ރާއްޖެއަށް އަލަށް އަންނަ ފަތުރުވެރިޔަކަށް މާލެއަކީ ވެރިރަށްކަން ނޭނގޭނަމަ، ހުޅުމާލެ ފެނުމުން އެއީ ވެރިރަށްކަމަށް ނިންމާނެއެވެ. ވެރިރަށާއި އެހެން ކޮންމެ ރަށަކާއި އަޅާކިޔަސް އެ ސިފައެއް ނެތްކަމަށް ބުނެވިދާނެއެވެ. މާލޭގެ ހުރިހާ މަގުތަކެއް ކަހަލަ ގޮތަކަށް ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަމަށްޓަކައި އެއްވަރުކޮށް އަލުން ބިނާކުރަން ޖެހިފައިވާއިރު، ބާވެ ގޮސްފައިވާ އިމާރާތްތަކާއި ބެލެއްޓުން ކުޑަކަމަށް ދޭހަވާ އެތައް ކަމެއް މާލެތެރެއިން ފެނިގެންދެއެވެ.
ރާއްޖޭގެ ރައްޔިތުންގެ ތެރޭގައި އޮތް އެންމެ ހެއްވާ އެއް އާދަކަމަށްވާ ޖަނަވާރު ގެނެސް އެތަކެއްޗަށް އަޅާނުލުމުގެ އާދައިގެ ސަބަބުން ބުޅާ ފަދަ ތަކެތި މަގުމަތިވެ، މާލޭގެ ކޮންމެ މަގެއް ބެލިނަމަވެސް ބުޅަލެއް ނުފެނި ނުދާނެއެވެ. ކުލުނެއް ހުރި އިންސާނެއް ނަމަ ހަމްދަރުދީ ވާ ވަރަށްވެސް ބައެއް ބުޅަލުގެ ހާލަތު ދަށްކަން ފާހަގަކުރެވެއެވެ.
މިއަދު މާލޭގެ ބައެއް މަގުތަކުގައި ތާރަ އަޅާފައިވާއިރު، ބާކީ ހުރިހާ މަގެއްގައިވެސް ގައު އަތުރައިފައިވާނެއެވެ. އެހެންކަމުން މަގުތައް މަތީ އުޅޭ ޖަނަވާރު ކުޑަކަމު ދިއުމާއި ބޮޑުކަމުދިއުމަށްފަހު މިއަދު ފަސް އެޅޭނެ ގޮތެއް ނެތެވެ. މާލޭގެ އެތައް މަގެއްގެ ޕޭމަންޓު އަރިމަތީގައި ބުޅަލުގެ ނަޖިސް ހުރިތަން އެތައް ބަޔަކަށް ފެނިފައިވާނެއެވެ. ބައެއް ފަހަރު ވާރޭ ނުވެހި ގިނަދުވަސްވުމުން ހަރުވެ ކޮންމެވެސް މީހެއްގެ ފައިދަށުވެ ފުނޑުފުނޑުވެގެންދާއިރު، އަނެއް ބައި ފަހަރު ވާރޭ ވެހުމުން ހެދޭ ޗަކަ ވަޅުގަނޑުތަކުގެ ފެނާއި އެކުލެވިގެންދެއެވެ. މި ވާހަކަ އިތުރަށް ނުދެއްކިޔަސް މިއީ ހައްލުކުރަންޖެހިފައިވާ މައްސަލައެއްކަން މިހާ ހިސާބުން ސާފުވާނެއެވެ.
ބުޅާ މަގުމަތިކުރާ މައްސަލައާއި ރާއްޖޭގެ މަގުތައް މަތީ އުޅޭ ބުޅަލުގެ އަދަދުތައް ގިނަވުމުގެ މައްސަލައަކީ ބޮޑުވެފައިވާ މައްސަލައެކެވެ. މިކަމުގެ ސަބަބުން މާލޭގެ މަގުތައް ހަޑިވުމަށް ދިމާވާކަމަށްވުމުން، މިކަމަށް ކުލުނާއި އިންސާނިއްޔަތުގެ މައްޗަށް ބިނާވާ ހައްލެއް ގެނައުމަކީ އެތަކެއްޗަށާއި ވެށީގައި ދިރިއުޅޭ އެހެނިހެން ޖަނަވާރުގެ އިތުރުން އިންސާނުންގެ ސިއްހަތަށްވެސް އެންމެ ރަނގަޅު ގޮތެވެެ.
ބުޅާ ކުށްވެރިކުރަނީކީ ނޫނެވެ. އަދި އެހެން ބަޔަކުވެސް ކުށްވެރިކުރަނީކީވެސް ނޫނެވެ. މި ހިޔާލުގެ މަގުސަދަކީ ބޮޑުވަމުންދާ މައްސަލައަކަށް ހައްލުގެނައުމެވެ. މީގެ ކުރިން ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާވަޑާމްވެސް ނުބެލެހެއްޓި ދިޔަ ފަހަރުތައް މާލޭގައި ދިރިއުޅޭ އެތައް ބަޔަކަށް ފާހަގަކުރެވިފައިވާނެއެވެ. ބައެއް ސަރަހައްދު ގޯޅިތަކަށް ބަލައިފި ނަމަ، ކޮތަރު ނަޖިހުން މަގުމަތި ދާއިމީކޮށް ތާރައެޅިފައިވާފަދައެވެ. އެހެންކަމުން މިއީ ކޮތަރާއީ ބުޅަލުގެ މައްސަލައެއްވެސް ނޫންކަން ސާފެވެ.
މާލޭގެ ކަންކަންމަތީގައި ކުނި ކޮތަޅުތަކުގެ އިތުރުން ޖަމާކޮށްފައިވާ ކުދި ކުނިގޮނޑުތައްވެސް ބައެއް ފަހަރު ހުރެއެވެ. ބައެއް ސަރަހައްދުތަކުގައި އެތަކެތި ނުނަގައި އެތައް ދުވަސްވަންދެންވެސް ހުރެއެވެ. ކާބޯތަކެތީގެ އިތުރުން އެހެނިހެން ބާވަތްތަކުގެ ހަލާކުވެފައިވާ ތަކެތިވެސް ބައެއް ސަރަހައްދުތަކުގައި ހުރެއެއެވެ. މާލޭގެ އިންޑަސްޓްރިއަލް ޒޯންގެ ތެރެއަށް ވަދެ ވަކި ހިސާބަކަށް ދިއުމުން ފެނިގެންދާނީ ހަލާކުވެފައިވާ އުޅަނދުތަކުގެ ބަރިތަކެވެ. އެހެނިހެން ދަގަނޑާއި ހަރު އެފަދަ ކުނި ބުނިކަމަށް ފެނިގެންދާ ތަކެތި ޖަމައުކޮށް ބާދަގަނޑަށް ކިރުން ފަދަ މަގުސަދެއްގައި ބެހެއްޓިފައިވާކަންވެސް ފާހަގަކުރެވެއެވެ. ޔަގީނުންވެސް ވެރިރަށެއްގެ އަލަށް ބިނާކޮށްފައިވާ ތަނަކާއި އެތަނުގެ ހާލަތު ވަރަށްވެސް ނުބައްދަލެވެ.
ވީރާނާވެފައިވާ އެތައް އިމާރާތެއްވެސް މާލޭގައި އެބަ ހުއްޓެވެ. ބައެއް އެފަދަ ބިންތައްވެސް ހުންނާނެއެވެ. ސަރުކާރުގެ ބެލުމުގެ ދަށުގައި ތިބިނަމަވެސް މިއަދު ތޮއްޖެހިފައިވާ މާލޭގެ ރައްޔިތުންނަށް ބޭކާރު އިމާރާތްތަކެއް ބޮލަށް ވެއްޓިދާންދެން ބެހެއްޓުމަކީ ބޭނުންތެރިކަމެއް ނޫނެވެ. ދާދި ފަހުންވެސް ގިނަ ދުވަސްވީ އިމާރާތެއްގެ ބެލްކަންޏެއް ވެއްޓި މީހުންނަށް ގެއްލުން ލިބިފައިވާކަމަށްވުމުން، ވެރި ރަށުގެ މަލަމަތި ރީތި ކުރުމާއި ސައުފުތާހިރުކަމުގެ ރޫހު އާލާކުރުމުގެ އިތުރުން ރައްކައުތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެފަދަ ހާލަތުގައި ހުރި ބޭނުން ނުކުރާ ތަންތަންނާއި ތަކެތި ނަގާލައި ރައްޔިތުންނަށް މަންފާ ވަނިވި ތަންތަނުގެ ގޮތުގައި ބިނާކުރުން ނުވަތަ ބޭނުން ކުރެވޭ ހުސް ޖާގަތަކާއި ޕާކު ފަދަ ތަންތަނުގެ ގޮތުގައިވެސް ބިނާކުރެވިދާނެއެވެ.
އަލަށް ބިނާކޮށްފައިވާ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓު ސަރަހައްދަށް ބެލިނަމަވެސް ދިވެހިރާއްޖޭގައި ސެނިޓޭޝަން ސާވިސަސް ނުވަތަ ސާފުތާރިހުކަން ދެމެހެއްޓުމުގެ ހިދުމަތަށް އަހައްމިއްޔަތުކަން ދޭންޖެހޭ މިންވަރަށް ދެވިފައިނުވާކަން އެނގިގެންދާނެއެވެ. އެތަނުގައި އެތައް ހާސް ބަޔަކު ދިރިއުޅެމުންދާއިރު، ވެރިކަމެއް ނިމިދިޔަ އިރު ފްލެޓުތަކުގައި ޓްރޭޝް ޝޫޓެއް ލައިދިނުމަށް އެންމެ ފިޔަވަޅެއްވެސް އަޅާފައިނުވެއެވެ. އެތަންނަށް މީހުން ބަދަލުވަމުންދިޔަ އިރު ފްލެޓުތައް ގާތުގައި ކުނި ފުނި ފުނި ބަހައްޓައިގެން ރޯކޮށްވެސް ހެދިއެވެ. މިއީ 21 ވަނަ ގަރުނުގައި އެތައް މިލިއަން ރުފިޔާއެއް ހޭދަކޮށްގެން ހިންގާ މުއައްސަސާތަކުން ދޭ ހިދުމަތްތަކުގެ ފެންވަރު ހުރި ހިސާބެވެ.
ރާއްޖޭގައި ކުނި ނައްތާލުމުގެ ހިދުމަތަކީ ފައިސާ ދައްކައިގެން ލިބިގަންނަ ހިދުމަތެއްކަމަށްވުމުންވެސް މައްސަލަތައް ދިމާވާކަމަށް ފާހަގަކުރެވެއެވެ. އެގޮތުން ފައިސާ ދެއްކުމުގައި ދަތިތައް ހުރުމުގެ ސަބަބުން މަގުމަތީގައި ކުނި އަދި އުކާލަން ބޭނުންވާ އެހެނިހެން ތަކެތިވެސް ބަހައްޓާފައި ދާ މީހުންވެސް އުޅެއެވެ. އެހެންކަމުން މިހާރުގެ އުސޫލުތަކަށް ބަދަލުތައް ގެނެސްގެން ނަމަވެސް ދިވެހިރާއްޖޭގެ ކުނިބުނި މެނޭޖުކުރުމާއި ސާފުތާހިރުކަން ދެމެހެއްޓުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރަންޖެހެއެވެ.
މިއަދު ކުނި މެނޭޖުމެންޓުގެ ތެރެއިން ސަރުކާރުންދަނީ ވިޔަފާރިވެސް ކުރަމުންނެވެ. ރައްޔިތުން އުފައްދާ ޕްލާސްޓިކު ކުނި ގެންދިއުމަށް އަގެއް ނަގާއިރު، އެތަކެތި ރިސައިކަލްކޮށްގެން ކޮތަޅު އުފެއްދުމަށްފަހު ސަރުކާރުންދަނީ އަނބުރާ ރައްޔިތުންނަށް ވިއްކަމުންނެވެ. އެހެންކަމުން ރައްޔިތުންގެ އަތުން ފައިސާއެއް ނެގުމެއް ނެތިވެސް ކުނި މެނޭޖުކޮށްދެވިދާނެކަން ކަށަވަރެވެ.
ރިސައިކަލް ކުރުމަށްޓަކައި ކުނި ވަކި ކުރަންޖެހޭ ޖެހުމަކީވެސް އިތުރު ހަރަދެއްކަމަށްވާއިރުއާއި ރައްޔިތުން ކުނި ވަކިކޮށްފައި ހަވާލުކުރުމުން އެ މަސައްކަތްތައް ކުރުމުގައި އަވަސްކަމެއް އައިސް ބޮޑެތި ލުއިތަކެއް ލިބިގެންދެއެވެ. އެހެންކަމުން ރައްޔިތުންނާއިއެކު މަސައްކަތްތައްކޮށް ސަރުކާރަށް ލިބިގެންދާ ފައިދާތަކާއި އެއް މިންވަރުގެ ހިދުމަތެއް ރައްޔިތުންނަށްވެސް ދިނުމަކީ ކޮންމެ އިހުލާސްތެރި ސަރުކާރަކުންވެސް އަމަލުކުރާނެ ގޮތްކަން ޔަގީނެވެ.
މިފަދަ މައްސަލަތައް ހައްލުކުރެވޭނީ ގައުމެއްގެ ރައްޔިތުންގެ އިތުރުން އެ ގައުމެއްގެ ސަރުކާރުންވެސް މަސައްކަތްތަކެއް ކޮށްގެންނެވެ. ކޮންމެ ދުވާލެއްގެ މަތިން ރަށު ތެރޭގެ ސާފުތާހިރުކަން ބެލެހެއްޓުމުގެ ގޮތުން މަސައްކަތްތައް ކުރުމުގެ އިތުރުން ވީކްލީ މެއިންޓެނެންސްއާއި، މަންތްލީ އާއި ކުއާޓަރލީގެ އިތުރުން އިޔަލީ މެއިންޓެނެންސް މަސައްކަތްތައްވެސް ހުންނާނެއެވެ.
ރާއްޖޭގެ ރަށްތަކުގެ ސާފުތާހިރުކަން ކަށަވަރުކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެ އެ ކަންކަން ކުރުމަކީ ސަރުކާރުގެ ޒިންމާއެއްކަމަށްވާއިރު، ގައުމަށް ޒިޔާރަތްކުރާ މީހުންނަށް ފެންނަ މަންޒަރުތައް ނިސްބަތްކުރާނީ ތިއިން ކޮންމެ ރައްޔިތަކަށް ކަންވެސް ހަނދާނުގައި ބަހައްޓައިގެން ގައުމުގެ މަލަމަތި ސާފުތާހިރުކަންމަތީ ދެހެއްޓުމުގައި ރައްޔިތުންވެސް ވާގިވެރިވުމަކީ މުޖުތަމައުގެ ސިއްހީ ދުޅަހެޔޮކަމާއިވެސް ގުޅިފައިވާކަމެއްކެމެވެ. އަދި ތަނަކަށް އަޅާނުލެވި ދިއުމުން އެތަނުގައި ނޭދެވޭ އަމަލުތައް ހިންގުމުގެ ފުރުސަތު އިތުރުވެގެންދާކަމަށްވުމުން އެފަދަ ކަންކަމާއި ދެކޮޅަށް އެޅޭ ފިޔަވަޅެއްގެ ގޮތުގައިވެސް މި މަސައްކަތްތައް ގަވައިދުން އުސޫލުތަކެއްގެ މަތިން ކުރެވެން ޖެހެއެވެ.

