ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ މިދަތުރުފުޅުގައި ވަނީ، އިގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް (3ވަނަ) ރަސްކަމުގެ ތަޚުތުގައިވެޑުވުމުގެ ރަސްމީ އިޙްތިފާލުތަކުގައި ބައިވެރިވެވަޑައިގެންފައެވެ.
އިނގިރޭސިވިލާތުގެ ރަސްކަމުގެ ތަހުތުގައި ރަސްގެފާނު ޗާލްސް ރަސްމީކޮށް ވަޑުވާފައިވަނީ މި މަހުގެ 6 ވަނަ ދުވަހުއެވެ.
ޗާލްސް ތަހުތުގައި ވެޑުވި ޖަލްސާގައި ބައިވެރިވުމަށް އިނގިރޭސިވިލާތަށް ރައީސް ސާލިހްގެ ދެކަނބަަލުން ކުރެއްވި ދަތުރުފުޅަށް 9 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ބަޖެޓްކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ.
ރާނީ އެލިޒަބަތު ދެވަނައިގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސްގެ ދެކަނބަލުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އިނގިރޭސިވިލާތަށް ކުރެއްވި ފަސް ދުވަހުގެ ދަތުރަށް ވެސް ވަނީ ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައެވެ.

