ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަރުއާނާ ހުއްދަ ކުރުމަށް ގޮވާލުމުން ރިޔާސަތުން ވާހަކަ ނުހުއްޓުވި؛ މެމްބަރުންގެ ކަންބޮޑުވުން!

މެމްބަރު ޖާބިރު މަޖިލީހުގައި ވާހަކަދައްކަވަނީ: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި މެޑިކަލް މަރުއާނާ ހުއްދަ ކުރުމަށް ގޮވާލައި، ކާށިދޫ ދާއިރާގެ މެމްބަރު ތަކުރާރުކޮށް ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ފުރުސަތު ދިނުމަކީ މަޖިލީހުގެ ގަވައިދުގެ ދަށުން ހުއްދަ ދެވޭނެކަމެއް ނޫންކަމަށް ފާހާގަކޮށް މެމްބަރުން ކަންބޮޑުވުންފާޅު ކުރުމުން މިއަދު އަނެއްކާވެސް އެ ވާހަކަތަކަށް ރިޔާސަތުން ފުރުސަތު ދީފި އެވެ.

މަރުއާނާ ހުއްދަ ކުރުމަށް ގޮވާލައި، މިއަދުގެ މަޖިލީހުގެ ތަޅުމުގައި ޖާބިރު ވާހަކަ ދެއްކެވި ވަގުތު ރިޔާސަތުގައި ހުންނެވީ ވިލިފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން އަފީފެވެ. މަސްތުވާތަކެއްޗަށް ދެވި ހިފާފައި ތިވޭ މީހުންނަށް ފަސޭހައިން ފަރުވާ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ގޮވާލައި ހުށަހަޅާފައިވާ ގަރާރުގެ ބަހުސް މަރުހަލާގައި ޖާބިރު ވިދާޅުވީ ރާއްޖޭގައި މެޑިކަލް މަރުއާނާއަށް ހުއްދަ ދޭން ޖެހޭ ކަމަށެވެ.

ރާއްޖޭގެ ޒުވާން ޖީލެއް މަސްތުވާތަކެތީގައި ޖެހި ހަލާކުވަމުންދާއިރު، އެކަމުން ސަލާމަތްވާ އެހީވެވެން އޮތް ގޮތަކީ އެއީކަމަށް ޖާބިރު ވިދާޅުވި އެވެ.

ބައެއް ގައުމުތަކުގައި މިހާރު ވެސް، އެފަދަ ހުއްދަތައް ދޫކޮށްފައިވާކަމަށް ފާހަގަކޮށް ޖާބިރު ވިދާޅުވެފައި ވަނީ އެގޮތަށް ރައްޖޭގައި އަމަލު ނުކުރެވެން ވީ ސަބަބެއް ނެތް ކަމަށެވެ. ޖާބިރުގެ ވާހަކަ އިތުރަށް ކުރިޔަށް ގެންދިއުމަށް މަސައްކަތް ކުރުމުން ނިޒާމީ ނުކުތާއެއް ނަންގަވައި، މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވީ ދީނާއި ހިލާފު އަދި ފުށުއަރާ ވާހަކަތަކެއް މެމްބަރަކު ދައްކަވަމުން ގެންދަވާއިރު ވެސް ރިޔާސަތުން އެކަން ނުހުއްޓުވައި ފުރުސަތު ދޭތީ ކަންބޮޑުވާކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުތައް ބުނާގޮތުގައި، ދީނުގެ އަސްލުތަކާއި ހިލާފު ވާހަކަ ދެއްކުމަށް ރިޔާސަތުން ފުރުސަތު ދީގެން ނުވާނެ ކަމަށެވެ. ނަމަވެސް އަފީފް ވިދާޅުވީ އެއީ ނިޒާމީ މައްސަލައެއްގެ ގޮތުގައި ނުގަނެވޭނެކަމަށެވެ. އަދި ކަމަކާއި މެދު ބަހުސް ކުރާއިރު، ހުރިހާ މައްސަލަތަކަށް ވާހަކަ ދެކެވެން ޖެހޭކަމަށް އަފީފް ވިދާޅުވި އެވެ.

މައްސަލައަށް ބަހުސް ކުރާއިރު ހުރި މައްސަލަތަކުގެ ވާހަކަ ދެކެވެން ޖެހޭ.. ދެން އެއީ އެއްގޮތަކަށް ވެސް ދީނާއި ހިލާފު މައްސަލައެއް ނޫން

އަފީފް ވިދާޅުވީ އެއީ ދީނާއި ހިލާފު މައްސަލައެއް ނޫން ކަމަށެވެ. އަދި މައްސަލަތައް ދިރާސާ ކުރާއިރު ކުރިމަތިވާ މައްސަލަތަކަށް ވާހަކަ ދެކެވެން ޖެހޭކަމަށް ވިދާޅުވި އެވެ.

އޭގެ ފަހުން ވާހަކަ ދެއްކެވި މެމްބަރުން ވަނީ، އަފީފަށް ރައްދު ދެއްވައި ދީނީ ގޮތުން ހަރާމްކަންކަން ޕްރޮމޯޓު ކުރުމުގެ ޖާގަ ނުދިނުމަށް ގޮވާލާފަ އެވެ.

މީގެ ކުރިން ވެސް ޖާބިރު ވަނީ، މަޖިލީހުގައި މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފަ އެވެ. އަދި ކެސީނޯއަށް ހުއްދަ ދޫކުރުމަށް ގޮވާލައި ވެސް ވާހަކަ ދެއްކެވި އެވެ. ތަކުރާރުކޮށް، މިފަދަ މައުޟޫތަކަށް ޖާބިރު ވާހަކަ ދައްކަވާއިރު ރިޔާސަތުން އެކަމަށް ފުރުސަތު ދޭކަމަށް ބުނެ މެމްބަރުން ވަނީ ނުރުހުންފާޅުކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: