ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރާއި ދެކޮޅަށް މަގުމައްޗަށް ނިކުތުމަށް ނަޝީދު ތައްޔާރު!

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ކޯލިޝަނުގެ ތެރެއިން، ޖުމްހޫރީ ޕާޓީ ބޭރުކޮށް މަގާމުތަކުން މެމްބަރުން ދުރު ކުރުމަށް މަސައްކަތް ކުރެވޭނީ، އެކަން ހުއްޓުވަން ތިބި ބަޔަކު ފަހަނަޅައި ގޮސްގެންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްީޑޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރުމުގެ ބަދަލުގައި ފުރަތަމަ ބުރުގައި ޖޭޕީން ވަކިން ވާދަ ކުރުމަށް ޕާޓީގެ ކައުންސިލުން ވަނީ ނިންމާފަ އެވެ. އެކަން މީޑިއާތަކުން ރިޕޯޓު ކުރުމާއި އެކު، އެމްޑީޕީގެ ސަރުކާރުގެ މެމްބަރުން ވަނީ ގާސިމަށް ފާޑުވިދާޅުވެ ޕާޓީގެ ސްލޮޓުތަކުގައި ދައުލަތުގެ މަގާމުތަކުގައި ތިބި ބޭފުޅުން އިސްތިއުފާ ދިނުމަށް ގޮވާލާފަ އެވެ. އަދި އެ މެމްބަރުން އަމިއްލައަށް އިސްތިއުފާ ނުދީފި ނަމަ ކޮންމެ ވަޒީރަކާއި، ނައިބުން ވަކި ވަކީން މަޖިލީހަށް ހާޒިރު ކުރުމަށް ފަހު މަގާމުން ދުރު ކުރާނެކަމުގެ އިންޒާރު ދިނެވެ.

އެ މައްސަލައިގައި އެމްޑީޕީގެ ސަރުކާރުގެ މެމްބަރުންނަށް ރައްދު ދެއްވައި ގާސިމް ވިދާޅުވީ، 2023 ގެ ރިޔާސީ އިންތިހާބުގައި ޕާޓީން ވާދަ ކުރުމަށް ނިންމި ނަމަވެސް މި ވެރިކަން ގެނެސްފައި ވަނީ ގުޅިގެން ކުރި މަސައްކަތުންނާއި އެކުލަވާލި އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. މި އަހަރުގެ ނޮވެމްބަރު 18 ގެ ނިޔަލަށް ދެމި އޮންނާނެ އެ އެއްބަސްވުމާއި ހިލާފަށް އަމަލު ނުކުރެވޭނެކަމަށް ގާސިމް ވިދާޅުވި އެވެ. އަދި އޭނާ އަމިއްލައަށް އެއްވެސް މެމްބަރަކަށް މަގާމުން ދުރު ވާން ނާންގަވާނެކަމަށް ވިދާޅުވި އެވެ.

ޖޭޕީގެ މެމްބަރުން މަގާމުން އިސްތިއުފާ ނުދޭ ނަމަ ހުތުރު ގޮތަކަށް، ކަތިލާ ކަންބަޅީގެ އުސޫލުން މަގާމުން ދުރު ކުރާނެކަމަށް މަކުނުދޫ ދާއިރާގެ މެމްބަރު ރާއީ ވަނީ ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ވިދާޅުވެފަ އެވެ. އެކަމާއި މެދު ކަންބޮޑުވުންފާޅުކޮށް ގާސިމް މަޖިލީހުގެ ވަޓްސްއަޕް ގުރޫޕަށް މެސެޖެއް ފޮނުވުން ރައީސް ނަޝީދު ވިދާޅުވީ ޖޭޕީއަށް ދެރަ ގޮތެއް ނުވާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ޖޭޕީ ވަކި ކުރެވޭނީ އެހެން މެމްބަރުން ވެސް ފަހަނަޅައި ގޮސްގެން ކަމަށެވެ. ސަރުކާރުން މިހާރު ބޭނުން ވަނީ ރައްޔިތުން މަގުތަކަށް ނިކުތުމަށްކަމަށް ވިދާޅުވެ ރައީސް ނަޝީދު އިޝާރާތް ކުރެއްވީ މީގެ ކުރިން ޖަލުތަކުގައި ހޭދަ ކުރެއްވި ދުވަސްވަރަށާއި މަގުމަތީގައި ކަރުނަ ގޭހާއި ޕެޕާ ސްޕްރޭގެ އަނިޔާތައް ލިބުނު ދުވަސްތަކަށެވެ. އެހެންކަމުން، އެފަދަ އިތުރު ކަމަކާއި އަދިވެސް ކުރިމަތިލެވޭނެ ހިތްވަރު އެބަހުރިކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

”ހޮނަރަބަލް ގާސިމް… އަޅުގަނޑުމެން ވެސް އުޅެނީ ހަމަ މި ރާއްޖޭގައި.. ޖޭޕީގެ ބޭފުޅުން ވަކި ކުރެވޭނީ އަޅުގަނޑުމެން ވެސް ފަހަނަޅައި ގޮސް.. އަޅުގަނޑުމެން މަގުމައްޗަށް ނެރެން ސަރުކާރުން ބޭނުން ވަނީ ބާ.. ޓިއާ ގޭސް ވަރަށް ރަނގަޅަށް ދަންނަން، އަދިވެސް އޮވެވިދާނެ..“

ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ޖޭޕީ ނިންމުމާއި އެކު އެކަމަށް، އެމްޑީޕީގެ މެމްބަރުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެކަމަކު، ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުން އިން އެކަމަށް މަރުހަބާ ކިޔާއިރު އެބޭފުޅުންނާއި އެކު، ޖޭޕީގެ ޖޮއިންޓް ޕާލިމަންޓު ގުރޫޕެއް އެކުލަވާލުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމުގެ މަޝްވަރާތައް ވަނީ ފެށިފަ އެވެ.

މީގެއިތުރުން އިދިކޮޅުން ވެސް ވަނީ ގާސިމްގެ ނިންމުމަށް މަރުހަބާ ކިޔާފަ އެވެ.

މި އަހަރުގެ އިންތިހަބަކީ ގާސިމަށް، ނުވަތަ ޖޭޕީއަށް ފުރުސަތު ބޮޑު ފަހަރެއްކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. އަދި ފާއިތުވި ދުވަސްތަކުގައި ސަރުކާރުން، ގާސިމާއި އެކު މަޝްވަރާތައް ކުރިޔަށް ގެންދިޔަ ސަބަބަކީ އެއީކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

2023 ގެ ރިޔާސީ އިންތިހާބުގައި ޖޭޕީން ވާދަ ކުރާނެ ބޭފުޅެއް އަދި ނުނިންމަ އެވެ. ޕާޓީން ބުނީ ރިޔާސީ ކެނޑިޑޭޓެއް ހޮވުމަށް ޕްރައިމެރީއެއް ބާއްވާނެ ކަމަށެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 17%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: