ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހާއި ދެކޮޅަށް މަޖިލީހުގެ ތެރެއިން ކުރާ މަސައްކަތްތައް ކާމިޔާބު ނުވާނެ: އަހުމަދު އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ އެމްޑީޕީގެ ޕްރެސްއެއްގައި ވާހަކަ ދައްކަވަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ އެތެރޭގެ މައްސަލަތަކުގެ ތެރެއިން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުބާރު ނެތްކަމަށް މައްސަލަތަކެއް ވައްދައި އެކަން ކާމިޔާބު ކުރަން މަސައްކަތް ކުރިޔަސް އެއީ ކުރެވޭނެކަމެއް ނޫންކަމަށް މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އެތެރޭގައި ސަރުކާރާއި އެއްކޮޅު، އަދި ދެކޮޅު ފެކްޝަނެއް އުފެދިފައިވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަމާޒުކޮށް އެންމެ ބޮޑަށް ފާޑުވިދާޅުވަނީ ޕާޓީގެ ރައީސް މުހައްމަދު ނަޝީދެވެ. ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި ހުންނަވައި ދައުލަތުގެ ހިންގުމާއި ގުޅޭގޮތުންނާއި، ތަޅުމަށް ހާޒިރު ކުރާ ވަޒީރުން ދެއްވާ ޖަވާބުތަކާއި ގުޅޭގޮތުން ބަހުސް ކުރައްވާތީ ވެ އެކަމަށް ރައީސް ސޯލިހާއި އަރިސް މެމްބަރުން ދަނީ ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ.

މިއީ ސަރުކާރަށް ކުރާ ޖެއްސުމެއްކަމާއި، މިވޭތުވެ ދިޔަ ދެ އަހަރެއްގެ ތެރޭގައި އެމްޑީޕީގެ ތެރެއިން އިދިކޮޅުން ވެސް ސަރުކާރަށް ކުރިމަތި ނުވާހާ މިންވަރަށް އުނދަގޫތަކާއި ޖެއްސުމާއި ކުރިމަތިލަން ޖެހުނުކަމަށް ރައީސް ވެސް ވަނީ ވިދާޅުވެފަ އެވެ. އެއީ ބާރުގެ ބޭނުން ނުވަތަ ރައީސެއްގެ މަގާމަށް ރައީސް ނަޝީދު ގެނައުމަށް އެމަނިކުފާނަށް ތާއީދު ކުރާ މެމްބަރުން ހިންގާ އަމަލެއްގެ ގޮތުގައި ޕާޓީގެ ބައެއް މެމްބަރުން ތުހުމަތު ކުރެ އެވެ.

2023 ގެ ރިޔާސީ އިންތިހާބާއި ގާތްވެފައި ވަނިކޮށް، މައްސަލަ އިތުރަށް ގޯސްވެފައިވަނީ ރިޔާސީ ޕްރައިމެރީގެ ދުވަސްވަރު އެވެ. ރައީސް ނަޝީދު މަސައްކަތް ކުރައްވަނީ ޕާޓީގެ އުސޫލުތަކުގެ ބޭރުންކަމަށާއި، އަދި މަޖިލީހުގައި ގަވައިދާއި ހިލާފުވަމުންދާކަމަށް ތަކުރާރުކޮށް ޕާލިމަންޓު ގުރޫޕުން ބުނަމުންދާއިރު އެމަނިކުފާނު މަގާމުން ދުރު ނުކުރަންވީ ކީއްވެގެން ތޯ ސުވާލު ކުރުމުން އަހުމަދު ވިދާޅުވީ އެއީ އޭނާގެ އަތްމަތީގައި އޮން ނިންމުމެއް ނޫން ކަމަށެވެ.

ރައީސް ނަޝީދު މަޖިލީހުގެ ރައީސެއްގެ މަގާމުން ދުރު ކުރުމަށް، އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އެމްޑީޕީގެ ޕާލިމަންޓު ގުރޫޕަށް ނުކެރޭނެކަމަށް ބުނާ ވާހަކައަށް އަހުމަދު ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.

”މި ދަންނަވާ އެއްޗަކީ އެއީކީ އެއް ވޯޓަކުން ކުރެވޭނެކަމެއް ނޫންކަމަށް… އެހެންވީމަ އަދި ގަޑި ނުޖެހެނީކަމަށް އަޅުގަނޑު މިބަލަނީ….“ އަހުމަދު އަބްދުﷲ

މަޖިލީހުގެ ރިޔާސަތުން ރައީސް ނަޝީދު ދުރު ކުރެވޭނެހާ ގަޓެއް ރައީސް ސޯލިހުގެ ނެތްކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދާއި، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ، އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ދަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެކަން ޕްރޮގްރާމުގައި ނޫސްވެރިޔާ ފާހަގަ ކުރުމުން އަހުމަދު ވިދާޅުވީ، އެއީ ވަކި ބައެއްގެ ވިސްނުމެއް ކަމަށެވެ.

ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތުން ބޭރުކޮށްފި ހާލަތެއްގައި، ރައީސް ސޯލިހުގެ އިތުބާރު ނެތްކަމުގެ ވޯޓު ކާމިޔާބު ކުރާނެކަމަށް އެ މެމްބަރުން ބުނެފައިވާކަމަށް ފާހަގަކުރުމުން އަހުމަދު ވިދާޅުވީ އެފަދަ އެއްވެސް ވޯޓެއް ކާމިޔާބެއް ނުވާނެކަމަށެވެ.

”ރައީސް ސޯލިހުގެ އިތުބާރު ނެތްކަމަށް ވޯޓެއް ނުނެގޭނެ.. ފާހެއް ނުވާނެ.. އެއީ ސަތޭކަ ޕަސަންޓު އޮތްކަމެއް.. މަސައްކަތް ކުރެވިދާނެ، އެއީ ކޮންމެ މެމްބަރަކަށް ވެސް އޮތް ހައްގެއް.. އެހެން ނަމަވެސް ރައީސް ސޯލިހުގެ އިތުބާރު ނެތްކަމަކަށް މި މަޖިލީހަކުން ފާހެއް ނުކުރެވޭނެ…“ އަހުމަދު އަބްދުﷲ

މަޖިލީހުގައި އެންމެ މައްސަލަތައް ގޯސްވި ދުވަސް ވަރު، ބައެއް އެމްޑީޕީގެ މެމްބަރުން މުލިއާގޭގައި ރައީސް ސޯލިހާއި ބައްދަލު ކުރެއްވުމަށް ފަހު ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ވެއްދުމަށް ހުށަހެޅުއްވި އެބެ. ނަމަވެސް އޭރު ރައީސް އެންގެވީ، އެވަގުތަށް އެ މަސައްކަތް މަޑުޖައްސާލުމަށެވެ. އެނގިފައިވާ ގޮތުގައި، ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތުން ދުރު ކުރުމަށް ރައީސް ސޯލިހުގެ ފެކްޝަނުން ސޮއި ވެސް ހަމަ ކުރި އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: