އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑު ޓްރަމްޕު އޭނާ އާއި ދެކޮޅު ފަރާތްތަކަށް އިންޒާރު ދޭ ވީޑިއޯއެއް އާންމުކޮށްފިއެވެ.
”ޓްރުތް ސޯޝަލް“ ކިޔާ ސޯޝަލްމީޑިއާ ޕްލެޓުފޯމެއް މެދުވެރިކޮށް ޓްރަމްޕު އާންމު ކުރި ވީޑިއޯގައި އޭނާވަނީ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކުގެ މައްޗަށް ބަދަލުހިފުމަށް ވައުދުވެ ހަޑިހުތުރު ބަސްތައްވެސް ބޭނުންކޮށްފައެވެ.
ޓްރަމްޕު ހިއްސާކުރި ވީޑިއޯގައި އޭނާ މީގެ ތިން އަހަރެއްހާ ދުވަސްކުރިން ރޭޑިއޯ ޕްރޮގްރާމެއްގައި ދެއްކި ވާހަކަތަކުގެ އޯޑިއޯއެއްވެސް ހިމަނާފައިވެއެވެ. އެ ޕްރޮގްރާމްގައި އޭނާ ދެއްކީ އީރާނުގެ ވާހަކަތަކެވެ. އޭނާގެ އެ އޯޑިއޯ ފައިލްތައް އަލުން ބޭނުނުް ކުރެވެން ފަށާފައިވާއިރު، މިހާރު އޭނާ އަށް ކުރިމަތިލާންޖެހިފައިވަނީ 2020 ވަނަ އަހަރު އެ ގައުމުގެ ރައީސްއަކު ހޮވުމަށް ބޭއްވި އިންތިހާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރިކަމުގެ ތުހުމަތުތަކާއެވެ.
ނުވަ ސިކުންތުގެ މި ވީޑިއޯއިން ފެނިގެންދަނީ ކަޅާއި ހުދަށް ބަދަލުކުރެވިފައިވާ ޓްރަމްޕުގެ މޫނު ފެނިގެންދާ ފޮޓޯއެކެވެ. ބިރުވެރިކަމެއް ވެރިވެފައިވާކަމަށް ދޭހަކޮށްދޭ ފަދަ މިއުޒިކުގެ އަޑު އިވިގެންދާއިރު އޭނާ އަދި ގުޅުން ހުރި ފަރާތްތަކާއި ބެހިއްޖެ ހާލަތެއްގައި އަދި އެވެރިންނާއި ދެކޮޅަށް ނޭދެވޭ އަމަލެއް ހިންގައިފި ހާލަތެއްގައި ބަދަލުގައި މިހާތަނަށް ދުނިޔެމަތިން ފެނިފައިނުވާ ވަރުގެ ކަންކަން ކުރާނެކަމަށް ޓްރަމްޕު ބުނާ އަޑު އިވިގެންދެއެވެ.
”މާގާ“ ކިޔާ ވެބްސައިޓަކުން އުފައްދާފައިވާ މި ވީޑިއޯގެ ކެޕްޝަންވެސް މީޑިއާތަކުގެ ސަމާލުކަން ހޯދިއެވެ. އެގޮތުން ”ވީ އާންޓް އެފްރެއިޑް އޮފް ދެމް“ ނުވަތަ ބަޔަކު މީހުން ދެކެ ބިރު ނުގަންނަކަމަށް ޖަހާފައިވާ ކެޕްޝަނާއި ޓްރަމްޕު މީގެ ކުރިން ރަސްމީ ބައްދަލުވުމެއްގައި މީޑިއާ އަކަށް ދިން ކޮމެންޓަކާއި އެއް ގޮތްވެއެވެ. އެ ބައްދަލުވުުމުގައި ޓްރަމްޕުވަނީ އޭނާ އާއި ދެކޮޅަށް ބަޔަކު ފޮރުވިގެން މަސައްކަތްކުރަމުންދާކަމަށް ސިފަކޮށްފައެވެ.
އޭނާ ބުނެފައިވާގޮތުން، ބަޔަކު މީހުން މަސައްކަތްކުރަމުންދަނީ އޭނާ އަދި ގުޅުން ހުރި މީހުންގެ އަގު ވައްޓާލައި ބާރުކަނޑުވާލުމަށެވެ. އަދި ބިރުވެތިކަން އާލާކުރުމަށްވެސް މަސައްކަތްކުރާކަމަަށާއި އެހެންނަމަވެސް ބިރު ނުގަންނަކަމަށް އޭނާ ވަނީ ބުނެފައެވެ. އޭނާ ބިރު ނުގަންނަ ސަބަބަކީ އޭނާ އެމެރިކާ އަނެއްކާވެސް ވަރުގަދަ ގައުމަކަށް ހަދަން މަސައްކަތްކުރަމުންދިއުންކަމަށްު ފާހަގަކޮށްފައިވެއެވެ.

