ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރެއްގެ ސިފަ ގެއްލޭތީ ވައްޑެގެ ފާޑުކިއުން؛ ”ބިރުން ތިބެދާނެކަމަށް ރައީސް ސޯލިހު ހީކޮށްގެން ނުވާނެ“

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ)/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވަރަށް ބޮޑެތި އުންމީދުތަކާއި އެކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެނައުމުން މިއަދު ސަރުކާރުގެ ތެރެއިން ފެންނަމުން ދަނީ ބާރާއި ނުފޫޒު ބޭނުންކޮށް ކުރިން ދެކޮޅު ހެދި އެތައް ސިފަތަކެއް އަލުން އިޔާދަ ވާ މަންޒަރުކަމަށް މަޖިލީހުގެ އަނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު ވެރިކަން ކުރައްވަމުން ގެންދަވަނީ، އެމްޑީޕީގެ އުސޫލުތަކާއި ޕާޓީގެ ހަމަތަކާއި ހިލާފަށްކަމަށް ބުނެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވާފަ އެވެ. ހާއްސަކޮށް މިދިޔަ މަހު ބޭއްވި ރިޔާސީ ޕްރައިމެރީ ރައީސް ސޯލިހު ކާމިޔާބު ކުރީ ނުފޫޒާއި ބާރުގެ ބޭނުންކޮށްގެންކަމަށް ގިނަ މެމްބަރުން ބުނެ އެވެ.

އެމްޑީޕީގެ ޕާލިމަންޓު ގުރޫޕާއި، ގައުމީ މަޖިލީހުގެ ގިނަ މެމްބަރުންނާއި އެކު ޕާޓީގެ ބޮޑު އަޣުލަބިއްޔަތެއް އޮތީ ރައީސް ސޯލިހަށެވެ. އަދި މަޖިލީހުގެ ތެރޭގައި އެ މައްސަލަތައް ގޯސްވެ، ރައީސާއި އަރިސް މެމްބަރުން ވަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން، ވަހީދު ވިދާޅުވީ ރައްޔިތުންގެ ފައިސާތައް ދައުލަތުން އެކި ކަންކަމަށް ހޭދަ ކުރާއިރު އެއީ ބޭކާރު ނޫން ހަރަދުތަކަށް ވާން ޖެހޭ ކަމަށެވެ. އަދި ފައިސާތައް ހޭދަ ކުރަން ޖެހޭނީ ޒިންމާދާރުކަމާއި އެކުކަމަށް ވަހީދު ވިދާޅުވި އެވެ.

ރައްޔިތުންގެ ފައިސާއަށް ދައުލަތުން އަމާނާތްތެރިވޭ ތޯ، ކަށަވަރު ކުރަން ޖެހެނީ އެ ރައްޔިތުންގެ ވޯޓާއި އެކު މަޖިލީހަށް އިންތިހާބުވެފައި ތިބި މެމްބަރުންކަމަށް ފާހަގަކޮށް ވަހީދު ވިދާޅުވީ މެމްބަރުން ތިބެން ޖެހޭނީ ވެސް އެ ޒިންމާގެ މަތީގައިކަމަށެވެ.

ވަހީދު ވިދާޅުވީ ރާއްޖެއަށް ޑިމޮކްރަޓިކް ނިޒާމެއް އުފަން ކުރީ ދިވެހި އެތައް ރައްޔިތުންނެއް ވީ ގުރުބާނީން ކަމަށެވެ. އޭގެ ކުރިން މަޖިލީހުގައި އޮންނަނީ ސަރުކާރުން ބޭނުން ގޮތަކަށް ނުފޫޒު ފޯރުވޭ ގޮތަށް އޮތް ނިޒާމެއްކަމަށާއި އެ ނިޒާމުގައި މަޖިލީހަށް މެމްބަރުން އައްޔަނު ކުރަމުން ދިޔައީ އޭރުގެ ސަރުކާރުންކަމަށް ވަހީދު ވިދާޅުވި އެވެ. އެއާއި އެކު ސަރުކާރުގެ މަގާމުތަކާއި، ވަޒީރުންގެ ދައުރު ވެސް އޮތް ގަތަކީ އެއީކަމަށް އޭނާ ވިދާޅުވި އެވެ.

ވަހީދު ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުން ވެސް ފެންނަނީ ހަމަ އެފަދަ ސިފައެއް ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންގަވައިގެން އެމަނިކުފާނު ބޭނުންވާ ގޮތަށް އަރިސް މެމްބަރުން ކަންތައް ކުރަމުން ގެންދިއުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި ވަހީދު ފާހަގަކުރެއްވި އެވެ.

”ދެންމެ އަޅުގަނޑަށް އިހުސާސްވެއްޖެ.. އެ ޒަމާނުގެ އެ މަޖިލީހުގެ ސިފައިގައި.. މި މަޖިލިސް ހިންގެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ތާއީދު ކުރައްވާ ބޭފުޅުން، ރައީސުލްޖުމްހޫރިއްޔާ އަންގަވައިގެން އެބޭފުޅުން އެގޮތަށް މިތަނުގައި ވާހަކަ ދައްކަވާތީ… އަޅުގަނޑު ވަރަށް ބޮޑަށް ކަންބޮޑުވާކަމެއް“ ވައްޑޭ

ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ދުވަސްވަރަކީ، އެންމެ ބާރު އޮތް އަދި ނުފޫޒު ގަދަ ދުވަސްވަރު ނަމަވެސް ހުދު އެމަނިކުފާނު އައްޔަނު ކުރި މެމްބަރުންތަކެއް ތީމުގެ ވެދުމަށް އެރުވުމާއި ދެކޮޅުވިކަމަށް ވަހީދު ވިދާޅުވި އެވެ. ނަމަވެސް މިއަދު މަޖިލީހުގައި މެމްބަރުންގެ އަހުލާގު އެ މިންވަރަށް ވެސް ނެތްކަމަށް ވަހީދު ވިދާޅުވި އެވެ.

”ތިން ބާރު ވަކިވެފައި އޮތް، މި މަޖިލީހުގައި މިއަދު ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ ކަނޑުވަރު ވެދުމަށް އެރުވުމަށް ހުށަހަޅައިފިއްޔާ ކިހިނެއް ވާނެ ބާއޭ.. އަޅުގަނޑު ހަމަ ބިރުގަނޭ.. އެއްވެސް ކަހަލަ ހަމަ ވިސްނުމެއް، ފިކުރެއް މިނިވަންކަމެއް، މުސްތަގިއްލުކަމެއް ނެތި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަންގަވާހާ ގޮތަކަށް މަސައްކަތް ކުރާހާ ތަނަކަށް މިތަން ހަދަމުން ދިއުމުގައި މިހާރު ދެން ކޮންމެފަދަ ކަމެއް ވެސް.. މިދެންނެވީ 80 ގެ އޮތް ހާލަތަށް ވުރެ ދަށް ހާލަތަކަށް މި ޑިމޮކްރަޓިކް ނިޒާމު ގަޑުބަޑު ކުރަމުން ދާތީވެ އަޅުގަނޑު ކަންބޮޑުވޭ..“ ވައްޑޭ

2018 ގެ ރިޔާސީ އިންތިހާބު ރައީސް ސޯލިހަށް ކާމިޔާބުކޮށްދޭން މަސައްކަތް ކުރީ ވަރަށް ގިނަ އުންމީދުތަކާއި އެކުކަމަށާއި އެއީ ވަރަށް ބުރަ މަސައްކަތްކަމަށް ވަހީދު ވިދާޅުވި އެވެ. އަދި އެމަނިކުފާނު ވެރިކަމަށް ގެނައުމުގެ ގޮތުން އެކި ޖަލްސާތަކާއި ބައްދަލުވުންތަކުގައި އެތައް ވާހަކައެއް ދެކެވުނުކަން ފާހަގަކުރެއްވި އެވެ.

”މިސްކިތު ގާގަނޑަށް އަރާ ދުއާ ވެސް ކުރިން އަޅުގަނޑުމެން.. އެތައް ދުވަހަކު ޖަލުގައާއި، އެތައް ދުވަހަކު ހާލުގައި އަޅުގަނޑުމެން އުޅުނީމޭ.. ހާދަ އުންމީދަކާއި އެކީގައޭ މި ވެރިކަން ގެންނަން އަޅުގަމޑުމެން މަސައްކަތް ކުރީ“ ވައްޑޭ

ރައީސް ސޯލިހަކީ 25 އަހަރު ރައްޔިތުންގެ މަޖިލީހުގައި ހޭދަ ކުރެއްވި، ޕާޓީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރަށް ވެސް ވުމާއި އެކު އުންމީދުތައް މިހެން ގަޑުބަޑު ކުރައްވަފާނެކަމަށް ދުވަހަކު ވެސް ހިތަކަށް ނާރާކަމަށް ވަހީދު ވިދާޅުވި އެވެ.

ވަހީދު ވިދާޅުވީ ސަރުކާރާއި ދެކޮޅު ނެހެދޭނެކަމަށް ނުވަތަ ސަރުކާރަށް ފާޑު ނުކިޔޭނެކަމަށް ބުނެ މަޖިލީހުގައި ވާހަކަ ދެއްކުމަށް މެމްބަރުން ލަދު ގަންނަން ޖެހޭނެކަމަށެވެ.

”އެކަމަކު ބައްލަވާ މިތަނުގައި ދައްކަވާ ވާހަކަ… ސަރުކާރާއި ދެކޮޅެއް ނެހެދޭނެ އޯ މިތާކު.. ސަރުކާރަށް މިތާކު ފާޑެއް ނުކިޔޭނެ އޯ.. މި މަޖިލީހަށް މިހާރު މެމްބަރަކު ބިލެއް ހުށަހެޅިޔަސް ސަރުކާރާއި އެއްކޮޅު ތޯ ދެކޮޅު ނޫން ތޯ ބަލާފަ… ބޭރުކޮށްލުން ސަގާފަތަކަށް ވެއްޖެ.. އިދިކޮޅު މައިނޯރިޓީގެ އަޑު މިތަނުން ކަނޑުވާލުން ކަނބޮޑުވޭ..“ ވައްޑޭ

ވަހީދު ވިދާޅުވީ މަޖިލީހަށް އިންތިހާބު ވީ ޖަވާބުދާރީ ކުރުވޭނެ ދައުލަތެއް އުފެއްދުމަށް ކަމަށެވެ. ބޭނުން ވީ ނަޒާހަތްތެރި މަޖިލީހެއް ނަމަވެސް ކަން ހިނގަނީ ދިމާ އިދިކޮޅަށްކަމަށް ފާހަގަކޮށް ވަހީދު ވިދާޅުވީ އިސްލާމީ ވެރިކަމެއްގައި ވެރިންނާއި ދެކޮޅަށް ފާޑުކިޔޭނެ ކަމަށެވެ.

ވަހީދު ވިދާޅުވީ ސަރުކާރަށް ފާޑުކިއުން އެއީ ހަސަދަވެރިވުން، ނުވަތަ ޒާތީވުންކަމަށް ނުބުނެވޭނެކަމަށެވެ. އަދި ވެރިންނާއި ވަޒީރުން އަދި މަޖިލީހުގެ މެމްބަރުންނަށް ވެސް ފާޑުކިޔޭނެކަމަށް ވަހީދު ވިދާޅުވި އެވެ.

”ބެހޭނެ… އެކަން ހަޖަމު ވަންޏާ އަޅުގަނޑުމެން ސިޔާސީ މަސައްކަތުގައި އުޅެން ޖެހޭނީ..“ ވައްޑޭ

މިއަދު ވެރިކަމުގައި މިއޮތީ އެމްޑީޕީން ދެކޮޅު ހެދި ހުރިހާ ކަމެއް އުފަންވެފައިކަމަށާއި ދެކޮޅު ވި އާއިލީ ވެރިކަން އަލުން އިޔާދަވުން އެއީ ކަންބޮޑުވުމެއްކަމަށް ވަހީދު ތަކުރާރު ކުރެއްވި އެވެ.

”ޑިމޮކްރަސީގެ ހަމަތައް އަލުން އަނބުރާ ހަލާލު ކުރަމުން.. ހަލާކު ކުރަމުން އައިސް އަޅުގަނޑުމެން މި ތިބީ ތިބި ހިސާބު.. ބައްލަވާ އިހަށް ދުވަހު އޮތް އިންތިހާބު.. ކޮމިޓީއަށް ސަރުކާރުގެ ބޮޑުން ލައިގެން.. ސިޔާސީ މީހުން ލައިގެން މުޅި އިންތިހާބަށް އަތް ބޭނި މިންވަރު.. ރަނގަޅު ހައްޔަރެއް ނުކުރޭ ދެން.. ނުކެރެނީ ހައްޔަރު ކުރަން.. ނުކެރެނީ ހައްޔަރު ކުރަން.. އަޅުގަނޑުމެން އައްޔަނުކޮށްފައި މި ތިބީ އެމްޑީޕީން.. ބިރު ކަނޑުވާފައި ވިޔަސް، ހަޔާތް ކަނޑުވާފައި މިތބީ ވެސް އެމްޑީޕީން.. އެހެންވީމަ ރައީސް ސޯލިހު ހީކޮށްގެން ނުވާނެ މިއަދު އެމަނިކުފާނު ދެކެ ބިރުން އުޅޭނެކަމަށް“ ވައްޑޭ

ވަހީދު ވިދާޅުވީ، މެމްބަރުން ބަސް ބުނާތީ ވެ ދާއިރާތަކުގެ ތަރައްގީއަށް ދަނީ ހުސްރަސް އަޅަމުން ކަމަށެވެ. ބަސް ބުނާ މީޑިއާއެއް ނަމަ، އެ ތަނެއްގެ ސްޕޮންސާއަކަށް ދަތި ކުރާއިރު އަނެއްކޮޅުން އެހެން ގޮތްގޮތުން މީޑިއާތަކަށް ފައިސާ ބަހަމުން ދާކަމަށް ވަހީދު ވިދާޅުވި އެވެ.

އެމްޑީޕީގެ އެތެރޭގެ މައްސަލަތައް ގޯސްވެ، މިވަގުތު އުފެދިފައި އޮތީ ސަރުކާރާއި އެއްކޮޅު އަދި ދެކޮޅު ފެކްޝަނެކެވެ. އަދި ރައީސާއި އަރިސް މެމްބަރުން ރައީސް ނަޝީދަށް ތުހުމަތު ކުރާ ގޮތުގައި އެމަނިކުފާނު މަސައްކަތް ކުރަނީ 2023 ގެ ރިޔާސީ އިންތިހާބު ޕާޓީއަށް ގެއްލުވާލުމަށެވެ. ރައީސް ނަޝީދުގެ މެމްބަރުން ދަނީ ރައްޔިތުން އެމްޑީޕީއަށް ވެރިކަން ދިން އަސްލު އޮޅި ދެން އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެކަމަށް ބުނަމުންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: