ރާއްޖޭގައި މަސައްކަތްކުރަމުންދާ އިންޑިއާގެ ސިފައިން މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި 523 ދިވެއްސެއްގެ ފުރާނަ ސަލާމަތްކުރިކަމަށް އެ ގައުމުން ބުނެފިއެވެ.
އިންޑިއާގެ އެކްސްޓާރނަލް އެފެއަރޒް މިނިސްޓްރީގެ ތަރުޖަމާނު ވަނީ ރާއްޖެ އާއި އިންޑިއާގެ ގުޅުމާއި ބެހޭ ގޮތުން އެ ގައުމުގެ ނޫސްވެރިންނާއި މައުލޫމާތު ހިއްސާކޮށްފައެވެ. އޭނާ ވިދާޅުވީ ރާއްޖެއާއި ދެމެދު އޮންނަ ގުޅުން ބިނާވެފައިވަނީ ކުރިމަތިވާ މައްސަލަތައް ހައްލުކުރުމުގައާއި ކާމިޔާބީތައް ހާސިލުކުރުމުގައި އެކުގައި މަސައްކަތްކުރުމުގެ މައްޗަށް ކަމަށެވެ.
އޭނާ ވިދާޅުވީ އިންޑިއާގެ އެހީގެ ސަބަބުން ރާއްޖެއަށް އިޖްތިމާއީ މައްސަލަތައް ހައްލުކުރުމުގައި ބޮޑެތި ކުރިއެރުންތައް ލިބިފައިވާކަމަށާއި އިންސާނީ އެހީގެ އިތުރުން ކާރިސާތަކުން އަރައިގަތުމުގައިވެސް އިންޑިއާއިން ރާއްޖެއަށް އެހީ ފޯރުވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ތަރުޖަމާނު އަރިންދަމް ބަގްޗީ ވިދާޅުވީ އެ ގައުމުންވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުށްތަކަށް އަރައިގަތުން ހުއްޓުވުމުގެ ގޮތުންވެސް މަސައްކަތްތައް ކޮށްފައިކަމަށާއި ވޭތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ސިއްހީ ކުއްލި ފަރުވާ ދިނުމަށް އެ ގައުމުގެ ސިފައިންވަނީ ފަސް ސަތޭކައަށްވުރެ ގިނަ ފަހަރެއްގެ މަތިން ހަރަކާތްތެރިވެފައިކަމަށެވެ.
އޭނާ ވިދާޅުވީ، އެ ގައުމުގެ ސިފައިންވަނީ ރާއްޖޭގެ 523 މީހެއްގެ ފުރާނަ ސަލާމަތްކޮށްފައިކަމަށާއި އެ އަދަދުގެ ތެރެއިން 131 ހަރަކާތެއް ކުރިއަށް ގެންގޮސްފައިވަނީ 2023 ވަނަ އަހަރުގެ ތެރޭގައިކަމަށެވެ. އޭނާ ވިދާޅުވީ 140 ފަހަރުގެ މަތިން 2022 ވަނަ އަހަރުގެ ތެރޭގައި ހިދުމަތްތައް ފޯރުކޮށްދީފައިވާކަމަށާއި 2021 ވަނަ އަހަރުގެ ތެރޭގައި 109 ފަހަރެއްގެ މަތިން ރާއްޖޭގައި ހިދުމަތް ދީފައިވާކަމަށެވެ.
އަރިންދަމް ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އެ ގައުމުގެ ސިފައިންވަނީ އެކި ސަބަބުތަކާއި ގުޅިގެން ރާއްޖޭގައި 450 އަށްވުރެ ގިނަ ފަހަރެއްގެ މަތިން މަސައްކަތްކޮށްފައިކަމަށެވެ. އޭނާ ވިދާޅުވީ އެއީ ރާއްޖޭގެ ކަނޑުމަތީގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމުގެ ގޮތުން ކޮށްފައިވާ މަސައްކަތްތައް ކަމަށެވެ. އޭނާ ވިދާޅުވީ އޭގެ ތެރެއިން 122 މަސައްކަތެއް ކޮށްފައިވަނީ މިދިޔަ އަހަރުގެ ތެރޭގައިކަމަށެވެ. އަދި 2021 ވަނަ އަހަރުގެ ތެރޭގައި 152 މަސައްކަތެއް ކޮށްފައިވާކަމަށާއި 2020 ވަނަ އަހަރުގެ ތެރޭގައިވެސް 124 ފަހަރެއްގެ މަތިން އެ ގައުމުގެ ސިފައިން ރާއްޖޭގައި މަސައްކަތްތައް ކުރިކަމަށް ވިދާޅުވިއެވެ.
ތަރުޖަމާނު ވިދާޅުވީ، ކުއްލި ގޮތަކަށް ރާއްޖޭގެ ހާލަތު ގޯސްވެގެންދާ ކޮންމެ ފަހަރެއްގައިވެސް އިންޑިއާއިންވަނީ އެހީ ދިނުމުގެ ގޮތުން އެންމެ ފުރަތަމަ ހާޒިރުވި ފަރާތަށްވެފައިކަމަށާއި އެންމެ ފަހުން އެފަދަ ހާލަތެއް ފެނިގެންދިޔައީ ކޮވިޑްގެ ދުވަސަްވަރުކަމަށެވެ. އޭނާ ވިދާޅުވީ، އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރާއިއެކު މަސައްކަތްތައް ކުރެއްވުމަށް އެ ގައުމުން ތައްޔާރުކަމަށާއި ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރާނެ ގޮތްތައް ހޯދުމަށް މަޝްވަރާތައް ކުރުމަށް އުންމީދުކުރައްވާކަމަށެވެ.
އިންތިހާބީ ރައީސް އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މުނޫ މަހާވަރާ ހިއްސާކުރެއްވި ކަންބޮޑުވުންތަކާއި ގުޅޭގޮތުން އިންޑިއާގެ ސަރުކާރުގެ އިސްވެރިންގެ ތެރޭގައި މަޝްވަރާތައް ކުރެވިފައިވޭތޯ ކުރެވުނު ސުވާލަކަށް އަރިންދަމް ޖަވާބު ދެއްވިއެވެ. އޭނާ ވިދާޅުވީ އެމަނިކުފާނަކީ ރާއްޖޭގެ ރައީސްކަމުގެ މަގާމަށް އައްޔަނުކުރެވިފައިވާ މީހާކަމަށާއި އެ ގައުމުން ރާއްޖޭގައި އަލަށް އުފެދޭ ސަރުކާރާއިއެކު މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރުމަށް ތައްޔާރަށް ހުރިކަން އަދި ހައިކޮމިޝަނަރު މުނޫ މަހާވަރާ އެކު މަޝްވަރާތައް ކުރެވިފައިވާކަމަށެވެ.

