”ދަ ޑިމޮކްރެޓްސް“ އަށް ސޮޮއިކުރައްވަމުންގެންދަވާ ސަރަކާރުގެ މަގާމުތަކުގައި ތިބި ބޭފުޅުން އެ މަގާމުތަކުން ވަކިކުރާތީ އެމްޑީޕީގެ އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ފާޑު ވިދާޅުވެއްޖެއެވެ.
”ދަ ޑިމޮކްރަޓްސް“ އަށް ސޮއިކޮށްފައިވަނިކޮށް، މަގާމުން ވަކިކޮށްފައިވަނީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައި ހުންނެވި އަހްމަދު މުޖުތަބާ އާއި ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވްގެ މަގާމުގައި ހުންނެވި އެމްޑީޕީގެ އެކްޓިވިސްޓް، އަލީ ހާޝިމް (ސްމިތު) އެވެ.
މިއާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ މުޖުތަބާއަކީ މުޅި އިސްލާހީ ހަރަކާތުގެ އެންމެ ވަރުގަދަ އެއް ތަނބުކަމަށާއި، ސްމިތްގެ ގަދަ ހިތްވަރާއި މަޖާ މިޒާޖްއަކީ މުޅި އެމްޑީޕީގެ އެންމެ ބޮޑު އެއް ރަމްޒުކަމަށެވެ. އަދި ސްމިތުއަކީ ހަމަ އެހެން ޒުވާނުން ފަދައިން އަނިޔާވެރިކަމާއި ދެކޮޅަށް ނިކުމެ މި ސަރުކާރު ގެނައުމަށް ވަރަށް ގިނަ މަސައްކަތްކުރި ޒުވާނެއްކަމަށެވެ. ސްމިތްގެ ހިތްވަރު ދެން އަދި މާ ގަދަ ވާނެކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދު ވިދާޅުވީ މި ސަރުކާރުން އެމްޑީޕީ ވެރިކަމަށް ގެނައުމަށް މަސައްތްކުރެއްވި ގިނަ ބޭފުޅުންތަކެއް މަގާމުން ވަކިކުރަމުންދާއިރު، ”ލަދު ނުގަނޭބާއޭ“ ހިތަށް އަރާކަމަށެވެ.
މި މައްސަލައިގައި ޕާޓީއިން ނެރުން ނޫސް ބަޔާނެއްގައި ވަނީ ދަ ޑިމޮކްރެޓްސް އުފެއްދުމަށް ހަރަކާތްތެރިވާ ޒުވާނުންނާއި ޢާންމުންނަށް އެކިގޮތްގޮތުން ބިރުދައްކައި، ވަޒީފާއިން ވަކިކޮށް ސަރުކާރުން ނާއިންސާފުން ޢަމަލުތައް ކުރަމުންގެންދާކަމަށް އެ ޕާޓީގެ މެންބަރުން ގަބޫލުކުރާއިރު، ޕާޓީއިން ވަނީ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފައެވެ.
ސިޔާސީގޮތުން ޚިޔާލު ތަފާތުވުމުން ތަޢުލީމާއި ތަޖުރިބާގެ ގޮތުން ޤާބިލު ފަރާތްތަކަށް ޚިދުމަތްކުރުމުގެ ފުރުސަތު ބަންދުކުރުމަކީ ޤައުމުގެ މުސްތަޤްބަލަށް އެޅޭ ހިޔަންޏެއްކަމަށް ދަ ޑިމޮކްރެޓްސްއިން ބުނެފައިވއެވެ. އަދި އެއީ މިވެރިކަން ގެންނަމުން ނުކުރާންކަމަށް ވަޢުދުވީ ކަމެއްކަން ދަ ޑިމޮކްރެޓްސް އިން ފާހަގަކުރެއެވެ.
ދަ ޑިމޮކްރެޓްސް އިން ބުނެފައިވަނީ ސެޕްޓެންބަރު 2023 އަށް ތާވަލުކޮށްފައިވާ ރިޔާސީ އިންތިޚާބުގައި ސަރުކާރުގެ މައި ކޯލިޝަން ޕާޓްނަރަކުވެސް ރައީސް ސާލިހަށް ތާޢީދު ނުކުރައްވާނެ ކަމަށާއި، ރިޔާސީ ރޭހަށް ނުކުންނަވާނެކަން އިޢުލާންކުރައްވާކަމަށެވެ. އަދި އަނެއް ކޯލިޝަން ޕާޓްނަރަކުވެސް ރައީސް ސާލިހަށް ރިޔާސީ އިންތިޚާބުގައި ތާޢީދެއް ނުކުރެވުމަށް ނިންމާފައިވާއިރު، އެއީ ޖުމްހޫރީ ޕާޓީއާއި، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ވާހަކައެވެ. އެހެނަސް އެޕާޓީތަކުގެ މެންބަރުން ތިބީ ސިޔާސީ މަޤާމުތަކުގައި، އާރާއި ބާރު ހިންގުމުގައިކަމަށާއި، އެއްވެސް މެންބަރަކަށް އިންޒާރުދީ، ވަކި ނުކުރާކަން ދަ ޑިމޮކްރެޓްސް އިން ފާހަގަކުރިއެވެ.
އެހެންކަމުން މަޤާމުން ވަކިކުރި ދެ ބޭފުޅުންނަކީ ކޮންމެހެން ރައީސް ސާލިހަށް ތާޢީދުނުކޮށްގެން ވަކިކުރި ބައެއް ނޫންކަމަށައި، އެހެނެއްކަމަކު ދަ ޑިމޮކްރެޓްސްގެ ތާޢީދާއި، މެންބަރުން އިތުރުވާ މިންވަރު ފެނި، އިންޒާރު ދިނުމަށާއި، ބިރުދެއްކުމަށް ވަކިކުރި މީހުންކަމަށް ދަ ޑިމޮކްރެޓްސް އިން ބުނިއެވެ. އަދި އެއީ އެ ޕާޓީއަށް ފާޅުގައި ތާޢީދުކުރުން ހުއްޓުވުމުގެ ނިޔަތުގައި ކުރިކަމެއްގެ ގޮތުގައި ދަ ޑިމޮކްރެޓްސް އިން ވަނީ ސިފަކޮށްފައެވެ.
ދަ ޑިމޮކްރެޓްސް ދެކޭގޮތުގައި މިމަގުން މަޤާމުތަކުން ވަކިކުރަމުން ދިޔުމުން ރަމްޒުކޮށްދެނީ ރައީސް ސާލިހުގެ ފިނޑިކަމެވެ. ޕާޓީގެ މެންބަރުންނާމެދު ޒާތީވެ ތަޢައްސުބު ގެންގުޅޭކަން މިކަމުން ހާމަވާކަމަށާއި، ސަރުކާރުގެ އަނިޔާވެރިކަމާއި، ތަފާތުކުރުމާއި، ނަހަމަކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފައިވެއެވެ.

