ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާސިމްގެ ރައްދު: ޖޭޕީ ބޭރު ނުކުރެވޭނެ، ކޯލިޝަން ރޫޅޭނަމަ ސަރުކާރެއް ވެސް ނޯންނާނެ!

ރައީސް ސޯލިހާއި، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގައި ތިބި ޖުމްހޫރީ ޕާޓީގެ މެމްބަރުން ބޭރު ކުރުމުގެ މަސައްކަތް ފަށައިފި ނަމަ މި ސަރުކާރެއް ވެސް ދެމި ނޯންނާނެކަމަށް ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބަށް އެކުގައި ނިކުމެ ވާދަ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ކޯލިޝަން ޕާޓީތަކަށް ހުށަހަޅުއްވާފައި ވަނިކޮށް ޖުމްހޫރީ ޕާޓީން ނިންމީ ވަކިން ކެނޑިޑޭޓެއް ނެރުމަށެވެ. ކައުންސިލްގެ އެ ނިންމުން ހާމަކޮށް، މީޑިއާތަކުން އެ ބައްދަލުވުން ރިޕޯޓު ކުރުމާއި އެކު އެމްޑީޕީގެ ސަރުކާރު މެމްބަރުން ވަނީ ޖޭޕީގެ ސްލޮޓުތަކުގައި މަގާމުތަކުގައި ތިއްބެވި ބޭފުޅުން އިސްތިއުފާ ދޭން ގޮވާލާފަ އެވެ. އަދި އެގޮތަށް އިސްތިއުފާ ނުދީފި ނަމަ، ކޮންމެ މެމްބަރަކު ވެސް މަޖިލީހަށް ހާޒިރު ކުރުމަށް ފަހު ހުތުރު ގޮތަކަށް ވަކި ކުރާނެކަމުގެ އިންޒާރު ދިނެވެ.

އެމްޑީޕީގެ އެ މެމްބަރުންނަށް ރައްދު ދީ ގާސިމް އެ ދުވަހު ވިދާޅުވީ، ކޯލިޝަން އެއްބަސްވުމެއް އޮއްވައި ސަރުކާރުން ބޭރު ނުކުރެވޭނެ ކަމަށެވެ. އަދި ސިޔާސީ ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރާއިރު ރިޔާސީ އިންތިހާބުގައި ވަކިން ވާދަ ކުރުމަށް ނިންމުމުގައި މައްސަލައެއް ނެތްކަމަށް ވިދާޅުވި އެވެ.

ގާސިމްގެ މި ނިންމުމަށް ފަހު، މިއަދު ފުރަތަމަ ފަހަރަށް ވަނީ ސިޔާސީ ޕާޓީއަކާއި ރަސްމީކޮށް ބައްދަލުކޮށްފަ އެވެ. އެއީ ކޯލިޝަނުގައި ހިމެނޭ މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ޒައީމް، ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޕާޓީގެ ރައީސް ފާރިސް މައުމޫނެވެ. މި ބައްދަލުވުމުގައި މާބޮޑެތި މަޝްވަރާތަކެއް ކުރިޔަށް ނުދިޔަ ނަމަވެސް ގާސިމް ވަނީ އިތުރު ބައްދަލުވުންތައް ކުރިޔަށް ދާނެކަން ފާހަގަ ކުރައްވާފަ އެވެ.

މައުމޫން ފައުންޑޭޝަން އޮފީހުގައި އޮތް ބައްދަލުވުމަށް ފަހު، ތިން ބޭފުޅުން ވެސް އެވަގުތު އެތަނަށް ހާޒިރުވެ ތިބި މީޑީއާތަކުގެ ސުވާލުތަކަށް ޖަވާބު ދެއްވި އެވެ.

2018 ގެ ރިޔާސީ ރިޔާސީ އިންތިހާބުގެ މަސައްކަތް އެކުގައި ކުރިޔަށް ގެންދިޔައީ އެއްބަސްވުމެއްގެ ދަށުންކަމަށް ދައްކަވާ ވާހަކަ ތަކުރާރު ކުރައްވައި ގާސިމް ވިދާޅުވީ އެ ލިޔެކިއުމަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ. އެހެންކަމުން، ޕާޓީން ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް ނިންމި ނިންމުމެއްގެ ސަބަބުން ވަޒީރުންނާއި އެހެން މަގާމުތަކުގައި ތިއްބެވި ޖޭޕީގެ މެމްބަރުން އިސްތިއުފާ ދޭން ނުޖެހޭނެކަމަށް ގާސިމް ވިދާޅުވި އެވެ.

”ނޫން ނުޖެހޭނެ އެއްގޮތަކަށް ވެސް.. ޖެހޭކަމަށް ވާނަމަ މި ސަރުކާރެއް ނޯންނާނެ އެގޮތަކަށެއް.. އެ ކޮމިޓްމެންޓު.. އަޅުގަނޑުމެންގެ އެއްބަސްވުން އޮތްގޮތް.. އެހެންވީމަ އެއްވެސް ހައްގެއް ނޯންޏާނެ ޖޭޕީގެ ޖޭޕީގެ ސްލޮޓެއްގައި ހުރި އެއްވެސް ބޭފުޅެއް.. އަދި އަޅުގަނޑުމެން އެކަންޏެއް ނޫން…“

ގަސިމް ވިދާޅުވީ އެއްބަސްވުން އޮއްވައި، އެއްވެސް ޕާޓީއަކަށް މަގާމުތަކުން އިސްތިއުފާ ދެން މަޖުބޫރު ނުކުރެވޭނެ ކަމަށެވެ. އަދި ރައްޔިތުން ހަމައެކަނި ވޯޓު ދިނީ ރައީސް ސޯލިހަށް ނޫންކަމަށާއި އެކަމުގައި އެހެން ޕާޓީތަކުގެ މެމްބަރުން ވެސް ހިމެނޭކަމަށް ގާސިމް ވިދާޅުވި އެވެ.

”އެހެންވީމަ އަޅުގަނޑު ގަބޫލު ކުރާގޮތުގައި.. އެއީ އެއްވެސް ގޮތަކަށް ވާނެކަމެއް ނޫން.. އެހެންވީމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އިސްތިއުފާ ދެއްވާ.. އަދި އަމުދުން.. އެމްޑީޕީގެ ރައީސް ވެސް އެ ހުންނެވީ އެމަނިކުފާނު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރައްވާ ގޮތަކަށް ނޫން.. އެމަނިކުފާނުގެ ޕާޓީގެ ތެރެއިން ވެސް އެކަން އޮތްގޮތް އެ އޮތީ ފެންނާން..“

2018 ގެ ހާލަތު ފާހަގަކުރައްވައި ގާސިމް ވިދާޅުވީ، އޭރު އެންމެން އެކުގައި ނިކުތުން ނޫން އިތުރު ގޮތެއް ނެތް ކަމަށެވެ. އޭނާ ވެސް ހިމެނޭހެން، ރައީސް މައުމޫނާއި އެހެން ލީޑަރުން ވެސް ތިއްބެވީ ޖަލުގައިކަމަށްވުމާއި އެކު އިންތިހާބަށް ނިކުތުމުގެ ފުރުސަތު ގެއްލިގެން ދިޔައީކަމަށް ގާސިމް ވިދާޅުވި އެވެ.

”އެހެންވީމާ ބާރުލާފައި އަޅުގަނޑު އެޔަށް އެއްޗެއް ނުދެންނެވިޔަސް.. އޮތް އެއްބަސްވުމަކާއި އެކު ކުރިޔަށް ދެވޭނެ ޖާގަ އޮންނާނެ..“

ގާސިމް ވިދާޅުވީ ހާލަތަށް އައި ބަދަލާއި އެކު، ކޮންމެ ޕާޓީއަކުން ވެސް ނިކުމެ އިންތިހާބުގައި ވާދަކުރުމުގެ އެ ޖާގައާއި ފުރުސަތު އެބައޮތް ކަމަށެވެ. އަދި ޕާޓީއަކުން ވަކިން ނިކުތުން އެއީ ކޯލިޝަން ރޫޅުން ނޫންކަން ވެސް ފާހަގަކުރެއްވި އެވެ.

”އެހެން ނޫނީ ކޯލިޝަން ބްރޭކުވާއިރު ސަރުކާރެއް ވެސް ނޯންނާނެ.. ގަވަމެންޓެއް ވެސް ނޯންނާނެ.. އޮވެގެން ވެސް ނުވާނެ..“

ކިުރިޔަށް ހުރި ދުވަސްތަކުގައި އެހެން ޕާޓީތަކާއި އެކު މަޝްވަރާތައް ކުރިޔަށް ގެންދާނެކަން ގާސިމް މިއަދު ފާހަގަ ކުރެއްވި އެވެ. އަދި ޕާޓީގެ ނިންމުން އިއުލާނު ކުރި ފަހުން ރައީސް ސޯލިހާއި އެއްވެސް ވަރަކަށް ވާހަކަ ދެކެވުނު ތޯ ސުވާލު ކުރުމުން ގާސިމް ވިދާޅުވީ ސީދާ އެކަމާއި ގުޅިގެން ރައީސްގެ ބަހެއް ނުލިބޭ ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: