ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިސްކިތްތަކުގައި ނިދައި، މަސްތުވާތަކެތި ބޭނުން ކުރާކަމުގެ ޝަކުވާ ކޮވިޑަށް ފަހު ނުލިބޭ: މިނިސްޓަރ

އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒާހިރު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކޮށް، ތަނުގެ ގަދަރު ކުޑަވާ ގޮތަށް ނިދާކަމުގެ ޝަކުވާތައް މިފަހުން ލިބިފައި ނެތްކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

ފަހަކަށް އައިސް މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުން ކުރާ މައްސަލައާއި، މިސްކިތުގެ ގަދަރާއި އިހުތިރާމް ކުޑަވާ ގޮތަށް އަމަލުތައް ހިންގާ މައްސަލައިގައި މިނިސްޓްރީން ފިޔަވަޅުތައް ނާޅާކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ. މިނިސްޓްރީން މައްސަލަ ހައްލު ކުރުމަށް އެއްވެސް މަސައްކަތެއް ކުރިޔަށް ގެންދިޔަ ތޯ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މައްޗަން ގޯޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް ސުވާލު ކުރުމުން ޖަވާބުގައި މިނިސްޓަރު ވިދާޅުވީ މިއީ މުޖްތަމައުގެ ތެރޭގައި މިވަގުތު އޮތް ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށެވެ.

2020 ގެ ކޮވިޑު-19 ގެ ހާލަތުގެ ތެރޭގައި، އެންމެ ބޮޑަށް ފެންމަތިވި އެއް މައްސަލައަކީ މަސްތުވާތަކެތި ބޭނުން ކުރާ މީހުން މިސްކިތްތަކުގައި ނިދައި އަދި އެތަނުގައި މަސްތުވާތަކެތި ބޭނުން ކުރާ މައްސަލަތައްކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ ބަލިމަޑުކަމަށް ފަހު މާބޮޑު އެފަދަ ޝަކުވާތަކެއް ލިބިފައި ނުވާކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑުގެ ތެރޭގައި އޭރު އިތުރުވި އެ ޝަކުވާތައް މިހާރު ނުލިބޭ ކަމަށެވެ. އެކަމަކު، ދެ ފްލޯއަށް ހަދާފައި ހުންނަ މިސްކިތްތަކަށް ބައެއް މީހުން ނިދަން ވަންނަކަމުގެ ޝަކުވާތަކެއް ލިބޭކަމަށް ފާހަގަ ކުރެއްވި އެވެ.

”ކޮވިޑުގެ ތެރޭގައި އަޅުގަނޑުމެންނަށް ފާހަގަވި ބައެއް މީހުން މިސްކިތްތަކުގެ ތެރޭގައި ނިދައި، އަދި މަސްތުވާތަކެތި ބޭނުން ކުރާކަމަށް… ދެން އޭގެ ފަހުން އަޅުގަނޑުމެންނަކަށެއް ނެތް މަސްތުވާތަކެތި ބޭނުން ކުރާކަމަށެއް… މިސްކިތުގައި ބޭނުން ކުރާކަމަށާއި އަދި މިސްކިތުގައި ނިދާކަމަށް ވެސް އަޅުގަނޑުމެންނަށް ފާހަގަކުރެވިފައެއް.. ނަމަވެސް މަދު މަދުން ނަމަވެސް ދެބުރިއަށް ހެދިފައި ހުންނަ ތަންތަނުގައި މީހުން އެތަނުގައި ނިދާކަމުގެ ޝަކުވާ އަޅުގަނޑުމެންނަށް ލިބޭ“ އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރު

މިނިސްޓަރު ވިދާޅުވި ގޮތުގައި މި މައްސަލަ ހައްލު ކުރުމުގެ ގޮތުން، މާލެ ސިޓީ ކައުންސިލާއި ފުލުހުންނާއި އެކު ބައްދަލުވުންތަކެއް ބާއްވައި މަޝްވަރާ ކުރެވުނެވެ. އެހެންވެ އެގޮތަށް ފާހަގަކުރެވިފައި ވާ ބައެއް މިސްކިތްތަކެއް ހުރުމާއި އެކު ސިޓީ ކައުންސިލާއި ގުޅިގެން އެކަން ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅިވި އެވެ.

މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުން ކުރާކަމުގެ ޝަކުވާތައް ކޮވިޑުގެ ހާލަތަށް ފަހު ނުލިބޭކަމަށް މިނިސްޓަރު ވިދާޅުވީ ނަމަވެސް އެކަން ހައްލު ނުވާކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ. އަދި މިސްކިތްތަކުގެ ތެރޭގައި އެފަދަ އަމަލު ހިންގާ މީހުންނާއި މެދު ފިޔަވަޅު އެޅުމަށް ގޮވާލައި ބައެއް ރައްޔިތުން ސޯޝަލް މީޑިއާގައި ވީޑިއޯތައް ވެސް އާއްމު ކުރެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: