ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ރިޔާސީ ބަޔާން އިއްވާ މަޖިލިސް މިއަހަރަށް ހުޅުއްވާ ދެއްވުމަސް ބޭއްވި ޖަލްސާގައި ކަންތައްތައް ހިނގާ ދިޔައީ އާންމު އުސޫލުން ބޭރުންކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލީހުގައި ވާހަކަދައްކަވަމުން ރޮޒައިނާ ވިދާޅުވީ މަޖިލީހުގެ ތެރޭގައި ހިނގައިދިޔަ ހަމަނުޖެހުމުގެ ތެރެއިން މަޖިލީހުގައި މަސައްކަތްކުރައްވާ އަންހެން ކަނބަލުންނާއި ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ދައްކަވާ ވާހަކަަކާއިމެދު ކަންބޮޑުވާކަމަށެވެ. އަދި އޭނާ ވަނީ އެ އަމަލު ކުށްވެރިކުރައްވާފައެވެ.
ރޮޒައިނާ ވިދާޅުވީ ފިރިހެން މެންބަރުން ތަޅުމުގައި ބޭރުކުމުގައި ހަރަކާތްތެރިވެ، މެންބަރުންގެ ގައިގައި އަތްލާ ހެދީ އަމިއްލައަށް ބޭނުންފުޅުވެގެން ނޫންކަމަށެވެ. އަދި އެއީ މަޖިލީހުގެ ވެރިން ދެއްވި އިރުޝާދުގެ ދަށުން ކުރެއްވި ކަންތައްތަކެއްކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
އެބޭފުޅުންނެއް މިތާނގަ ފިރިހެން މެންބަރުންގެ ގައިގައި އަތްލާ ހިތަކުން ކަމެއް ކޮށްފަކާއެއް ނެތް. މިތާ ހިނގި ކަންތައްތަކަކީ މިތަނުގެ ވެރިން އެބޭފުޅުންނަށް އިސްޓްރަކްޝަންސް ދެއްވި ގޮތަށް އެބޭފުޅުން އަމަލުކުރައްވާފައި މިވަނީ. އެހެންވީމަ މިަކަހަލަ ހާލަތްތަކުގައި އާންމު ރައްޔިތުންވެސް އަޅުގަނޑަށް ހީވަނީ ކޮންމެސް ވަރަކަށް ވިސްނާވަޑައިގަންނަވަން އެބަ ޖެހިވަޑައިގަންނަވާކަންނޭގެ.
އާންމު ރައްޔިތުންވެސް މިފަދަ ހާލަތްތަކުގައި ވިސްނާވަޑައިގަންނަންޖެހޭކަމަށް ފާހަގަކުރެއްވިއެވެ. އަދި ރޮޒައިނާ ވިދާޅުވީ، އެފަދަ ދާއިރާތަކުގައި މަސައްކަތްކުރާ އަންހެނުންގެ އަދަދު މަދުއިރު އެބޭފުޅުންގެ އަގުވެއްޓޭހެން ވާހަކަތައް ދެއްކެވުމުން އެއީ އެ މަސައްކަތުގައި ހަރަކާތްތެރިވާ އަންހެން ބޭފުޅުންނަށް ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމެއްކަމަށެވެ. އަދި އާންމު ފަރާތްތަކަށްވެސް މިކަމުގެ އަސަރުކުރާނެކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
ފުލުހުންނާއި، ކަސްޓާމް އާއި އަދި އެހެންވެސް މީހުންނާއި ގުޅުން ހުރި މަސައްކަތްތައް ކުރާ ތަންތަން ފާހަގަކުރައްވާ ރޮޒައިނާ ވިދާޅުވީ، އަންހެނުންނާއި ކުރިމަތިލާނީ އަންހެނުންކަމަށެވެ. އަދި ފިރިހެނުންނާއި ކުރިމަތިލަނީ ފިރިހެނުންކަމަށެވެ.
ރޮޒައިނާ ވިދާޅުވީ މަޖިލީހުގައި ކަންކަން ހިގައި ދިޔައީ އާންމު އުސޫލާއި ހިލާފަށްކަމަށެވެ. އަދި އެއީ އެއްވެސް ހާލެއްގައި އަންހެން ސެކިއުރިޓީއިން އަމިއްލައަށް އެދިގެން ކުރެއްވިކަމެއް ނޫންކަމަށް ތަކުރާރުކޮށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރޮޒައިނާ ވިދާޅުވީ މިފަދަ ގޮތަކަށް ތަކުރާރުނުވާނެފަދައިން މަޖިލީހުގެ ގަޥާއިދަށް އިސްލާހު ގެނައުމަށް އޭނާ ހުށައަޅާނަންކަމަށެވެ.

