ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަރުކަށި ފިކުރު ޖަލުތަކުގައި ދަނީ ފެތުރެމުން، ރޭ ވެސް ހޭލާ ތިބެން ޖެހުނު ހާދިސާއެއް ދިމާވި: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އިންތިހާއަށް ހަރުކަށި ފިކުރު ފެތުރެމުންދާއިރު، ސަރުކާރުން މަސައްކަތް ކުރަނީ އެ މީހުންތައް ޖަލުގައި ވަކިން ބެހެއްޓުމަށް ނަމަވެސް އެތަނުގެ ތެރޭގައި ވެސް ރޭގަނޑު ހޭލާތިބެ އެ މީހުން މޮނީޓާރ ކުރަން ޖެހޭ ހާލަތްތައް އަންކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެއްޖެ އެވެ.

ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށް ސަރުކާރުން ގިނަ މަސައްކަތްތައް ކުރަމުންދާއިރު، މިހާތަނަށް ކައުންޓާރ ޓެރަރިޒަމްގެ ފަރާތުން އާއްމު ކުރި މައުލޫމާތުތައް ދައްކާގޮތުގައި މީހުން މެރުމަށް ފަސް ނުޖެހޭނެ އަދި ޖާނުން ފިދާވެގެން ވެސް ހަމަލާތައް ދީފާނެ ވިސްނުން ހުރި 1،500 އެއްހާ މީހުން ރައްޖޭގައި އެބަތިއްބެވެ.

2019 ގައި ސަރުކާރުން ހާމަކުރި މި އަދަދަށް އެއްވެސް ބަދަލެއް އައިސްފައި ވޭތޯ ހޯމް މިނިސްޓްރީ އާއި ކުރި ސުވާލަށް އެދެވޭ ޖަވާބެއް ލިބިފައި ނުވެ އެވެ. ތަކުރާރުކޮށް ފުލުހުންނާއި ހޯމް މިނިސްޓްރީން ވެސް ބުނަމުން ދަނީ ރާއްޖޭގައި ކުރިޔަށް ވުރެ ބޮޑަށް ހަރުކަށި ފިކުރު އިތުރު ވަމުންދާކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހާޒިރު ކުރުމުން، ހަރުކަށި ފިކުރާރާއި ގުޅޭގޮތުން ސުވާލު ކުރެއްވީ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) އެވެ. މެމްބަރު ސުވާލު ކުރެއްވީ ޖަލުތަކަކީ އެއީ ހަރުކަށި ފިކުރަށް މީހުން ޓްރެއިން ކުރާ ތަނެއްގެ ގޮތުގައި ދިރާސާތަކުން ދައްކާއިރު އެކަމަށް އެއްވެސް ފިޔަވަޅެއް އެޅިފައި ވޭތޯ އެވެ.

ޖަލުތައް ވެފައިވަނީ ހަރުކަށި ފިކުރުގެ އައްޑާއެއްކަމަށް ދެކެވޭ ވާހަކަ އާއި ގުޅޭގޮތުން އިމްރާން ވިދާޅުވީ ޓްރާންސްޕޭރެންސީ އާއި ހޯމް މިނިސްޓްރީ ގުޅިގެން އެކުލަވާލި ރިޕޯޓެއްގެ ނަތީޖާތައް ދައްކަނީ ވެސް އެގޮތަށްކަމަށެވެ. ޖަލުގައި ހުރި މައްސަލަތައް ދެނެގަނެ، އެކަންކަން ހައްލު ކުރުމަށް ގިނަ މަސައްކަތްތައް ކުރަން ޖެހޭއިރު އިމްރާން ވިދާޅުވި ގޮތުގައި މިނިސްޓްރީން ދަނީ ޖަމިއްޔާތަކާއި ބައިނަލްއަގުވާމީ އެކި ޖަމާއަތްތަކާއި މަޝްވަރާ ކުރަމުންނެވެ.

އިމްރާން ވިދާޅުވީ ރާއްޖޭގެ ޖަލުތަކުގައި ހަރުކަށި ފިކުރު ފެތުރިފައިވާކަން ޓްރާންސްޕޭރެންސީގެ ރިޕޯޓެއްގައި ފާހަގަކޮށްފައިވާއިރު އެއީ މިނިސްޓްރީއަށް ނޭނގި އޮއްވައި ބަޔަކު ދެއްކި ވާހަކައެއް ނޫންކަމަށެވެ. ރާއްޖޭގެ ޖަލުތަކަކީ ހަރުކަށި ފިކުރު ފެތުރުމުގެ މައި އެއްތަނަކަށްވެފައިވާކަން ސަރުކާރު އުފެދި އައީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ދައްކަމުންކަމަށް އިމްރާން ވިދާޅުވި އެވެ.

”އަޅުގަނޑުމެން މިއަދު ވާނީ.. އޭގެ ކުރިންސުރެ ފެށިގެން ވެސް އެތައް ފިޔަވަޅުތަކެއް އަޅާފައި.. ޖަލުތަކުގައި މީގެ ކުރީގައި އަޅުގަނޑުމެން ސަރުކާރަށް އައިއިރުގައި ނުވަތަ ސަރުކާރާއި ހަވާލުވިއިރުގަ އާއްމުކޮށް ތަފާތު ކުށްތައް ކުރާ މީހުން ކެޓަގަރައިޒް ކުރުމެއް ނޯވޭ.. ނަމަވެސް މިހާރު ވަކިން ހާއްސަކޮށް ހަރުކަށި ފިކުރުގެ މީހުން އެސެސް ކުރާނެ ޓޫލްސްތަކެއް ޑެވެލޮޕްކޮށް އެފަރާތްތައް އެސެސްކޮށް އެހެން ގައިދީންނާއި ވަކިން ބޭތިއްބޭނެ އެންމެ ބޮޑު މިންވަރަކަށް މިދަނީ އެކަން ކުރަމުން….“ އިމްރާން

އިމްރާން ވިދާޅުވީ ހަރުކަށި ފިކުރުގެ މީހުން ވަކިން ބައިތިއްބައި، ޖަލުތަކުގައި އެ މީހުންގެ ފަރާތުން އެހެން ބަޔަކަށް ނުރައްކަލެއް ވިޔަ ނުދިނުމުގެ މަސައްކަތް ކުރީ މި ސަރުކާރުން ކަމަށެވެ. އެގޮތުން މީގެ ކުރިން ކުށް ކުރާ މީހުން އެއްވެސް މިންވަރަކަށް ވަކިނުކުރާކަމަށާއި ހުރިހާ ބާވަތްތަކެއްގެ ކުށް ކުރާ މީހުން އެއްތަނެއްގައި ގެންގުޅުމުގެ ސަބަބުން ނިކުތް ނަތީޖާތައް ގޯސްކަން ފާހަގަކޮށް އިމްރާން ވިދާޅުވީ ހަރުކަށި ފިކުރުގެ މީހުން މިހާރު ބައިތިއްބަނީ އެހެން ގައިދީންނާއި ވަކިން ކަމަށެވެ.

މިފަދަ ފިކުރުގެ މީހުން ވަކިން ބޭތިއްބި ނަމަވެސް، އެއީ 24 ގަޑިއިރު މޮނީޓަރ ކުރަންޖެހޭ ބައެއްކަމަށާއި އަދި ރޭގަނޑު ހޭލާ ތިބެގެން ވެސް އެ މީހުން ހުއްޓުވަން ޖެހޭ ފަހަރުތައް ޖަލުގެ ތެރެއިން ވެސް ދިމާވާނެކަމަށް އިމްރާން ވިދާޅުވި އެވެ.

”ވަރަށް ގިނަ މަސައްކަތްތައްކޮށްގެން ސީދާ އެފަދަ މީހުން ބައިތިއްބާނެ ހައި ސެކިއުރިޓީ ވިންގެއް މާފުށީ ޖަލުގައި ޑެވެލޮޕް ކުރުމުގެ މަސައްކަތް ފެށިގެން މިހާރު ދަނީ ކުރިޔަށް.. އަޅުގަނޑު އުންމީދު ކުރަނީ އިރާދަކުރެއްވިޔާ މިއަހަރުގެ ޖޫން، ޖުލައިގެ ނިޔަލަށް އެ ވިންގުގެ މަސައްކަތް ނިންމާލެވޭނެކަމަށް.. އެތަން ޑިޒައިންކޮށްފައިވާނީ ސިންގަޕޯ ފަދަ ތަންތަނުގައި މިފަދަ މީހުންނަށް ހަދާފައި ހުންނަ ސެލްތައް ބަލައިގެން..“ އިމްރާން

އިމްރާން ވިދާޅުވީ ސަރުކާރުން މިހާރު މަސައްކަތް ކުރަމުން ދަނީ ހަރުކަށި ފިކުރުގެ މީހުން ވަކިން ބަހައްޓާނެ ވިންގެއް ހެދުމަށް ކަމަށެވެ. އެގޮތުން އެ ވިންގު އެއްކޮށް ނިންމާލެވޭނެކަމަށް ބެލެވެނީ ޖޫން، ނުވަތަ ޖުލައިގެ ނިޔަލަށްކަން ފާހަގަކޮށް އިމްރާން ވިދާޅުވީ ވިންގުގެ މަސައްކަތް ކުރިޔަށް ގެންދިޔައީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ހަރުކަށި ފިކުރުގެ މީހުންނާއި މެދު އަމަލު ކުރާ ގޮތްތައް ބަލައި ދިރާސާ ކުރުމަށް ފަހު ކަމަށެވެ.

މި މަސައްކަތަށް ހޭދަ ކުރީ، 35 މިލިއަން ރުފިޔާކަމަށާއި ރާއްޖޭގައި ލިބެން ހުރި ވަސީލަތްތަކާއި ޓެކްނޮލޮޖީ ވިންގުގެ މަސައްކަތް ކުރިޔަށް ގެންދިއުމުގައި ބޭނުން ކުރެވުނުކަމަށް އިމްރާން ވިދާޅުވި އެވެ.

ރާއްޖޭގެ ޖަލުތަކުގައި ހަރުކަށި ފިކުރު ފަތުރާ ބަޔަކު އުޅޭކަމުގެ ވާހަކަތައް ދެކެވެއެވެ. އަދި އިމްރާން ވެސް އެކަން އިންކާރެއް ނުކުރެއެވެ. އެފަދަ ކަންކަން ޖަލުން ފާހަގަ ކުރެވޭތީ، ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުން މުހިންމުކަމަށް އިމްރާން ވަނީ ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ، ޖަލުގައި ކުށްވެރީންގެ ގޮތުގައި ނުފޫޒު ގަދަ މީހުން އުޅޭ ފަހަރުތައް އަންނަ ކަމަށެވެ. ނަމަވެސް، އެކަން ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އިމްރާން ވިދާޅުވި އެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި އެ މީހުން ބައިތިއްބައިގެން ޕްރޮގްރާމް ކުރިޔަށް ގެންދެވޭނެ އިންތިޒާމު ގާނޫނުގެ ދަށުން ލިބިދޭންޖެހޭ ކަމަށް އިމްރާން ވިދާޅުވި އެވެ.

އިމްރާން ވަނީ ދިވެހި މި މުޖްތަމައުގެ ތެރޭގައި އައިއީޑީތައް ހަދައި، ޓެރަރިޒަމްގެ ހަމަލާތައް ދިނުމުގެ ތަމްރީނާއި އެ ގާބިލުކަން ހުރި މީހުން ތިބިކަން ފާހަގަ ކޮށްފައެވެ.

ޓެރަރިޒަމްގެ ނުރައްކާ ދުވަހަކަށް ވުރެ ދުވަހެއް ރާއްޖެއަށް ބޮޑުވަމުން ދާއިރު، ޖިނާއީ އަދުލުގެ ނިޒާމުގެ ތެެރެއިން ސީރިއަސް ގޮތެއްގައި އެކަމާ މެދު ދެކޭ ތަނެއް އަދިވެސް ނުފެނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: