ހައްޖުގެ އަޅުކަމުގައި އެއްވެސް ދެއްކުންތެރިކަމެއް ބާއްވައިގެން ނުވާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ހައްޖަށް ފުރާ ވަޑައިގަންނަވާ ހާޖީންނަށް ބޭއްވި ޖަލްސާގައި ޝަހީމް ވިދާޅުވީ ހައްޖުގެ ދަތުރަކީ ވަރަށް މާތް ދަތުރެއް ކަމަށެވެ. އެހެންކަމުން މި ދަތުރުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ޝަހީމް ވަނީ ގޮވާލައްވާފައެވެ. ޝަހީމް ވިދާޅުވީ އެންމެ ފުރަތަމަ ކަމަކީ މި އަޅުކަމަކީ އިހްލާސްތެރިކަމާއެކު ﷲއަށް ޓަކައި ހާލިސްކުރައްވާ އަޅުކަމަކަށް ހެދަން ޖެހޭ ކަމަށެވެ.
މި މަތިވެރި އަޅުކަމުގައި އެއްވެސް ދެއްކުންތެރި ކަމެއް ބާއްވައިގެން ނުވާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ. ދެވަނަ ކަމަކީ މި އަޅުކަން އަދާ ކުރުމުގައި ރަސޫލާގެ ސުންނަތަށް ތަބާވުން ކަމަށް ޝަހީމް ވިދާޅުވިއެވެ. ޝަހީމް ވިދާޅުވީ އަޅުކަމެއް ﷲ ހަޟްރަތުގައި ބަލައިގަންނަވާ އޮންނަނީ ދެ ޝަރުތެއް ކަމަށާއި އެއީ އަޅުކަން އަދާ ކުރުމުގައި އިހްލާސްތެރިވުމާއި އަދި ރަސޫލާއަށް އެކަމެއް އަދާ ކުރެއްވުމަށް އިރުޝާދު ދެއްވާފައިވާ ގޮތަށް އެ އަޅުކަމެއް އަދާ ކުރުން ކަމެވެ.
“ ރާސޫލާގެ ސުންނަތާއި އެއްގޮތަށް އަޅުކަން އަދާ ކުރެވޭތޯ ބަލަން ޖެހޭ. މައްކާގެ ހަރަންފުޅުގައި ތިޔަބައިމީހުން ނަމާދު ކުރަމުންދާއިރު ނުވަތަ ތަވާފް ކުރަމުންދާއިރު ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ އެހެން ގައުމުތަކުގެ މީހުން ކަންކަން ކުރާ މަންޒަރު. އޭން މަންޒަރަކަށް ތަބާވެގެން ތިޔަބޭފުޅުންގެ އަޅުކަމުގެ ކަންކަން ހަލާކުކޮށްލައިގެން ނުވާނެ. ތަންތާންގައި އަތް ހާކައި ހަށިގަނޑުގައި އުނގުޅައި، މިކަލަ ކަންކަން ކުރާ ތަން ފެންނާނެ. އެކަމަކު އެއީ އެކަން ކުރަން އޮންނަ ރަނގަޅު ގޮތެއް ނޫން“
ޝަހީމް ވިދާޅުވީ ތަވާފް ކުރަމުންދާއިރު ކޮންމެ ދުއާވެސް ކިޔޭނެ ކަމަށާއި، ރުކުނުލް ޔަމާނީ އިން ފެށިގެން ހަޖަރުލް އަސްވަދާއި ނިމުން ކިޔުމަށް ވަކި ޙާއްސަ ދުވާއެއް އޮންނަ ކަމަށެވެ. ބައެއް ބޭފުޅުން ކޮންމެ ބުރަކށް ވަކި ހާއްސަ ދުއާއެއް ކިޔުމަށް ފޮތްތައް ގެންގުޅޭ ކަމަށް ޝަހީމް ވިދާޅުވިއެވެ. އެހެންނަމަވެސް ކޮންމެ ބުރަކަށް ވަކި ހާއްސަ ދުޢާއެއް ކިޔުން ސުންނަތުން ސާބިތުވެފައި ނޯންނަކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
މީގެއިތުރުން ހައްޖު މިޝަނުން ބުނީ ހައްޖާޖީންގެ ފުރަތަމް ގްރޫޕް މާދަމާ ސައުދީ އަރަބިއްޔާ އަށް ފުރާނެ ކަމަށެވެ. އެ ގްރޫޕްގައި ޖުމްލަ 298 ހައްޖާޖީން ފުރާނެއެވެ. ދެވަނަ ގްރޫޕް 353 ހައްޖާޖީންނާއެކު ފުުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 3 ގައެވެ. އަދި ތިން ވަނަ ގްރޫޕް 339 ހައްޖާޖީންނާއެކު ފުރާނީ އަންނަ މަހުގެ 7 ގައެވެ.

