އުއްމީދަކީ މަޖިލީހުގެ ރިޔާސަތުން ވަކިވެ މައްޗަން ގޮޅި މެދު ދާއިރާގެ މެމްބަރުގެ ހައިސިއްޔަތުން ބަހުސްގައި ބައިވެރިވުން ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރިޔާސަތުގައި އިންނެވީ ކެތް މަދުވެފައިކަމަށެވެ.
މެމްބަރުންނަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑު ކެތް މަދުވެފައިކަން ހަގީގަތުގައި ރިޔާސަތުގައި މިއިންނަނީ . އުއްމީދު ކުރެވެނީ މެދު ދާއިރާގެ ބަހުސްގައި ބައިވެރިވެވޭނެ ކަމަށް.
ރައީސް ނަޝީދު މަގާމުން ވަކި ކުރުމަށް ސޮއި ހަމަކުރުމުގެ މަސައްކަތް އިއްޔެ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ފަރާތުން ފަށާފައިވާއިރު، އެމްޑީޕީން ވަކިވި އަދި ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވާ މެމްބަރުން ވަނީ އެކަން ނުވާނެ ކަމަށާއި އެ އަދަދަށް ސޮއި ހަމަ ނުވާނެ ކަމަށް ބުނެފައެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސާލިހް އަށް ތާއީދު ކުރައްވާ މަޖިލިސް މެމްބަރުން ފާހަގަ ކުރެއްވި ގޮތުގައި ރެއާ ހަމައަށް 54 މެމްބަރުންގެ ސޮއި ވަނީ ހަމަކޮށް ނިމިފައެވެ.
މަޖިލިސްގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމަށް ބޭނުންވަނީ 29 ސޮއެވެ.
މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 އަށް ވެފައި މަޖިލީހަށް ހުރިހާ މެމްބަރުން ވޯޓްގައި ބައިވެރިވެއްޖެ ނަމަ ނަޝީދު މަގާމުން ދުރުކުރަން ބޭނުންވަނީ 44 ވޯޓެވެ.
މިވަގުތު މަޖިލީހުގެ މެޖޯރިޓީ ޕާޓީ އަކީ އެމްޑީޕީއެވެ. މިވަގުތު އެމްޑީޕީ އަށް ނިސްބަތްވާ 57 މެމްބަރުން މަޖިލީހުގައި އެބަ ތިއްބެވެ.

