އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއި މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ އިތުރުން ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް މާދަމާއަށް ތާވަލު ކޮށްފިއެވެ.
ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުން ތާވަލުކޮށްފައި ވަނީ މާދަމާގެ މެންދުރު 13:00 އަށެވެ.
ފުއްގިރި ކުއްޔަށް ދޫކުރުމުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން އަދި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ތަވާލްކޮށްފައިވާއިރު މައްސަލަ ބައްލަވަމުން ގެންދެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވަނީ މައްސަލައިން ތަނާޒުލް ވެވަޑައިގެންފައެވެ.
އިސް ގާޒީ އަހުމަދު ޝަކީލް މައްސަލައިން ތަނާޒުލް ވުމުން، ކްރިމިނަލް ކޯޓުގައި މިހާރު ޝަރީއަތް ގެންދަވަނީ ގާޒީ އަލީ ނަދީމެވެ. އަހަރެއް ހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ފުއްގިރި މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބޭއްވީ މިދިޔަ ޖެނުއަރީ މަހުގެ 03 ގަ އެވެ. އެއީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ވިއްކައިގެން ދައުލަތަށް ލިބެން ޖެހޭ ފައިސާއަށް ހިޔާނާތްވެ މަންފާ ނެންގެވިކަމުގެ ކުށުގައި އުފުލި ދައުވާތައް ކޯޓުގައި ސާބިތުވިތާ މާގިނަ ދުވަހެއް ނުވެ ތާވަލު ކުރި އަޑުއެހުމެކެވެ. އެދުވަހުގެ އަޑުއެހުމުގައި، ދައުލަތުން އެދުނީ އިތުރު އައު ހެކިތަކެއް ހުށަހެޅުމުގެ ފުރުސަތަކަށެވެ.
ގާޒީ ނަދީމް މައްސަލައާއި ހަވާލުވީއިރު، އަޑުއެހުންތައް ގޮސްފައި އޮތީ ޝަރީއަތުގެ ކުރިން ހުށަހެޅުންތައް ހުށަހެޅުމުގެ މަރުހަލާ ހަމައަށެވެ. މައްސަލައިގައި އައު މައުލޫމާތުތަކެއް ލިބިފައިވާކަމަށް ބުނެ ދައުލަތުން ހުށަހަޅަން އެދުނު ލިޔުމަކީ، ފުއްގިރީގެ މުއާމަލާތާއި ގުޅިގެން ޕެންޑޯރާ ޕޭޕާސް އާއްމު ކުރި ލިޔެކިއުމެވެ. ދައުލަތުން ހެކީގެ އިތުރު ފުރުސަތަކަށް އެދުމުން، ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ވެސް ވަނީ އެ ހުށަހެޅުންތަކުގެ މައްޗަށް އިތުރު އައު ހެކި ހުށަހެޅުމުގެ ފުރުސަތު ދިފާއަށް ދިނުމަށް އެދިފަ އެވެ. އެހެންކަމުން، މާދަމާގެ އަޑުއެހުމުގައި އެ ހުށަހެޅުމާއި މެދު ޝަރީއަތުން ގޮތެއް ނިންމަވާނެ އެވެ.
އައު ހެކީގެ ގޮތުގައި ދައުލަތުން ހުށަހަޅަން އެދުނު ޕެންޑޯރާ ޕޭޕާސް އަކީ ”ފުއްގިރީގެ ރިޝްވަތާ ގުޅޭ ސިއްރުތަކެއް، ފަޅާ އަރުވާލުން“ ކަމަށް ބުނެ އާއްމު ކުރި ރިޕޯޓެވެ. އެއީ 2021، 07 ޑިސެމްބަރުގައި ޕެންޑޯރާއިން އާއްމު ކުރި ލިޔުމެކެވެ.
އެންމެ ފަހުން ބޭއްވި އަޑުއެހުން ނިންމަވާލައްވަމުން ގާޒީ ވިދާޅުވެފައި ވަނީ، އައު ހެކިތަކަށް ބެލުމަށް ފަހު ބަލައިގަންނަން ޖެހޭ ހެއްކެއް ވާނަމަ އެ ބަލައިގަތުމަށް ނިންމާނެ ކަމަށެވެ. އަދި ދެން އަޑުއެހުމެއްގައި އޮންނާނީ އައު ހެކިތަކާއި ލިޔުންތަކާއި ގުޅޭގޮތުން ހުށަހެޅުމެއް އޮތް ނަމަ އެއަށް ފުރުސަތު ދިނުންކަމަށް އިއުލާނު ކުރެއްވި އެވެ.
ރައީސް ޔާމީންގެ މައްސަލައާއި ގާޒީ ނަދީމް ހަވާލުވެފައި ވާތީ، ރައީސް ޔާމީންގެ ފަރާތުން އެކަން އިއުތިރާޒު ކުރެ އެވެ. ޝަރީއަތް ކުރިޔަށް ގެންދަވާ ގާޒީ ނަދީމަކީ އެމްއެމްޕީއާރުސީ މައްސަލައިގައި ރައީސް ޔާމީނާއި ދެކޮޅަށް ހެކި ބަސް ދޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ ގާނޫނީ ވަކީލުން ކުރައްވާފައިވާ ބޭފުޅަކަށް ވާތީ އެވެ. އެ ނުކުތާތަކާއި ގުޅިގެން ދިފާއުގައި ގާޒީ ނަދީމް ވިދާޅުވީ އަދީބަށް ގާނޫނީ އެހީތެރިކަން ދިނީ މީގެ ހަތް އަހަރު ކުރީން އޭނާ ބަންދުގައި ހުއްޓައިކަމަށެވެ. ހިޔަނާތުގެ ދައުވާތަކުގެ މައްސަލައިގައި އެއްވެސް މިންވަރަކަށް ގާނޫނީ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވެފައި ނުވާނެކަމަށް ގާޒީ ނަދީމް ވިދާޅުވި އެވެ.
އަދީބުގެ ވަކީލުންގެ ޓީމުން ނަދީމް ވަކިވިކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައި ވަނީ 2015، ނޮވެމްބަރު 14 ގަ އެވެ.
ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލާފައިވާ ދައުވާގައި މީގެ ކުރިން ބޭއްވި އަޑު އެހުމެއްގައި ރައީސް ޔާމީންގެ މިލްކިއްޔާތުގައި ހުރި، އެމަނިކުފާނުގެ އާމްދަނީއާ ނުބައްދަލު މުދަލާއި ފައިސާ ދައުލަތަށް ނަގައިދިނުމުގެ އަމުރަކަށް، ދައުލަތުން ކްރިމިނަލް ކޯޓުގައި އެދިފައިވެއެވެ. މީގެ ކުރިން ވެސް އަޑުއެހުންތައް ކުރިޔަށް ގެންގޮސްފައިވާ މި ދެ ދައުވާއަށް ރައީސް ޔާމީން ވަނީ އިންކާރު ކުރައްވާފައެވެ. އަދި އެމަނިކުފާނުގެ އެންމެ އިސް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރަނީ ހިނގާފައި ނެތް ކުށެއް ކަމަށެވެ. އަދި މިއީ ސިޔާސީ ބޭނުމަކަށް ކުރާ ދައުވާތަކެއް ކަމަށާއި، މިއީ ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ރައީސް ޔާމީނާއި މެދު ހަސަދައެއް ފިލުވާލުމުގެ ނިޔަތުގައި އުފުލާފައިވާ ދައުވާއެއް ކަމަށެވެ.

