އއ ރަސްދޫ ޕޮލިސް ސްޓޭޝަންގައި ހައްޔަރުކޮށްފައިހުރި މީހަކު ފިލައިފިއެވެ.
ފުލުހުން ބުނީ ރަސްދޫ ޕޮލިސް ސްޓޭޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައިހުރި 25 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެ ގޮޅިން ނެރެފައި ހުއްޓާ ފިލާފައިވާ ކަމަށެވެ.
އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާއިރު އެމީހާ އަކީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ މައުލޫމާތު ތަކަށް ބަލާއިރު، އޭނާ ފިލައިގެން ދިޔައިރު ޕޮލިސް ސްޓޭޝަނުން ބައެއް ތަކެތި ވަގަށް ގެންގޮސްފައިވާ ކަމަށް އަޑުތައް ފެތުރިފައިވެއެވެ. ނަމަވެސް އެވާހަކަ ދޮގުކޮށް ފުލުހުން ބުނީ އެއްވެސް އެއްޗެއް ވަގަށް ގެންގޮސްފައިނުވާ ކަމަށެވެ. އަދި އާއްމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ސައްހަ ނޫން ދޮގު މައުލޫމާތު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ނުފެތުރުމަށް ވެސް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.

