އުރީދޫ އިން މައިކްރޮސޮފްޓާއި ގުޅިގެން ރާއްޖޭގެ ވިޔަފާރިތަކަށް މައިކްރޮސޮފްޓް މޮޑާން ވޯކްޕްލޭސް ސޮލިއުޝަންސްތައް ތައާރަފްކޮށްފިއެވެ.
އެ ކުންފުނިން ހާމަކޮށްފައިވާގޮތުން އުރީދޫއިން މައިކޮރޮސޮފްޓާއި ގުޅިގެން ފޯރުކޮށްދޭ މޮޑަން ވޯކްޕްލޭސް އޮފާރއަކީ ހަރަދުކުޑަކޮށް ވިޔަފާރިތައް ހިންގުމަށް ކުރަންޖެހޭ މުއާމަލާތްތަކާއި މަސައްކަތްތައް ސްޓްރީމްލައިންކުރުމަށް ބޭނުންކުރާ އެންޓަރޕްރައިޒް ގްރޭޑުގެ ޕްރޮޑަކްޓިވިޓީ ތޫލްސްގެ ފުރިހަމަ ސުއިޓެއްކަމަށެވެ.
އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާސިލު އަލް ހަމާދީ ވިދާޅުވީ، އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަމުންދަނީ ބައިނަލްއަގުވާމީ ޕާޓުނާޝިޕުތަކުގެ ބޭނުން ހިފައި ދިވެހި މުޖުތަމައުގެ ދިރިއުޅުން އަޕްގްރޭޑުކޮށްދީ އައު ފުރުސަތުތައް ލިއްބައިދިނުމަށްކަމަށެވެ. އޭނާ ވިދާޅުވީ، މައިކްރޮސޮފްޓާއިއެކު ގާއިމުކުރެވިފައިވާ އެއްބަސްވުމަކީ ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އިތުރު ހިތްވަރެއް ލިބިގެންދާ ކަމެއްކަމަށެވެ. އަދި މައިކްރޮސޮފްޓް ވޯކްޕްލޭސް ސޮލިއުޝަންސްގެ ސަބަބުން ވިޔަފާރިތައް އިތުރަށް ހަރުދަނާވެ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރައިގެންދިއުމަށް މަގުފަހިވެގެންދާނެކަމަށްވެސް ވިދާޅުވިއެވެ.
އެ ކުންފުނިން ބުނެފައިވާގޮތުން އުރީދޫއިން ފޯރުކޮށްދޭ މައިކްރޮސޮފްޓް މޮޑާން ވޯކްޕްލޭސް ޕްލޭންތަކަކީ ރާއްޖޭގެ ވިޔަފާރިތަކުގެ މަސައްކަތްތަކާއި މުއާމަލާތްތައް ފަސޭހަކަމާއެކު ޑިޖިޓަލް ކުރެވޭނެގޮތަށް ފަރުމާކޮށްފައިވާ ޕްލޭންތަކެކެވެ. މި އޮފާ އާއި އެކު ބިޒްނަސް އީމެއިލް، ކޯލަބްރޭޝަން ޓޫލްސް، އޮންލައިން ސްޓޯރޭޖް އަދި އިތުބާރު ހިފޭ ކްލައުޑް ސޮލިއުޝަންތައް ހިމެނޭ ގޮތަށް ވިޔަފާރީގެ ހުރިހާ ބޭނުންތަކަށް އެއްތަނަކުން ހައްލެއް ލިބިގެންދާނެކަމަށްވެސް ބުނެފައިވެއެވެ. އަދި މި ޕާޓްނަރޝިޕްގެ ދަށުން ޒަމާނީ ފެންވަރުގެ ސެކިއުރިޓީ ފީޗާތަކާއި، 24 ގަޑިއިރުގެ ސަޕޯޓް ދިވެހި ބަހުން ލިބިގެންދާނެކަމަށްވާއިރު ވިޔަފާރިތަކަށް ފަސޭހަކަމާއެކު ގިނަ ޑިވައިސްތަކަކުން މުވާސަލާތީ ކަންކަން ބެލެހެއްޓުމުގެ ފުރުސަތު ފަހިކޮށްދީ، މަސައްކަތްކުރާ ފަރާތްތަކަށް ދުރުގައި ތިބިނަމަވެސް ފަސޭހަކަމާއެކު ވަގުތުން ގުޅިގެން މަސައްކަތް ކުރެވޭނެ އިންތިޒާމުތަކާއި ކްލައުޑްގެ މެދުވެރިކޮށް ހުރިހާ އެޕްލިކޭޝަނެއްގެ އެންމެ ފަހުގެ އަޕްޑޭޓްތައްވެސް ވިޔަފާރިތަކަށް ލިބިގެންދާނެ މަގުފަހިވެގެންދާނެކަމަށްވެސް ބުނެފައިވެއެވެ.

