ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދު ކަޅާއި ދޮނަކަށް ނުބަލާ، ވެލި ވަނީ ވެއްޔަށް!

ރާއްޖެއާއި އެއްފަދަ ކަމަށް ބުނެ ޕްރޮމޯޓްކުރާ ބައެއް ތަންތަން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ނުރައްކަލެއް ކުރިމަތިވެއްޖެއެވެ. ދުނިޔޭގެ އެތައް ގައުމެއްގައި މިއަދު ”ރާއްޖެއާއި އެއްފަދަ“ ތަންތަން ކަމަށް ބުނެ ފަތުރުވެރިކަމުގެ މަންޒިލުތައް ޕްރޮމޯޓްކުރެއެވެ. މިތަންތަން ޕްރޮމޯޓްކުރަނީ ރާއްޖެއަށްވުރެ ގިނަ ހިދުމަތްތަކާއި މޮޅުތަކެއް ލިބިގެންދާނެ އަގުހެޔޮ ތަންތަނުގެ ގޮތުގައެވެ.

ޗައިނާ، ސައުދީ، އިނގިރޭސިވިލާތާއި، ޔޫރަޕުންވެސްދަނީ ރާއްޖެއާއި އެއްފަދަ ރާއްޖެއަށްވުރެ ސަޅި ތަންތަން ހުރިކަމަށް ބުނެ މާކެޓުކުރަމުންނެވެ. މިއީ އިގްތިސާދީ ގޮތުން އެއްފައި މައްޗަށް ބުރަވެ އޮތް ރާއްޖޭގެ ރައްޔިތުން ކަންބޮޑުވާންޖެހޭ ކަމެކެވެ. ރާއްޖެ އޮތީ މި ސިނާއަތަށް އެކަނި ބަރޯސާވެއެވެ. ޔަގީނުންވެސް މަސްކުންފުންޏަށް ފައިދާ ނުވަންޏާ ރައްޔިތުންނަށް ވަކި ލިއްބައިދެވޭނެ މޮޅެއް ނޯންނާނެއެވެ.

ވޭތުވެދިޔަ އަހަރުތަކުގެ މަތިން ސަރުކާރުތަކުންވަނީ އެކި އިހުމާލުތައްވެ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު އިނދަޖައްސާލާފައިކަން މަސްކުންފުންޏާއި ގުޅޭގޮތުން ދެކެވޭ ވާހަކަތަކުން އެނގެއެވެ. ފައިދާއެއް ނުވެއެވެ. އެސްއޯއީތައް ހިންގަމުންދަނީ ރައްޔިތުން އެތައް ޓެކްސް ފައިސާ ޕަމްޕުކޮށްގެން ބޮޑު ގެއްލުމެއްގައެވެ. މިއީ މަސްވެރިންގެ އެއްވެސް އިހުމާލެއް ނެތް ކަމެކެވެ. އެންމެ ޒަމާންވީ އިގްތިސާދު ހީނަރުވެ މިއަދު ރާއްޖެ އޮތީ އެންމެ ސިނާއަތުގެ މައްޗަށް ބުރަވެކަން އަދި ރާއްޖެއަށް އާމްދަނީއެއްކަމަށް ބެލެވޭ ވަރުގެ އެއްޗެއް މިވަގުތު ލިބެނީ ފަތުރުވެރިކަމުގެ ދާއިރާއިންކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އެހެންކަމުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއްގައުމު އިނގިރޭސިވިލާތުން 20 މިނެޓުގެ ދަތުރަކުން ރާއްޖެއާއި އެއްފަދަ ތަނަކަށް ދެވިދާނެކަމަށް ބުނެ މާކެޓުކުރަމުންދިއުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އިސްވެރިންގެ ސަމާލުކަމަށް އަންނަންޖެހޭ މުހިންމު މައުލޫމާތުތަކެވެ. އަދި އެހެންނަމަވެސް ހާލަތު ބަދަލުވެގެން އަންނާނީ ރައްޔިތުން އެކަމާއި އަޑުއުފުލުމުންކަމަށްވުމުން ރައްޔިތުނަށްވެސް ހިނގަމުންދާކަންކަން ކުލަވެގެންދިއުން މުހިންމުވެ.

ރިޕޯޓުތަކުގައިވާގޮތުން އެފަދަ އެއްތަނަކީ އައިލް އޮފް ސިސިލީއެވެ. އަދި މިއީ އިނގިރޭވިލާތުގެ ކޯރންވޯލްއިން 20 މިނެޓުން ދެވޭނެ މަންޒިލެއްކަމަށް ބުނެފައިވާއިރު ހަމަ އެތަނުންވެސް ސާފު މޫދަކަށް އެރިލުމާއި ރީތި ދިރުންތަކެއް ބަލާލުމުގެ އިތުރުން ސަޅި ބީޗެއްގައި ހަމަޖެހިލުމަށް ފުރުސަތު އޮތްކަމަށް ބުނެފައިވެއެވެ. މިއަދު ދުނިޔޭ ޓްރެންޑު ބަދަލުވެއްޖެއެވެ. ހަންގަނޑުގެ ކުލައަށް ބެލުން ހުއްޓާލުމަށް ކުރަން ފެށި މަސައްކަތްތަކުގެ ތެރެއިން ބީޗުތައްވެސް ދޮންތޯ ކަޅުތޯ ބެލުން ހުއްޓާލައިފިއެވެ. ވެލި ވަނީ ވެއްޔަށެވެ. ޓިކްޓޮކާއި އެހެނިހެން ޓޮކުތަކުންވެސް މި މަންޒިލުތައް އެބަ ޕްރޮމޯޓުކުރެއެވެ. އައިލް އޮފް ސިސިލީއަށް 7 ދުވަހުގެ ދަތުރެއް ކޮށްލުމަށް 300 ޑޮލަރުވެސް ހަރަދުނުވާކަމަށް ބުނެފައިވެއެވެ.

ޔޫރަޕުގެ ބައެއް ގައުމުތަކުންވެސް ވަނީ ޕްރޮމޯޝަން މަސައްކަތްތައް ވަރުގަދަކޮށްފައެވެ. ޓިކްޓޮކްގައި މަޝްހޫރު ފަތުރުވެރިކަން ޕްރޮމޯޓް ކުރާ މީހެއްކަމަށްވާ ”ސޯލޯ ޓްރެވެލާރ ޓާލިއާ“ ވަނީ މިފަހުން އޭނާ ފޮލޮވަރުންގެ ތެރޭގައި އަލްބޭނިއާ، ރާއްޖެއާއި އެއްފަދަ ތަނެއްގެ ގޮތުގައި ޕްރޮމޯޓްކޮށްފައެވެ. ހަމަ އެތަންވެސް ޕްރޮމޯޓްކުރީ ރީތި ބީޗުތަކާއި ސާފު މޫދުތައް ހުރި ތަނެއްގެ ގޮތުގައެވެ. ފޮޓޯތަކާއި ވީޑިއޯއިން އެކަން ސާފުވެއެވެ.

އަލްބޭނިއާގެ ފަތުރުވެރިކަމަށް ޕްރޮމޯޓްކުރާ ސަރަހައްދު: ފޮޓޯ/ ސޯޝަލްމީޑިއާ

އޭނާވަނީ ފޮލޮވަރުންގެ ގާތުގައި އަލްބޭނިއާއަކީ ޔޫރަޕުގެ ރާއްޖެކަމަށް ބުނެ އެތަނަށް ކުރާ ދަތުރާއިމެދު ހިތްހަމަޖެހޭނެކަމުގެ ޔަގީންކަން ދީ ވީޑިއޯތައް ހިއްސާކޮށްފައެވެ. މިތަނަށް ދާ މީހުންނަށް ބީޗުގެ އިތުރުން ފަރުބަދަތަކާއި ޖަންގަލިތައް ތަޖުރިބާކުރުމަށްވެސް ފުރުސަތު އޮންނާނެކަމަށް ބުނެފައިވެއެވެ. އަދި ހިތް ގައިމު އެކަހެރި އެތައް އެހެން މަންޒިލުތަކެއްވެސް ތަޖުރިބާކުރުމަށް ފަހިވެފައިވާކަމަށް ބުނެފައިވެއެވެ.

އަލްބޭނިއާގެ، ސަމިލް ނުވަތަ އަނގަ ފަސޭހައަކަށް ބައެއް މީހުން ”އެކްސަމިލް“ ގޮތުގައި ކިޔާ މި ސަރަހައްދަކީ ފަތުރުވެރިންގެ މަގުބޫލުކަން ހޯދަމުންދާ ތަނެއްކަމަށް ނޫސްތަކުންވެސް ރިޕޯޓުކުރާއިރު ހަމަ ރާއްޖެއާއި އެއްފަދަ ބީޗަކާއި މޫދެއް އަދި ދިރުންތައްވެސް ހުރިކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް މިތަން ރާއްޖެއަށްވުރެ އަގު ހެޔޮވާނެކަމަށާއި ލަންޑަނުން ސަމިލްއަށް ދިއުމަށް 100 ޑޮލަރުވެސް ހަރަދުނުވާ ކަމަށްވުމުން ރާއްޖެއަށް އައުމަށް ޓިކެޓު ހަރަދުގެ ގޮތުގައި ކުރާ ހޭދައިން ބޮޑު ބައެއް ދަތުރުގެ ތެރޭގައި ބޭނުންކުރުމަށް ސަލާމަތްކުރެވިގެންދާނެކަމަށް ބައެއް ފަރާތްތަކުން ހިއްސާކޮށްފައިވެއެވެ.

ރާއްޖެއަށް އެންމެ ގިނައިން ޑޮލަރު ވައްދާނެ އެއްގައުމަކީ އެމެރިކާކަމަށްވާނެ އިރު އެ ގައުމުގައިވެސް މިއަދު ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ގަދައަޅައި މަސައްކަތް ކުރެވެމުންދެއެވެ.

އެގޮތުން މޭ މަހުން ފެށިގެން އޮކްޓޯބަރުގެ ނިޔަލަށްވެސް ރާއްޖޭގައި މޫސުން އެންމެ ރަނގަޅު ނޫންނަމަވެސް ޑައިވަރުން އަންނަކަމަށްވާއިރު، ރާއްޖެ އާއި އެއްފަދަ އެހެން ތަންތަނަށް ދިއުމުންވެސް ޖީބަށް ބުރަބޮޑުވާކަމަށް ބުނެ ބައެއް ރިޕޯޓުތައްކުގައި އެމެރިކާގެ ފްލޮރިޑާގެ އައު ބައެއް ސަރަހައްދުތައް ފަތުރުވެރިންނަށް ޕްރޮމޯޓްކޮށްފައިވެއެވެ

މި މަސައްކަތްތަކުގައި ފަތުރުވެރިކަމުގެ ދާއިރާއިން ހާއްސަ ވެފައިވާ ސޯޝަލްމީޑިއާ އިންފްލުއެންސަރުންވެސް ޝާމިލުވެއެވެ. ރާއްޖޭގެ ބަދަލުގައި ދެވިދާނެ ތަނެއްގެ ގޮތުގައި އެމެރިކާއިން އެ ގައުމުގެ ފަތުރުވެރިންގެ ތެރޭގައި ޕްރޮމޯޓްކުރަމުންދަނީ ފްލޮރިޑާގެ ސައުތް ވޯލްޓަންއެވެ.

ފްލޮރިޑާގެ ސައުތް ވޯލްޓަން: ފޮޓޯ/ ސޯޝަލްމީޑިއާާ

މިތަންތަންވެސް ޕްރޮމޯޓްކުރަމުންދަނީ ރާއްޖެ ޕްރޮމޯޓްކުރާ ގޮތަށް ރީތި ބީޗަކާއި މޫދެއް އޮތްކަމަށް ބުނެކަމަށްވާއިރު ކުޅިވަރަށް ޝައުގުވެރިވާ ފަތުރުވެރިންނަށް ހާއްސަކޮށްގެން ކައިރީގައި ކުޑަ ރަށެއް ގޮލްފްކުޅޭ ރިސޯޓެއްގެ ގޮތުގައި ބިނާކޮށްފައިވާކަމަށްވުމުން އެތަނަށްވެސް ދެވޭނެކަމަށާއި ސްނޯކްލިންގް ފަދަ ހަރަކާތްތައްވެސް ކުރިއަށް ގެންދެވޭނެކަމަށް ބުނެފައިވެއެވެ. އަދި ފެޝަން ފަދަ ކަންކަމަށް ލޯބިކުރާ މީހުންނަށް ކޮލިޓީ މުދާ ގަނެވޭނެ ހައި އެންޑް ފިހާރަތައްވެސް ހުންނާނެކަން މާކެޓުކޮށްފައިވެއެވެ. މިތަނަކީ ކެއިންބުއިމަށް ލޯބިކުރާ މީހުންގެ ތެރޭގައި އިންތިހާއަށް މަގުބޫލު ރެސްޓޯރެންޓުތައްވެސް ހުރި ތަނެއްކަމަށްވެސް ބުނެފައިވެއެވެ. އެހެންނަމަވެސް ރާއްޖެއާއި އެއްފަދައިން ހަރަދު ބޮޑުވެގެން ނުދާނެކަމަށްވެސް ބައެއް ރިޕޯޓުތަކުގައިވާއިރު ވީޑިއޯތަކުގައިވެސް މި މައުލޫމާތުތައް ދައުރުކުރަމުން އެބަދެއެވެ.

ޗައިނާގެ ވޫޝީޝަައު އައިލެންޑް: ފޮޓޯ/ ސޯޝަލްމީޑިއާ

ހަމަ މިފައިން ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް  އަންނަ ޗައިނާއިންވެސް ދަނީ އެ ގައުމުގެ ބައެއް ރަށްތައް ރާއްޖެއާއި އެއްފަދަކަމަށް ބުނެ ޕްރޮމޯޓްކުރަމުންނެވެ. ޗައިނާގެ ހައިޓޭންގް ބޭގައި އޮންނަ ވޫޝީޝައު ނުވަތަ ވޫޖީޖައު އަައިލެންޑް އަކީ ރާއްޖެ އާއި އެއްފަދަ ތަނެއްގެ ގޮތުގައި ޕްރޮމޯޓްކުރާއިރު، މިއީ މޫދާއި ގުޅުންހުރި ކުޅިވަރުތަކާއި މުނިފޫހިފިލުވުން އަދި ޑައިވިންގް އާއި ހައިއެންޑް ހޮޓެލްތަކުގެ އިތުރުން ބައިނަލްއަގުވާމީ ފެންވަރުގެ ކެއިންބުއިމާއި އެހެނިހެން އަރާމުތަކާއި ފަސޭހަތައް ލިބޭގޮތަށް އެ ގައުމުގައި ބިނާކޮށްފައިވާ ފުރަތަަމަ އައިލެންޑް ރިސޯޓުކަން ފާހަގަކުރެވެއެވެ.

ސައުދީ އަރަބިއްޔާގެ އުމްލަޖް: ފޮޓޯ/ ސޯޝަލްމީޑިއާ

ސައުދީއަރަބިއްޔާއިންވެސް ދަނީ އެ ގައުމުގެ ބައެއް ސަރަހައްދުތައް ރާއްޖެއާއި އެއްފަދަ ކަމަށް ބުނެ ފަތުރުވެރިކަމަށް މާކެޓުކުރަމުންނެވެ. އެ ގައުމުގެ ”އުމްލަޖް“ އަކީ ރާއްޖެއާއި އެއްފަދަ ތަނެއްގެ ގޮތުގައި ބުނެ ވެބްސައިޓުތަކުގައި މައުލޫމާތު ހިއްސާކޮށްފައިވާއިރު ހަމަ ސާފު ބީޗުތައްކާއި ރީތި މޫދެއް އޮތްކަމަށް ބުނެފައިވެއެވެ. އަދި 100 ފަތުރުވެރިކަމަށް ހާއްސަ ރަށަށް ޒިޔާރަތްކުރުމަށްވެސް ޖާގަ އޮންނާނެކަމަށާއި ގިނަ އަދަދެއްގެ ރެސްޓޯރެންޓުތަކާއި ޒިޔާރަތްކުރަން ހިތްގައިމު އެހެން ތަންތަނަށްވެސް ފަތުރުވެރިންނަށް ދެވޭނެކަމަށް ބުނެފައިވެއެވެ.

އެހެންކަމުން މިތަނަށް ދާން އެންމެ ރަނގަޅު އެއް ދުވަސްވަރަކީ ރާއްޖެއަށްވެސް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް މަސްކަމަށްވާ ޖެނުއަރީ މަހުން ފެށިގެން އެޕްރިލް މަހުގެ ނިޔަލަށްވެސް މިތަން އިންތިހާ ހިތްގައިމުކަމަށް ބުނެ ޕްރޮމޯޝަންތައް ހިންގުމަކީ ކަންބޮޑުވުމެއްކަމަށްވާއިރު، ރާއްޖޭގައި މޭ ޖޫން ހިސާބުގައި ރާއްޖޭ މޫސުން ބަދަލުވެ ވިއްސާރައިގެ ސަބަބުން ފަތުރުވެރިންގެ ދަތުރަށް ކުރާ ނޭދެވޭ އަސަރު އުމްލަޖްއަށް ޒިޔާރަތްކުރާ މީހުންނަށް ނުކުރާނެކަމަށް ބުނެފައިވެއެވެ. މިތަނުގައި މުޅި އަހަރުވެސް ޖުމުލަކޮށް މޫސުން އަޮންނާނީ އެއްގޮތަކަށްކަމަށް ބުނެފައިވާއިރު މާ ހޫނެއްވެސް ނުވާނެކަމަށާއި ފިނިވެގެންވެސް ނުދާކަމަށްވުމުން އަހަރުގެ ކޮންމެ ދުވަހެއްގައިވެސް ދާން ރަނގަޅުވާނެކަމަށް ބުނެފައިވެއެވެ.

މި ނޫން އެތައް ގައުމަކުންވެސް ދަނީ ފަތުރުވެރިން އެ ގައުމުތަކުގައި ހިފެހެއްޓުމަށާއި އެހެނިހެން ގައުމުތަކުގެ ފަތުރުވެރިން ގެނައުމަށްވެސް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. މިކަމުން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުތަކެއް ނުކޮށް ނުދާނެއިރު، ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ގައުމެއްކަމަށްވާ އިންޑިއާއިން ރާއްޖޭގެ ފަތުރުވެރިން ބޮއިކޮޓްުކުރުން ފަދަ ކަންކަމުގެ ތެރެއިން އެ ގައުމުންވެސް ފަތުރުވެރިކަން ޕްރޮމޯޓްކުރާކަން ހާމަވިއެވެ.

އިންޑިއާއިން ޕްރޮމޯޓްކުރަމުންދަނީ ރާއްޖޭއާއި ގާތުގައި އޮންނަ ލަކްޝަދީޕުކަމަށްވާއިރު، ތައިލެންޑާއި ސިންގަޕޫރު ފަދަ ގައުމުތަކުގެ އިތުރުން އެފްރިކާ ބައްރުގެ ގައުމުތަކުންވެސް ދަނީ ޕްރޮމޯޓްކުރަމުނެވެ. މާ ބޮޑު ތަފާތެއް ނެތެވެ. ހަމަ ރީތި ބީޗުތަކާއި ސާފު މޫދުތަކެވެ. އެ ގައުމުތަކުންދަނީ އީޖާދީ މަސައްކަތްތަކާއި ވިސްނުންތަކުގެ މަތިން ފަތުރުވެރިންނާއި ހިސާބަށް އެކި އައު ތަޖުރިބާތައް ގެނެސްދެމުންނެވެ. އެހެންނަމެސް ރާއްޖޭގެ ފަތުރުވެރިކަންވަނީ ވޯޓާ ބަންގަލޯ އާއި ރިސޯޓުތަކުގެ ބީޗުތާއި ރެސްޓޯރެންޓުތަކަށް ލިމިޓުވެފައިކަމަށްވުމުން ހީނަރުވެގެންދިއުމުގެ ބިރު ނެތި ނުދާނެކަން ޔަގީނެވެ.

ދިވެހިންގެ ފަތުރުވެރިކަން ހީނަރުވަމުން އައިސްދާނެކަމުގެ އިންޒާރުތަކެއް ބައިނަލްއަގުވާމީ މައިދާނުގައި ހިނގަމުންދާ ކަންކަމަށް ފެނުމުން ލިބިގެންދާއިރު، މިއަދު ދިވެހިރާއްޖޭގެ ޓްރެވަލް މާކެޓުގެ އެންމެ އިސް ސަފުގައި ދިވެހިންނަށްވުރެ ބޭރު މީހުން ގިނަކަމަށްވުމުންވެސް ކަންބޮޑުވެއެވެ. ރާއްޖޭގެ މާހައުލާއި ގުޅޭގޮތުން ދިވެހިންނަށްވުރެ ބޮޑަށް ބޭރު ބަޔަކަށް އެނގުމަކީވެސް މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖެއާއި އެއްފަދަކޮށް ތަންތަން ފަރުމާކޮށް މާކެޓުކުރުމަށް ޖާގަ ލިބިގެންދިއުމުގެ ފަހަތުގައިވާ މައި އެއް ސަބަބެވެ.

ކަނޑުފަޅާއި ވަށައިގެންވާ މާހައުލުތަކުގެ ދިރާސާތަކާއި ރާއްޖޭގައި ކުރިއަށް ގެންދާ އެފަދަ ކަންކަމާއި ގުޅުން ހުރި އީޖާދީ މަސައްކަތްތައް ހިންގުމުގެ އެންމެ އިސް ސަފުގައިވެސް ތިބޭނީ ބޭރު ގައުމުތަކުގެ މީހުންނެވެ. ސޮނޭވާ ފަދަ ތަންތަނުގައި ކުރެވެމުންދާ ބުރަ މަސައްކަތްތަކުގެ ނަތީޖާގެ ބޭނުން ރާއްޖެ ކުރިއެރުވުމުގައި ހިފާއި އެ ފަރާތްތަކުން އަމިއްލަ ގައުމުތައް ކުރިއެރުވުމުގައި ބޭނުން ނުކުރާނެކަމަށް ބެލުމަކީ ހަގީގަތަށް ލޯމަރާލުމެވެ. ޔަގީނުންވެސް ބޭނުންކުރާނެއެވެ.

ބޮޑުވަޒީރު މޯދީ ލަކްޝަދީޕު ޕްރޮމޯޓްކުރައްވަނީ: ފޮޓޯ/ ސޯޝަލްމީޑިއާ

ރާއްޖެއާއި އިންތިހާއަށް ގާތް ސްރީލަންކާއަކީވެސް ޒަމާންވީ ވާދަވެރިއެކެވެ. މިފަހުން އިސްރާއީލު ފަތުރުވެރިން ބޭންކުރުމަށް ގޮވާލައި ކުރި މަސައްކަތްތަކާއި އިންޑިއާ ސިފައިން ބޭލުމަށް ކުރި މަސައްކަތްތަކާއި ގުޅިގެން ރާއްޖެއާއިމެދު ނުރުހުންވި މީހުން އެހެން ތަންތަނަށް ދަތުރުކުރަން ނިންމުމުން އެކަމުގެ އަސަރު ލަންކާގެ އިގްތިސާދަށް ކުރިއެވެ. ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން އެ ގައުމަށް ފައިދާ ލިބިފައިވާކަން ލަންކާގެ ސަރުކާރުން ވަނީ މީޑިއާތަކަށް ކަށަރުކޮށްދީފައެވެ.

ޓްރެވަލް އެކްސްޕާޓުން ކުރާ ބައެއް މަސައްކަތްތަކުންވެސް ރާއްޖޭގެ ފަތުރުވެރިކަމަށް ނޭދެވޭ އަސަރުތައް ކުރެއެވެ. އެގޮތުން އިންތިހާ ކުދި ބަޖެޓުތަކުގައި ރާއްޖެ ފަދަ ލަގްޝަރީ ތަންތަނަށް ގޮސް އުޅެވޭނެ ގޮތްތައް އެ މީހުންދަނީ ދިރާސާކުރުމަށްފަހު ޝާއިއުކުރަމުންނެވެ. މިފަދަ ކަންކަން ޓްރެންޑުވެ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރެއިން އެއްބަޔަކު ޔަގީނުންވެސް ބަޖެޓު ޓުއަރިސްޓުންގެ ކެޓަގަރީއަށް ވެއްޓިއްޖެއެވެ. ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އަހަރަކުން އަހަރަކަށް އިތުރުވަމުންދާނަމަވެސް ހަރަދުކުރާ މިންގަނޑުތައް ދަށްކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ.

،ބަޔޯޑައިވާރިސިޓީ ނުވަތަ ރާއްޖޭގެ ކަނޑުފަޅާއި ވަށައިގެންވާ މާހައުލު އަދި އެތަންތަނުގައި އުޅޭ ދިރޭތަކެތި މެނޭޖުކުރުމާއި ބެލެހެއްޓުމުގެ މަސައްކަތްތައްވެސް މި މުހިންމު ދާއިރާގައި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރަނގަޅަށް ކުރެވިފައިނުވެއެވެ. ނަތީޖާއަކީ މިޔަރަށް ކާންދިނުން ފަދަ މަސައްކަތްތައް އުސޫލެއް ނެތި ފުޅާވެގޮސް ޝިކާރަކޮށްގެން ކައިގެން އުޅުމުގެ ބަދަލުގައި އެތަކެތި ކެއުމަށްޓަކައި އިންސާނުންނަށް ބަރޯސާވާ ހިސާބަށް ކަންކަން ދިއުމެވެ. ބައެއް ރިސޯޓުތަކުގައި ވަށައިގެން އޮންނަ ފަރުގައި މަސް ގިނަކުރުމަށާއި އޮޅުކޮށް ބޭތިއްބެވުމަށްވެސް މިފަދަ ކަންކަން ކުރެއެވެ. މިޔަރު ގިނަކުރަންށާއި އޮޅުކުރުމުގެ ނިޔަތުގައި ވަގަށްނަމަވެސް މިފަދަ އަމަލުތައް ހިންގައެވެ. މިހާރު މިޔަރު ހަމަލާތަތަކުގެ ރިޕޯޓުތައް ކުރާ ރޭޓުވަނީ އިތުރުވެފައެވެ. ކައިރި ކައިރިން މިފަހުންވެސް ގިނަ އަދަދެއްގެ ހަމަލާތަކުގެ ވީޑިއޯތައް އާންމުވެފައިވެއެވެ.

އަލަށް މޫދަށް އެރޭ ގިނަ އަދަދެއްގެ މީހުންނާއި މިފަދަ ތަކެތީގެ ދެކެ ބިރު ގަންނަ އެތައް ބަޔަކުވެސް ރާއްޖެއަށް އާދެއެވެ. އަންނަނީ ރާއްޖޭގައި އެފަދަ ރިޕޯޓުތައް މަދުކަމަށްވުންނެވެ. އަދި އެފަދަ ރިޕޯޓުތައް ކުރެވުނު ނަމަވެސް ފުރާނައަށް ގެއްލުންތައްވުމާއި މަރުވުމުގެ އަދަދުތައް މަދުކަމަށްވުމުން ސޭފް ސަރަހައްދެއްގެ ގޮތުގައި ދެކިގެންކަމަށްވުމުން މިއީވެސް ބަޔަކު ރާއްޖެއަށް އައުމާއިމެދު ހިޔާލު ބަދަލުވުމަށް ދިމާވެދާނެ މައްސަލައެއްކެވެ. މިފަދަ ކަންކަންވެސް މިހާރަށްވުރެ ރަނގަޅަށް ބެލެހެއްޓެންޖެހެއެވެ. މިޔަރު ހަމަލާ ގިނަ ވާނަމަ ގިނަވެފައިވާ ސަބަބު ދެނެގަނެވެންޖެހެއެވެ. އަދި މަދުކުރުމަށް ފިޔަވަޅު އަޅަންޖެހެއެވެ.

ރާއްޖެއަށް އަންނަނީ ހާޑް ޕްރޮޑަކްޓް ނުަވަތަ ރިސޯޓު ބަންގްލޯތަކުގެ ހަތަރު ފާރާއި ފުރާޅުގެ ބޭނުމުގައި އެކަންޏެއް ނޫނެވެ. މިތަނަށް އަންނަނީ ދިވެހިން ފަތުރުވެރިންނަށް ފޯރުކޮށްދޭ ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ހިދުމަތްތެރިކަން ލިބިގަތުމުގެ ބޭނުމުގައެވެ. އެމީހުންނަށް ރާއްޖެއިން ލިބިގެންދާ އިހުތިރާމާއި ރައްކައުތެރިކަމުގެ ޔަގީންވުމުންނެވެ. އެހެންނަމެވެސް މިއަދު އެކަމެއް ދިވެހިންނަށް ކަށަވަރެއް ނުކޮށްދެވޭނެއެވެ.

ރިސޯޓުތަކުގެ އެންމެ މަތިން ފެށިގެން އެންމެ އާދައިގެ ވަޒީފާތަކާއި ޖެހެންދެންވެސް ގިނައީ ބިދޭސީ މުއައްޒަފުންނެވެ. ނަތީޖާއަކީ މިއަދު ރާއްޖެއިންވެސް އެހެން ގައުމުތަކުން ދެމުންދާ ފަދަ ޖެނެރިކް ނުވަތަ އާންމު ސްޓޭންޑާރޑް ހިދުމަތެއް ލިބޭކަމަށް ބައެއް މީހުން ބުނަމުންދިއުމެވެ. ރާއްޖެއަށް އައުން ވަކި ހާއްސަ ނުވުމެވެ. އަދި ދިވެހިން އަތުގައި ދާއިރާގެ މިސްރާބު ބެލެހެއްޓުމުގެ ބާރުވެރިކަން ނެތްކަމަށް ފެނިގެންދާއިރު ދިވެހި މުއައްޒަފުން ތިބޭއިރުވެސް ފަތުރުވެރިކަމުގެ ދާއިރާގައި ހިފަހައްޓަންޖެހޭ ޑިސިޕްލިންއާއި ދާއިރާގެ މުހިންމުކަން ފަހުމުނުވާ ނުވަތަ އެކަންކަން ބަލައިނުގަންނަ ގިނަ އަދަދެއްގެ މީހުން ވަޒީފާތައް ދީފައިވާކަމަށްވުމުންވެސް މައްސަލަ އިތުރަށް ގޯސްވުމަށާް ދިމާވެއެވެ. މިއީވެސް ދިވެހިންގެ ސޮފްޓް ޕްރޮޑަކްޓް ނުވަތަ ދިވެހިން ދެމުންދާ ހިދުމަތްތަކާއިމެދު ސުވާލު އުފެދި އަގުވެއްޓިގެންދާނެ މައްސަލައެކެވެ. އަވަސް ހައްލުތަކެއް މުހިންމެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: