ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތޮއްޖެހެނީ ސަރުކާރުގެ ސިޔާސަތުތައް ފުށުއަރާތީ

ވެރިރަށް މާލެ ސިޓީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެއަކީ މާލޭގެ ކައިރިން ހިއްކާފައިވާ ރަށެކެވެ. އެ ރަށް ބިނާ ކުރީ މާލޭގައި އިތުރަމުންދިޔަ ބޯހިޔާވަހިކަމާއި، ވިޔަފާރި އަދި ސިނާއީ ބޭނުންތަކަށް ފުރުސަތު ފަހިކޮށްދިނުމަށެވެ. މި ރަށް ރައްޔިތުންނަށް ހުޅުވާލެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ. އެއީ 2004 ވަނަ އަހަރެވެ. ރަށް ހުޅުވުމާއިއެކު، އެންމެންވެސް ދައްކަމުންދިޔައީ ޖާގައިގެ ތަނަވަސްކަމުގެ ވާހަކައެވެ. އެކަމުގެ ސަބަބުން ލިބިގެންދާ އުފާތަކުގެ ވާހަކައެވެ.

ރާއްޖޭގައި އޮންނަ އެންމެ ބޮޑު ރަށްތަކުގެ ތެރޭގައި މިހާރު ހިމެނިފައިވާ މި ރަށުގައި އެތައް ހާސް ބަޔަކު ދިރިއުޅެމުންއެބަދެއެވެ. ފޭސް ދެއެއް އާބާދުކުރަން ފެށުމުގެ ކުރިން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ފަންސާސް ހާސް އާއި ގާތް ކުރާ އަދަދަކަށް މީހުން ދިރިއުޅެމުންދިޔަ ކަމަށް އަންދާޒާކޮށްފައިވާއިރު، ހުޅުމާލޭގެ ދެވަނަ ފިޔަވަހި އެއްކޮށް އާބާދުކޮށް ނިމޭއިރު، އެ ރަށުގައި 230،000 އަށްވުރެ ގިނަ މީހުން ނުވަތަ ރާއްޖޭގެ އާބާދީގެ 40 އިންސައްތައަށްވުރެ ގިނަ އަދަދެއްގެ މީހުން ދިރިއުޅޭނެކަމަށްވެސް އަންދާޒާތައް ކޮށްފައިވެއެވެ.

ބައެއް ފަރާތްތަކުން ފާހަގަކުރާގޮތުން 2017 ވަނަ އަހަރުގެ ނިޔަލަށް މާލޭގައި އެއް ލައްކަ ސާޅީސް ހާހާ ގާތް ކުރާ އަދަދަކަށް މީހުން ދިރިއުޅުނެވެ. އެހެންކަމުން މި އަދަދަށް އިތުރުވުންތަކެއް އައިސްފައިވާނެކަން ޔަގީނެވެ. އަދި މާލޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ މީހުން މިހާރު ހުޅުމާލެއަށް ދިރިއުޅުން ބަދަލުކޮށްފައިވެސް ވާނެނަމަވެސް މާލެ ސަރަހައްދުގެ ތޮށްޖެހުމަށް އެއްވެސް ބަދަލެއް އައިސްފައިނުވެއެވެ. ނުވަނީ އެކި ހިދުމަތްތައް ލިބިގަތުމަށް މާލެ ސަރަހައްދަށް އަންނަން ޖެހިފައި އޮތުމުގެ ސަބަބުންނެވެ.

މިހެން ގޮސް މިއަދު، މާލެއިން ހުޅުމާލެއަށް ގުޅުވައިދޭ ބުރިޖު މަތީގައި ކޮންމެވެސް ސަބަބަކާއި ގުޅިގެން ވަގުތެއްވަންދެން ޓްރެފިކް ތާށިވެފައި އޮތުމުގެ އެތައް މައްސަލައެއް ފެންމަތިވާން ފަށާފައިވުމާއިއެކު އަނެއްކާވެސް ކަންބޮޑުވާންޖެހިއްޖެއެވެ. މަދު ދުވަސްކޮޅެއްވަންދެން ޖާގައިގެ ތަނަވަސްތަކަން އިހުސާސްވުމަށްފަހު، މިހާރު ހުޅުމާލެ ސަރަހައްދުގައިވެސް މީހުން ގިނަވެ ތޮއްޖެހެން ފަށައިފިއެވެ.

ހެނދުނު ހެނދުނާއި ގިނަ އަދަދެއްގެ މީހުން ސައިކަލާއި ކާރުގައި އޮފީހަށް ދާން ނުކުމެގެންދާ އިރުން ފެށިގެން އަނދިރިވެއްޖައުމަށްދާންދެންވެސް ބިނާކޮށްފައިވާ ބުރިޖު މަތީގައި މެދު ނުކެނޑި ޓްރެފިކް އޮވެއެވެ. އުޅަނދުތައް ގިނަވެ، ފަރިތަ ދުއްވުންތެރިންނަށްވެސް ވިސްނައިގެން ދުއްވަންޖެހޭ ތަނެއްގެ ގޮތުގައި ޖާގަ ތަނަވަސްކަމަށް ބަލައިގެން ބިނާ ކުރި ބުރިޖު އަދި ހުޅުމާލެވެސް ވެއްޖެއެވެ.

އެކްސިޑެޓުތައް ހިނގައި ދުވަހުގެ އެކި ވަގުތުތަކުގައިވެސް ބުރިޖުމަތި ބާރު ބޮޑުވެ ތާށިވެގެންދެއެވެ. އެހެންކަމުން މިއަދު ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށްވެސް ޖާގައިގެ ދަތިކަމެއް އިހުސާސްކުރެވެން ފަށާފައި ވުމުން، މާލެ ސަރަހައްދު ތޮއްޖެހުމުގެ މައްސަލައަށް އެއްވެސް ހައްލެއް ގެނެވިފައިނުވާކަމަށް ބުނެވޭނެއެވެ.

ސައިކަލު ދުއްވާ މީހުން ގިނަ ވަނީކަމަށް އެއް ބަޔަކު ބުނާއިރު، އަނެއް ބަޔަކު ދައްކަނީ ދުއްވަމުންދާ ކާރުތަކުގެ އަދަދުތައް ގިނަ ވާހަކައެވެ. އެހެންނަމަވެސް މި މައްސަލަ ދިމާވަނީ މައިގަނޑު އެއް ސަބަބާއި ގުޅިގެންނެއެވެ. މި މައްސަލަ އުފެދިގެން އަންނަނީ ރާއްޖޭގެ ރައްޔިތުންނަށް މާލެ ސަރަހައްދުގައި ދިރިއުޅެން މަޖުބޫރުވެފައި އޮތުމުގެ ސަބަބުންނެވެ.

މި މައްސަލަ ދިމާވެފައިވަނީ މުޅި ރާއްޖޭގެ ރައްޔިތުންނަށް ބޭނުން ހިފޭނެ ގޮތަކަށް ތަރައްގީތަކެއް ގެނެވިފައިނުވާތީއެވެ. އަދިވެސް ކުދި ރަށްތަކެއްގައި ދިރިއުޅެމުން ދިޔަ ރައްޔިތުންތަކެއް އުފާވެރިކަން ދޫކޮށްލައި މާލެ ސަރަހައްދަށް ހިޖުރަކުރަންޖެހެއެވެ. އެންމެންވެސް މާލޭގެ ތޮއްޖެހުންގަނޑު ތަހައްމަލުކުރަނީ އަސާސީ ހިދުމަތްތައް ލިބިގަތުމަށެވެ. އެންމެ ބޮޑަށް ތަރައްގީ ކުރެވިފައިވަނީ މާލެ ސަރަހައްދުކަމާއިމެދު އެއްވެސް ފަރާތަކަށް ދެކޮޅު ނެހެދޭނެއެވެ.

ސިއްހީ ފަރުވާ ހޯދުމުގެ ބޭނުމުގައި ތާ އަބަދު މާލެ އަންނަން ޖެހުމުން އެތައް ބަޔަކު ދިރިއުޅުން ބަދަލުކުރިއިރު، މާލީ މަންފާއެއް ހާސިލުކުރުމަށާއި، ވިޔަފާރީގެ ބޭނުމުގައިވެސް ބައެއް ފަރާތްތައް ބަދަލުވެއެވެ.

މި މައްސަލައަށް ހައްލުތަކެއް ގެނެސްދޭނެކަމަށް ކޮންމެ ވެރިއެއްވެސް ވިދާޅުވެއެވެ. އެހެންނަމަވެސް އެ މަގަށް މަސައްކަތްތައް ބައްޓަން ނުކުރެވެނީއެވެ. ގައުމުގެ މިސްރާބު ޒަމާނުއްސުރެ އޮންނަ ގޮތްކަމަށްވުމުން ހުނގާނުގައި ހިފިނަމަވެސް މިސްރާބަށް ބަދަލެއް ގެނައުމުގެ ބާރުވެސް ނެތްކަމަށް ވެދާނެއެވެ.

މިފަދައިން ދަންނަވަން ޖެހެނީ ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި ސަރުކާރުތަކުން ލާމަރުކަޒީ އުސޫލުގެ ވާހަކަތައް ދައްކަމުން އައިސްފައިވާނަމަވެސް، މާލޭގެ ސަރަހައްދަށް އެންމެހާ ރައްޔިތުން ބަދަލުވާންޖެހުމަށް ހުއްޓުމެއް އައިސްފައިނުވާތީއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުން މާލެ ސަރަހައްދަށް އެއްކުރުމުގެ ވިސްނުމެއް ތަންފީޒުކުރަމުންދާތީއެވެ.

ސަރުކާރުން ދަނީ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުގައި ފްލެޓު ބިނާކޮށް އެހެނިހެން ރަށްތަކުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ދެމުންނެވެ. އެހެންކަމުން އަހައްމިއްޔަތު ދޭކަމަށް ބުނާ ލާމަރުކަޒީ ސިޔާސަތާއި މިހާރު ފެންނަމުންދާ އަމަލުތަކާއި ފުށު އަރައެވެ.

ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށް އާބާދުވެ ނިމޭއިރު، ރާއްޖޭގެ އާބާދީގެ 70 އިންސައްތަ ދިރިއުޅޭނީ މާލެ ސަރަހައްދުގައެވެ. ސަރުކާރުން ދަނީ އަދިވެސް މި ސަރަހައްދުގައި ބިންހިއްކަމުންނެވެ. އެ ބިންތަކުގައިވެސް ދިރިއުޅުމަށް މީހުން ހިޖުރަ ކުރާނެކަން ޔަގީނެވެ.

އެހެންކަމުން ގިނަ ހަރަދުތަކެއް ކޮށްގެން އެހެނިހެން ސަރަހައްދުތަކުގެ ރަށްތަކަށް ގެންނަމުންދާ ބަދަލުތަކުގެ ބޭނުމަކީ ކޮބާތޯ ކަމާއިމެދު ސުވާލު އުފެދެއެވެ. ބަދަލުތަކެއް ނުގެނެސްފިނަމަ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ މުޅި އާބާދީ އޮންނާނީ މާލެ ސަރަހައްދުގައިކަމަށް މިހާރު ހުރި ހިސާބުތަކުން ދައްކާއިރު ގުދުރަތީ ގޮތުން އުފެދިފައިވާ ރިވެތި ރަށްތަކެއް ސުންނާފަތިކޮށްގެން ބަނދަރުތަކެއް އެޅުމުގެ ބޭނުމާއިމެދުވެސް ސުވާލު އުފެދެއެވެ.

މާލެ ސަރަހައްދު ތޮއްޖެހުމުގެ މައްސަލަަ ދިމާވެގެން އަންނަ ގޮތް ވަރަށްވެސް ސާފެއެވެ. ތޮއްޖެހިގެންދަނީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުންނެވެ. ތަންފީޒުކުރަމުންދާ ސިޔާސަތުތަކާއި ދެކެވޭ ވާހަކަތަކާއި ކުރެވޭ ހިޔާލުތަކާއިމެދު އިތުރަށް ވިސްނާލާފައިވެސް ނުވާތީއެވެ.

މާލޭގެ ތޮއްޖެހުމަށް ހައްލެއް ގެނެވޭނީ ލާމަރުކަޒީ ސިޔާސަތެއްގެ ދަށުން ކުރަންޖެހޭ އެންމެހާ ކަމެއް ކޮށްގެންނެވެ. އެހެންނަމަވެސް މިހާރު މި އޮތް މިސްރާބުން އެ ފަދަ މަންޒިލަކަށް ދިއުމެއް ނެތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މިޤައުމުގަ ދިރިއުޅޭ އާބާދީގެ 2 ބައިކުޅަ 1 ބަޔަށްވުރެ ގިނައީ ބިދޭސީން! މިއަހަރުވެސް ބިދޭސީން ދަނީ ނުހުއްޓި މިޤައުމަށް ވަޒީފާއާއިވެސް އެކު ދިރިއުޅުން ބަދަލުކުރަމުން!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: