”ހަސަން ކުރުސީ“ ގެ ނަމުގައި ޓުވިޓާގައި ހިންގާ އެކައުންޓުން މަސައްކަތްކުރަނީ އާންމުންގެ ތެރޭގައި ރުޅިވެރިކަން ފެތުރުމަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ފަލްސަފާތަކާއި، އެ ޕާޓީގެ ސިޔާސަތުތައް ކަމުނުދާތީ ޕާޓީގެ އިސް ސަފުގައި ތިއްބެވި 12 މެންބަރަކު އެމްޑީޕީއިން ވަކިވެވަޑައިގެންނެވުމަށް، ރައީސް ނަޝީދުގެ ލަފާގެ މަތިން އުފައްދާ ”ދަ ޑިމޮކްރެޓްސް“ ގެ މެންބަރުން ތިއްބަވާ ވަޓްސް އެޕް ގުރޫޕަށް ފޮނުވި މެސެޖެއްގައެވެ.
ޓުވިޓާގައި މަޝްހޫރު ”ހަސަން ކުރުސީ“ ގެ އެކައުންޓުން ސިޔާސީ އެކި ބޭފުޅުންނާއި ދިމާ ކުރައްވައި، ފާޑުކިއުންތައް އަމާޒުކޮށް، މީހުންގެ ޒާތީ ދިރިއުޅުމާއި ގުޅޭގޮތުން ވެސް ޓުވީޓު ކުރައްވައެވެ. ސަރުކާރުގެ ތެރޭގައި ހިނގާ ކޮރަޕްޝަނާއި އެކި ކަންކަން ހާމަކުރަމުންދާ މި އެކައުންޓްއިން ހާއްސަކޮށް އެމްޑީޕީގެ ސަރުކާރު ފެކްޝަނާއި ގުޅޭގޮތުން ވާހަކަ ދައްކާ ވަރަށް ބޮޑަށް ފާޑު ކިޔަމުންދެއެވެ. ސަރުކާރު ފެކްޝަންގެ މެންބަރުން ގަބޫލުކުރާ ގޮތުގައި ”ހަސަން ކުރުސީ“ގެ ނަމުގައި ޓުވިޓަރގައޮ ހިންގާ އެކައުންޓަކީ ރައީސް ނަޝީދު ހިންގަވާ އެކައުންޓެކެވެ.
އެ އެކައުންޓުގެ ޓުވީޓުތަކުގެ ބަސްމަގު ހުންނަނީ ރައީސް ނަޝީދު ބޭނުންފުޅު ކުރައްވާ ބަސްމަގާއި ދާދި އެއްގޮތަކަށްކަމަށް ތުހުމަތުކޮށް ރައީސް ނަޝީދަށް ފާޑުކިއުން އަމާޒު ވެއެވެ. އެގޮތުން ސަރުކާރުގެ ފެކްޝަނުގެ ބޭފުޅުން ވެސް އެ އެކައުންޓަށް ރައްދު ދެނީ، އެއީ ރައީސް ނަޝީދު ހިންގަވާ އެކައުންޓެއްކަމަށް ބުނެ އެވެ. އަދި އެމަނިކުފާނުގެ ނަން ބޭނުންކޮށްގެން ވެސް ބައެއް ބޭފުޅުން ރައްދު ދެއްވައެވެ.
ފަހަކަށް އައިސް ކުރީސީގެ އެކައުންޓުން ކުރާ ޓުވީޓުތައް ގިނަވެ، ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ އާއިލާއާއި ގުޅޭގޮތުންވެސް ވާހަކަ ދައްކައެވެ.
މި މައްސަލަ ރައީސް ނަޝީދު ފުލުހަށްވެސް ހުށައެޅުއްވިއެވެ. އަދި ރައީސް ނަޝީދު ވިދާޅުވީ ހަސަން ކުރުސީއަކީ އެމަނިކުފާނު ހިންގަވާ އެކައުންޓެއްކަމަށް ގިނަ ބަޔަކަށް ހީވެ އޮޅުންތައް އަރާފައިވާކަމަށެވެ. އަދި އެކަމުގެ ސަބަބުން އެމަނިކުފާނަށް އިންތިހާއަށް ގެއްލުން ލިބެމުންދާކަމަށް ފާހަގަކޮށް އެ އެކައުންޓުގެ އަސްލު ހޯދައިދިނުމަށް ފުލުހަށް ހުށަހެޅުއްވިކަން ހާމަކުރިއެވެ. މިކަމާއި ގުޅޭ އިތުރު ތަފްސީލެއް އަދި ލިބިފައެއްނުވެއެވެ. ނަމަވެސް މައްސަލަ ތަހުގީގުކުރަމުންދާކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފައެވެ.
ސޯޝްލް މީޑިއާގައި ހިންގާ ”އެލެކްސް އަހުމަދު“ ނުވަތަ މިހާރުގެ ނަމުން ”އެމްއެން އަން އޮފިޝަލް“ އަކީ ވެސް ރައީސް ނަޝީދު ހިންގަވާ އެކައުންޓެއްކެވެ. އަދި އެކަން ގިނަ ބަޔަކު ފާހަގަ ކުރަމުން ދާތީ ޓުވީޓެއް ކުރެއްވުމަށް ފަހު އެއީ އެމަނިކުފާނުގެ ނުރަސްމީ އެކައުންޓުކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. ނަމަވެސް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސުވާލު ކުރުމުން، ސީދާ އެކަން ކަށަވަރުކޮށްދޭ ޖަވާބެއް އެމަނިކުފާނު ނުދެއްވައެވެ.
އެ އެކައުންޓު 29،000 އަށް ވުރެ ގިނަ މީހުން ފޮލޯ ކުރެ އެވެ.

