރައްދު ދެމުން ބުނީ ރައީސް ނަޝީދާއި އެއް މޭޒެއްގައި ދައްކަންޖެހޭ އެއްވެސް ވާހަކައެއް ނޯންނާނެ ކަމަށެވެ. އަދި ރައީސް ޔާމީނަށް ހުކުމެއް ނާންނާނެ މަގެއް ހޯދުމަށް އެމްޑީޕީގެ އެއްވެސް ލީޑަރަކާއި އެކު ކުރާނެ މަސައްކަތެއް ނެތްކަމަށް ވެސް ވިދާޅުވި އެވެ. އޭރު ރައީސް ނަޝީދު ވިދާޅުވީ އިދިކޮޅާއި އެކު މަސައްކަތް ކުރުމަށް ގެންގުޅުއްވާ ވިސްނުމާއި މެދު މެދު އެމްޑީޕީގެ ބައެއް މެމްބަރުން ހިތްހަމަނުޖެހުނަސް މައްސަލައެއް ނެތް ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: