ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން ހުށަހެޅުއްވީ ފުއްގިރި މައްސަލައިގެ އަޑުއެހުންތައް ލައިވް ކުރުމަށް!

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން، ޝަރީއަތުގެ އަޑުއެހުންތައް ލައިވްކުރުމަށް އެދިވަޑައިގެންފި އެވެ.

ފުއްގިރި ކުއްޔަށް ދޫކުރުމުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން އަދި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއެވެ.

އާރަށުގެ މައްސަލައިގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި ދިޔަ އިރު ރައީސް ޔާމީންގެ ފަރާތުން އެންމެ ގިނައިން ހުށަހެއެޅި އެއް ހުށަހެޅުމަކީ އަޑުއެހުންތައް ލައިވް ކުރުމަށެވެ. ނަމަވެސް ކޯޓުގައި އެ ވަސީލަތްތައް ނެތުމުގެ ސަބަބުން، އާއްމުންނަށް އަޑުއެހުންތައް ފެންނާނެހެން ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ޝަރީއަތްތައް ގެނެސް ދޭން ފެށުނީ ހެކިންގެ ހެކި ބަސް ނެގުމުގެ މަރުހަލާ ހަމައިންނެވެ.

ކްރިމިނަލް ކޯޓުގައި ވަސީލަތްތައް ނެތްކަމަށް ހާމަކުރުމުން، ސަންގު ޓީވީން ވެސް ވަނީ ޗެނަލްގެ ވަސީލަތްތައް ބޭނުންކޮށްގެން ޝަރީއަތް ލައިވްކޮށްދޭނެކަމަށް ހާމަކޮށް ސިޓީއެއް ފޮނުވާފަ އެވެ.

އާރުށުގެ މައްސަލަ ނިމި، މިހާރު ކުރިޔަށްދާ ފުއްގިރި މައްސަލައިގެ އަޑުއެހުންތައް ލައިވް ކުރުމަށް އެދި ރައީސް ޔާމީންގެ ފަރާތުން މިއަދު ހުށަހެޅި އެވެ. އެކަމަށް ގާޒީ ވަކި ގޮތެއް ނުނިންމަވަ އެވެ.

މައްސަލަ ބައްލަވާ ގާޒީ، ނަދީމް މިއަދު ދެއްވާފައި ވަނީ އިފްތިތާހީ ބަޔާން އިއްވުމާއި ދައުލަތުން ހުށަހެޅި ހެކިންގެ ހެކި ބަސް ނަގާނެ ތާވަލެކެވެ. އެގޮތުން ދައުލަތާއި ސަންގެ ދެ ކުންފުނީގެ އިފްތިތާހީ ބަޔާން އިއްވުން އޮންނާނީ އަންނަ މާޗު މަހުގެ 09 ގަ އެވެ. ރިޒާގެ ބަޔާން އިއްވުމުގެ އަޑުއެހުން މާޗު 12 ގައި ބޭއްވުމަށް ފަހު ރައީސް ޔާމީންގެ ބަޔާން އިއްވުން ތާވަލު ކުރީ މާޗު 13 އަށެވެ.

އިފްތިތާހީ ބަޔާނަކީ ޝަރީއަތް ފެށުމުގެ ގޮތުން ހުރިހާ ހަސްމުން އިއްވާ ބަޔާނެކެވެ.

ހެކިންގެ ހެކި ބަސް ނެގުން ތާވަލުކޮށްފައި ވަނީ މާޗު 16، 20، 26، 27 ،28، 29 އަދި 30 ވަނަ ދުވަހު އެވެ.

ޔާމީންގެ އިތުރުން މި މައްސަލާގައި ރިޒާއަށާއި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ކުންފުންޏާއި ސަން އިންވެސްޓްމަންޓް ކުންފުންޏަށް ވެސް ވަނީ ދައުވާ ކޮށްފަ އެވެ. ރިޒާގެ މައްޗަށް ކޮށްފައިވަނީ ރިޝްވަތު ދިނުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިން ކުށުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އެވެ.

ފުއްގިރި މައްސަލައިގައި ޔާމީނަށް ކުރާ ދެ ދައުވާ ސާބިތުކުރުމަށް ޕްރޮސިކިއުޓާ ޖެނަރަލް ވަނީ ގިނަ ހެކިތަކެއް ހުށަހަޅައިފަ އެވެ. އެގޮތުން ޝަފަވީ އަދި ކިތާބީ ހެކި ހިމެނޭ ގޮތަށް ޖުމްލަ 86 ހެއްކެއް ހުށަހެޅި އެވެ.

އޭގެ ތެރޭގައި ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ކުށަށް އިއުތިރާފުވެ ޖަލު ހުކުމެއްގައި ތިއްބެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހިމެނެ އެވެ. އޭގެއިތުރުން މީދޫ ދާއިރާގެ މެންބަރު އަދި ސަން ކުންފުނީގެ ވެރިޔާ އަހުމަދު ސިޔާމާއި އޭނާއާ ގާތް ގުޅުމެއް އޮންނަ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ މައުރޫފުގެ އިތުރުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ)ގެ ނަން ވެސް ހެކީގެ ގޮތުގައި ހުށަހަޅާފައިވެ އެވެ.

ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލާފައިވާ ދައުވާގައި މީގެ ކުރިން ބޭއްވި އަޑު އެހުމެއްގައި ރައީސް ޔާމީންގެ މިލްކިއްޔާތުގައި ހުރި، އެމަނިކުފާނުގެ އާމްދަނީއާ ނުބައްދަލު މުދަލާއި ފައިސާ ދައުލަތަށް ނަގައިދިނުމުގެ އަމުރަކަށް، ދައުލަތުން ކްރިމިނަލް ކޯޓުގައި އެދިފައިވެއެވެ. މީގެ ކުރިން ވެސް އަޑުއެހުންތައް ކުރިޔަށް ގެންގޮސްފައިވާ މި ދެ ދައުވާއަށް ރައީސް ޔާމީން ވަނީ އިންކާރު ކުރައްވާފައެވެ. އަދި އެމަނިކުފާނުގެ އެންމެ އިސް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރަނީ ހިނގާފައި ނެތް ކުށެއް ކަމަށެވެ. އަދި މިއީ ސިޔާސީ ބޭނުމަކަށް ކުރާ ދައުވާތަކެއް ކަމަށާއި، މިއީ ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ރައީސް ޔާމީނާއި މެދު ހަސަދައެއް ފިލުވާލުމުގެ ނިޔަތުގައި އުފުލާފައިވާ ދައުވާއެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: