އެމްޑީޕީގެ ކޯލިޝަނުން އެމްޑީއޭ ވަކިވުމަށް ނިންމާފައިވުމުން އެ ޕާޓީގެ ލީޑަރު އަހުމަދު ސިޔާމްއަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު މަރުހަބާ ދަންނަވައިފިއެވެ.
ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކޯލިޝަން ޕާޓުނަރެއްގެ ގޮތުގައި އޮތް އެމްޑީއޭއިންވަނީ ކައުންސިލުގެ ނިންމުމަކުން ކޯލިޝަން ރޫޅާލާފައެވެ. އެ ކައުންސިލު ބައްދަލުވުމުގައި އިސްކޮށް އިންނެވީ ޕާޓީގެ ލީޑަރު ސިޔާމްއެވެ. ކައުންސިލުގައި ތިއްބަވާ މެމްބަރުންގެ ތެރެއިން ރައީސް ސާލިހަށް ވޯޓު ދިނީ ދެ މެމްބަރެއްކަމަށްވާއިރު، ބާކީ މެމްބަރުން ނިންމީ ޕީއެންސީގެ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުއާއިއެކު ކުރިއަށް ދިއުމަށެވެ.
އެމްޑީއޭގެ ނިންމުމަށް އަލިއަޅުއްވައި ޝަހީމް ކުރެއްވި އެކްސްއެއްގައި ވިދާޅުވީ، ސިޔާމް ނިންމެވީ ހިތްވަރުގަދަ ގައުމީ ނިންމެވުމެއްކަމަށެވެ. އޭނާ ވިދާޅުވީ، ސިޔާމްގެ ނިންމެވުމަށް މަރުހަބާ ކިޔާކަމަށާއި މުއިއްޒު އާއިއެކު ކުރިއަށް ދިއުމަށް ނިންމާފައިވުމަށް އެމްޑީއޭގެ ކައުންސިލުގެ އިތުރުން އާންމު މެމްބަރުންނަށްވެސް ޝުކުރުވެރިވެވަޑައިގަންނަވާކަމަށެވެ.
ޝަހީމް ވިދާޅުވީ، އެމްޑީއޭ އަދި ޕީޕީއެމް/ ޕީއެންސީ ގުޅިގެން އިރާދަކުރެއްވިއްޔާ ގައުމު ކުރިއަށް ގެންދެވޭނެކަމަސެވެ.

