ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހަށް ތިންވަނަ!

ރައީސް ސާލިހާއި އަދި ކޯލިޝަން ޕާޓްނަރ ޖުމްހޫރީ ޕާޓީގެ ލީޑާ ގާސިމް އިބްރާހީމް.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަކީ “ހާއްސަ ވަގުތެއްގައި، ހާއްސަ ކަންތައްތަކެއް ކުރަން” ވެރިކަމަށް ވަޑައިގެންނެވި ބޭފުޅެއް ނަމަވެސް ވެރިކަމުގެ ލައްޒަތުގެ ކޯރުން ފެން ބޯލަން ފުރުސަތު ލިބުމުން އެމަނިކުފާނު ވެސް އަދި އެއްދައުރު ވެރިކަން ކުރައްވަން ބޭނުންފުޅު ވެއްޖެއެވެ. ތިމަން މަނިކުފާނަކީ މިދުނިޔޭއި ވެސް ކޯލިޝަނެއް ދެމެހެއްޓޭނެ ހަމައެކަނި ސިޔާސީ ލީޑަރު ކަމާއި، ކޯލިޝަނެއް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އުފެއްދޭނީ ވެސް ހަމައެކަނި ތިމަން މަނިކުފާނަށް ކަމަށް ވިދާޅުވެ އެމްޑީޕީގެ ޕްރައިމަރީއަށް ނިކުމެވަޑައިގެން ހެދި ގޮތެއް ހައްދަވައިގެން އެމްޑީޕީގެ ޓިކެޓް އެވަނީ ހޯއްދަވާފައެވެ.

ރައީސް ސޯލިހްގެ ކޯލިޝަންގައި ޕާޓީއަކަށްވާވަރުގެ ޕާޓީއަކަށް އޮތީ ޖުމްހޫރީ ޕާޓީއެވެ. ނަމަވެސް އެޕާޓީން މިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަމިއްލައަށް ވާދަކުރަން ނިންމާފައެވެ. އެހެންކަމުން ދެން ސިޔާސީ ހިސާބު ޖަހައިގެން ނިކުންނަ ނަތީޖާއަކީ ކޮބައި ހެއްޔެވެ؟

ރައީސް ސޯލިހްގެ ސަރުކާރު ސްލޯއެވެ. ކަންކަން ނިންމުން އިންތިހާއަށް ލަހެވެ. ބޮޑެތި މަޝްރޫއުތައް ކުރިއަށް ހިނގުން ފިނިހަކަ ދުވެއްޔަށް ވުރެ ވެސް މަޑެވެ. ތިމަންގެ ވެރިކަމުގައި ކުރި ކަމެކޭ ކިޔާފައި ދައްކާލާނެ ބޮޑު އެންމެ މަޝްރޫއެއް ވެސް ނިންމައެއް ނުލެވުނެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓާމިނަލް ހުއްޓިފައެވެ. ތިމަލާނެ ބުރިޖު އެޅެމުން އެހެރަދަނީ ކަމެއް، ނުވަތަ އަޅަމުން އެދަނީ ވަގުތީ ޕްލެޓްފޯމެއް ކަމެއް ސާފެއް ނުވެއެވެ. މާލޭ ސަރަހައްދުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމަށް އެންމެ ފްލެޓެއްގެ މަސައްކަތް ވެސް ނުނިންމުނެވެ. މިއީ ފާއިތުވި 15 އަހަރު ތެރޭގައި ވެރިކަމުގެ ދައުރުގައި މާލޭ ސަރަހައްދުގައި ފްލެޓެއް ނުނިންމުނު ފުރަތަމަ ސަރުކާރަށް ވުމުގެ ފުރުސަތު ބޮޑެވެ. މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް، ނުވަތަ ގުޅީފަޅަށް ނަމަވެސް ބަދަލު ކުރުމުގެ ވާހަކަ އޮތީ ހަމައެކަނި ދެކެވޭ ހޮޅި ވާހަކައަކަށް ވެފައެވެ.

އައްޑޫ ގައި ނަމެއްގައި ކިތަންމެ މަޝްރޫއެއް އިއުލާން ކުރެވިފައި ވީނަމަވެސް ހަމައެކަނި އައްޑޫގެ މަގު ހެދުމުގެ މަޝްރޫއުން ވެސް ލިބޭނެ ސިޔާސީ ފައިދާއަށްވުރެ ލިބޭ ގެއްލުން ބޮޑު ކަމަށް ފެނެއެވެ. އައްޑޫއަށް 8000 ގެސްޓް އެނދު ތައާރަފް ކުރަންވީ ވައުދަށްވީ ގޮތެއް ނޭނގި އެއަދަދު 6000 މަދުވެއްޖެއެވެ. ދައުރެއް ނިމިގެންދާއިރު ބޮޑު ތިލަދުއްމައްޗަށް ކޮށްދެއްވުނު ކަމެއް ނެތެވެ. އެންމެ ކުޑަމިނުން ބޮޑު ތިލަދުއްމަތީގެ “ހިތް” ކަމުގައި ބެލެވޭ ކުޅުދުއްފުށީ އެއާޕޯޓްގައި ރޭގަނޑު ދަތުރު ކުރެވޭ ގޮތައް ލައިޓް ހަރުކޮށްލުން ވެސް ފަސް އަހަރު ދުވަހުން މިސަރުކާރަށް ފުރިހަމަ ނުކުރެވުނެވެ.

މަތިމަތިން ބަލާލަން ހުރި މިހުރިހާ ކަމަކުން ފެންނަން އޮތް ނަތީޖާއަކީ ރައީސް ސޯލިހް ތަރައްގީ ގެނެސްދޭނެ ކަމަށް ބުނެ، ލިބޭނެ ވޯޓެއް ނެތެވެ. ގޮއިފުޅު ފެހެންދޫގައި ބަނދަރެއް ހަދައިގެން، ނަރުދަމާ އަޅައިގެން ލިބޭ ދެތިން ސަތޭކަ ވޯޓަކީ ރައީސް ސޯލިހަށް އިންތިހާބު ކާމިޔާބު ކުރެވޭނެ އަދަދެއް ކަމަށް އެމަނިކުފާނާއި، އެމަނިކުފާނުގެ އަރިހުގައި ތިބި ބަޔަކަށް ހީވި ނަމަވެސް އެކަމެއް އެހެނެއް ނުވާނެއެވެ.

ދެން އޮތީ ސިޔާސީ ގޮތުން ކުޅޭ ކުޅިއެއް މޮޅުކަމުން ރައީސް ސޯލިހަށް ވެރިކަން ލިބުމެވެ. އެއީ ވެދާނެ ކަމެއްތޯ ބަލާއިރު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓް ލާން ނިކުތީ 40887 މީހުންނެވެ. އޭތެރެއިން ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 24566 ވޯޓެވެ. މިއަދު ރައީސް ސޯލިހާއި ސީދާ ދެކޮޅަށް ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވާތީ އާއި، އަދި ފެންނަ ފެނުމަށް ނަޝީދު ރައީސް ސޯލިހާއި ދެކޮޅަށް ކުރާ މަސައްކަތް ކުރިއަށް އޮތްތަނުގައި އަދި އެތައް ގުނައެއް އިތުރަށް މަސައްކަތް ކުރާނެކަން ކަށަވަރު ވާތީ ރައީސް ސޯލިހަށް އެމްޑީޕީގެ އެތެރެއިން މަރުފަލި ޖަހައިގެން ވެސް ކަށަވަރު ކުރެވޭނީ ތިރީހަކަށް ހާސް ވޯޓެވެ.

އަދިވެސް ނެތް މަގާމުތައް އުފައްދައިގެން، މުޅި ދައުލަތުގެ ހުރިއްޔާ ހުރި ބާރަކާއި، ނުފޫޒެއް ބޭނުން ކޮށްގެންނާއި، އަދި މާލޭ ސަރަހައްދުން 5000 ގޯތި ބަހާލައިގެން ވެސް ރައީސް ސޯލިހަށް މުޅިން ކަށަވަރު ކުރެވޭނެ ވޯޓްގެ އަދަދު 40000 އަށް އަރާނެ ގޮތެއް ނޭނގެއެވެ. ގޯތިތައް ބަހާލާއިރު އެކަމުގެ ސަބަބުން ވޯޓްތަކެއް ކަށަވަރުވި ނަމަވެސް އެކަމުގެ ސަބަބުން ގެއްލޭނެ ވޯޓްތަކެއް ވެސް ހުންނާނެއެވެ. 2018 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިޔާ ފްލެޓް ލިބުނު ކަމުގެ ލިޔުން ހަވާލު ކުރުމުން ވެސް ސިޔާސީ ގޮތުން ލިބުނު ފައިދާއަށްވުރެ ލިބުނު ގެއްލުން މާބޮޑެވެ.

ދެން އޮތީ ރައީސް ސޯލިހް ކޯލިޝަން ހެދި، މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އާއި އަދާލަތު ޕާޓީން އިތުރު ދޮޅުލައްކަ ވޯޓް ހޯދައިގެން ރައީސް ސޯލިހް ވެރިކަމަށް ގެނައުމެވެ. އެދެޕާޓީއަށް ދޮޅުލައްކަ ވޯޓް ލިބޭނެ ކަމަށް ބުނާ މީހަކު ކިޔައިދޭ ޖޯކެއް ވެސް އަޑުއަހާނެ މީހަކު ނުވާނެއެވެ.

އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު އެންމެ ވަރުގަދަ ދާއިރާ އަކަށް ވާނީ ޔަގީނުން ވެސް އޭނާ މެންބަރުކަން ކުރާ މީދޫ ދާއިރާ އެވެ. ނަމަވެސް އެދާއިރާގެ ގޮނޑި އެންމެ ފަހުން ސިޔާމަށް ލިބުނުއިރު ސިޔާމަށް ކަށަވަރު ކުރެވުނީ ދެމީހުން ވާދަކުރި އިންތިހާބުން %63 އެވެ. އެއީ 1384 ވޯޓެވެ. އާބާދީ ކުޑަ ދ.އަތޮޅަކީ ސިޔާމްގެ އަތޮޅެއް ކަމަށް ރައީސް ސޯލިހަށް ހީވެފައި އޮތް ނަމަވެސް އެއީ ރާއްޖޭގެ އާބާދީ އެންމެ މަދު އެއް އަތޮޅެވެ. އެހެންކަމުން ސިޔާމް ރައީސް ސޯލިހް ކޮޅަށް އެރުމަކުން ރިޔާސީ އިންތިހާބުގެ މުޅި ނަތީޖާއަށް ބޮޑު އަސަރެއް ކުރާނެ ކަމަކަށް ނުބެލެވެއެވެ. އަދި އަމުދުން ސިޔާމަކީ މުޅި ދ.އަތޮޅުގެ ވޯޓް ކޮންޓްރޯލް ކުރުމުގެ ސިޔާސީ ބާރުވެރިކަމެއް ވެސް ހުރި މީހެއް ނޫނެވެ.

ދެން އޮތީ ނ.އަތޮޅެވެ. ސިޔާމަށް ކުޑަފަރީން ވޯޓް ކޮޅެއް އެއްކޮށްލެވުނު ނަމަވެސް، ދެން ހޯދޭނެ މާގިނަ ވޯޓްތަކެއް ނެތެވެ. ސިޔާމްގެ ބައެއް ރިސޯޓްތަކުން ހައެއްކަ ވޯޓުން، އަށެއްކަ ވޯޓުން ރައީސް ސޯލިހަށް ވޯޓް ކޮޅެއް ލިބިދާނެއެވެ. ނަމަވެސް އެއަށްވުރެ ބޮޑުވަރެއް ސިޔާމަށް ވާނެ ކަމުގެ އެއްވެސް މަންޒަރެއް ނުފެނެއެވެ.

ދެން އޮތީ އަދާލަތު ޕާޓީއެވެ. ހައްޖަށް ދާން މީހަކު ހައްޖު ކޯޕަރޭޝަނަށް އައިޑީކާޑުގެ ކޮޕީއެއް ދިނަސް އޮންނަނީ އަދާލަތު ޕާޓީއަށް ވައްދާފައެވެ. ނަމަވެސް އެވަރުން ވެސް އެއުޅެނީ ދިހަހާސް މެންބަރުން ހަމަ ނުކުރެވިގެންނެވެ. އަނެއްކޮޅުން އަދާލަތުގެ ދެއުޅިއެއް ނުވާ ވާހަކަތަކުން، މީހުންގެ ނަފްރަތާއި ބަދު ބަސްތައް ސަރުކާރަށް އަމާޒުވަމުންދާ މިންވަރު ވެސް އެހުރީ ފެންނާށެވެ. އަދާލަތު ޕާޓީއަކީ ސިޔާސީ ގޮތުން މާވަރުގަދަ ޕާޓީއެއް ކަމަށް ރައީސް ސޯލިހަށް ހީވިނަމަވެސް މިހާތަނަށް ނެގުނު ވޯޓުތަކުން ފެނަންނަން އޮތީ އެމަންޒަރެއް ނޫނެވެ. އެންމެ ފަހުން 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް އަދާލަތު ޕާޓީއަށް އެންމެ ގޮނޑިއެއް ވެސް ކާމިޔާބު ނުވިއެވެ. އަދާލަތު ޕާޓީގެ 15 އަހަރުވީ ތާރީޚްގައި އެޕާޓީއަށް ރައްޔިތުން މަޖިލީހުން ކާމިޔާބު ކުރެވުނީ އެންމެ ގޮނޑިއެކެވެ.

އަދާލަތު ޕާޓީން ބުނާ އެޕާޓީގެ ސިޔާސަތުތަކާއި ދިމާ އިދިކޮޅަށް މިސަރުކާރުގެ ކަންކަން ކުރަމުން ދާއިރު ވެސް އިމްރާނަށާއި، އަލީ ޒާހީރަށް މަގާމު އޮވެފައި، އިޔާޒާއި، އިލްޔާސާއި، އަލީ ޒައިދަށް “އެތިއެތިކޮޅު” ލިބޭތީ އަދާލަތު ޕާޓީއަށް މިސަރުކާރު ގޯހެއް ނުވިއެވެ. ނަމަވެސް އަދާލަތު ޕާޓީގެ އާއްމު މެންބަރުން ތިބީކީ އެގޮތަކަށް ނޫނެވެ. އެހެންކަމުން ރައީސް ސޯލިހަށް އަދާލަތު ޕާޓީން ކަށަވަރު ކުރެވޭ ވޯޓްގެ އަދަދު ދެތިންހާހަށް ވުރެ މައްޗަށް އަރާނެ ސިޔާސީ ހިސާބެއް ނެތެވެ.

ސަންޓްރަވަލް ސިޔާމާ، އަދާލަތު ޕާޓީ އެކުވެގެން ކުރާ މަސައްކަތުން ރައީސް ސޯލިހަށް ފަސް ވަރަކަށް ހާސް ވޯޓް ލިބުނަސް އެއީ ހެވެކެވެ. އެއީ ވަރަށް ބޮޑު ވަރެކެވެ.

އެމްޑީޕީ އާއި އަދާލަތު އަދި ސިޔާމް ދޭތިން އެކައްޗަށް ހިފައިގެން ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް 40000 ވޯޓް ހަމަ ކުރެވިދާނެއެވެ.

ދެން އޮތީ އިންތިހާބަށް ދެން ނިކުންނަ ބޭފުޅުންގެ ވޯޓްގެ އަދަދެވެ. ގާސިމް އިބްރާހިމް 2013 ވަނަ އަހަރުގެ އިންތިހާބުގައި ވެސް 50000 ވޯޓް ހޯއްދެވިއެވެ. ގާސިމަށް މިއަހަރު ވެރިކަމުގެ ގޮނޑި އަދި މާބޮޑުކޮށް މާސާފުކޮށް ފެނެއެވެ. އެހެންކަމުން ގާސިމް މިލްކިއްޔާތު ހުސްކޮށްލައިގެން ވެސް އެއަށްވުރެ ގިނަ ވޯޓް މިފަހަރު ހޯއްދަވާނެއެވެ. އެއީ ކަށަވަރު ކަމެކެވެ.

ޕީޕީއެމް އަށް ބަލާއިރު ރައީސް އަބްދުﷲ ޔާމީނަށް ވާދަކުރުމުގެ ފުރުސަތު ލިބިއްޖެނަމަ އެމަނިކުފާނު އިންތިހާބަށް ނިކުންނާނީ ވެސް 90000 ވޯޓް ކަށަވަރު ކުރައްވައިގެންނެވެ. އެއާއިއެކު ޔާމީންގެ ވެރިކަމުގައި ހިންގި ކަމަށް އެމްޑީޕީން ބުނި ކޮރަޕްޝަންގެ އަމަލެއް ނުފެނުމުން ލިބޭނެ އިތުރު ވޯޓާއި، އަދި ޔާމީންގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ އެތައް މަޝްރޫއެއް މިހާރު ރައްޔިތުންނަށް ހާމައަށް ފެންނަން ހުރުމުން ލިބޭނެ އެތައް ހާސް ވޯޓަކާއިއެކު އިންތިހާބު ޔާމީނަށް ފަސޭހަ ކަމާއިއެކު ކާމިޔާބު ކުރެވިދާނެއެވެ.

ދެން އޮތީ ޔާމީނަށް ވާދަ ނުކުރެވިއްޖެނަމަ ޕީޕީއެމް އިން ނިކުންނަ ކެންޑިޑޭޓަކަށް ލިބޭނެ ވޯޓެވެ. އެއީ ޔާމީންގެ ކެންޑިޑޭޓެއް ކަމާއި، ޔާމީނަށްދޭ ހުރިހާ ވޯޓެއް އެކެނޑިޑޭޓަށް ލިބޭނެ ކަމުގެ އެންމެ ބޮޑު ހެއްކަކީ ރައީސް ސޯލިހެވެ. ބައެއް މީހުންގެ މެދުގައި ޕީޕީއެމްގެ އާކެނޑިޑޭޓް ވިއްކަން ޔާމީނަށް ވުރެ ފަސޭހަ ވެސް ވެދާނެއެވެ. އެހެންކަމުން އިންތިހާބު ކާމިޔާބު ކުރަން ޕީޕީއެމްއަށް އޮތް ފުރުސަތު ވަރަށް ބޮޑެވެ.

އިލެކްޝަންސް ކޮމިޝަނުން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު އިންތިހާބުގައި ވޯޓް ލުމުގެ ހައްގު 283272 މީހުންނަށް ލިބެއެވެ. މީގެ ކުރީގެ ތަޖުރިބާއަށް ބަލާއިރު ގާތްގަނޑަކަށް %87 މީހުން ވޯޓް ލާން ފުރަތަމަ ބުރުގައި ނިކުންނާނެއެވެ. އެއީ 246446 މީހުންނެވެ. އިންތިހާބު ކާމިޔާބު ކުރުމަށް 123000 ވޯޓް ބޭނުން ވާނެއެވެ. ފެންނަ ފެނުމަށް ބަލާއިރު ޕީޕީއެމް އިން ފަސޭހަ ކަމާއިއެކު 130000 ވޯޓް ހޯދާނެއެވެ. 40000 ވޯޓް ރައީސް ސޯލިހަށް ލިބޭއިރު ގާސިމް 60000 ވަރަކަށް ވޯޓް ކަށަވަރު ކުރާނެއެވެ. އެއީ ގާސިމަށް ލިބޭނެ 40000 ވޯޓްގެ އިތުރުން “ގަނެގެން” ކަށަވަރު ކުރެވޭނެ 20000 ވޯޓެވެ. ކާނަލް ނާޒިމާއި، އުމަރު ނަސީރާއި، މުނައްވަރާއި ބާތިލް ވޯޓްގެ އަދަދު 15000 އަރާނެއެވެ.

ރައީސް ސޯލިހްގެ ޕާފޯމަންސަށް ބަލާއިރު އިންތިހާބުގެ ފުރަތަމަ ބުރުގައި އެމަނިކުފާނަށް ލަދުވެތި ނަތީޖާއެއް ކުރިމަތިވުން ފިޔަވައި އިތުރު ގޮތެއް ވާން ދެން އޮތީ ވަރަށް ވަރުގަދަ ސިޔާސީ އަދި ތަރައްގީގެ ނިންމުންތަކެއް ނިންމައިގެންނެވެ. ނަމަވެސް ފެނުނު މަންޒަރަށް ބަލާއިރު އެފަދަ ނިންމުންތަކެއް ނިންމޭވަރުގެ ގާބިލްކަމެއް އެމަނިކުފާނުގެ ނެތެވެ.

ވަރަށް ގަދަ
51%ވަރަށް ގަދަ 11%ވަރަށް ގަޔާވޭ 28%ބޮޑު ޖޯކެއް 1%ހައިރާންވެއްޖެ 0%ވަރަށް ދެރަ 9%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: