ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކަކާއެކު ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ކަރަންޓާ ފެނާ އަދި ނަރުދަމާ ގެ ޚިދުމަތް ފޯރު ކޮށްދިނުމަށް އޮންނަ ދައުލަތުގެ ކުންފުނި ކަމުގައިވާ ފެނަކައިގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަމުންދޭތޯ ސުވާލުއުފައްދާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ކުއްލި މައްސަލަ ހުށަހެޅުއްވީ ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ދީދީ އެވެ. މައްސަލަ ހުށަހަޅުއްވަމުން މެންބަރު ވިދާޅުވީ އެކި ސަރުކާރުތަކުން އެ ކުންފުނި ހިންގުމަށް އިސްކޮށްފައިވާ ފަރާތްތަކުގެ އިހުމާލުން ކުންފުންޏަަށް ލިބިފައިވާ ގެއްލުންތަކާ ގުޅިގެން އެ ކުންފުނިން އާންމުންނަށް ދޭ ޚިދުމަތްތަކަށް ބުރޫއަރާ. ފޫނުބެއްދޭވަަަަަަަަަަަަަަަަަަަަަރުގެ ގެއްލުން ލިބެމުން ދާ ކަމަށެވެ. އަދި މިކަމަކީ ރައްޔިތުންނާ ގައުމުގެ މަސްލަހަތަށް ސީދާ އަސަރުކުރަމުންދާ ބޮޑު މައްސަލައަކަށް ވާތީ ސަރުކާރުގެ ސަމާލުކަމަށް މިކަން ގެނައުމާއި، ސަރުކާރުން މި ކަމާމެދު އަޅާފައިވާ ފިޔަވަޅުތަކަކީ ނުވަތަ އަޅަން ގަސްތު ކުރާ ފިޔަވަޅުތަކަކީ ކޮބައިކަން ދެނެގަތުމަކީ މުހިއްމު ކަމެއް ކަމަށެވެ.
މެންބަރު ވިދާޅުވީ ފެނަކައިން ވޭތުވެދިޔަ ސަރުކާރުގެ ދުވަސްވަރު އެތައް ބިލިއަން ރުފިޔާއެއް ޚަރަދު ކުރިއިރު ފެނަކައިގެ މަޝްރޫއުތައް ހުއްޓިފައި އޮތުން އެއީ މިހާރު ދިމާވެފައިވާ ނުހަނު ބޮޑު ކުއްލި މައްސަލައެއް ކަމަށެވެ.
އެގޮތުން 4.3 ބިލިއަން ރުފިޔާގެ ދަރަންޏެއް އެ ކުންފުނީގައި އޮތްކަމަށް ކުންފުނީގެ މިހާރުގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު މުއާޒު ފާއިތުވި މާޗު މަހުގެ ހަތަރު ވަނަ ދުވަހު ވިދާޅުވެފައިވާއިރު ހަމައެކަނި ޓްރާންސްޕޯޓްގެ ކަންކަމަށް އަހަރަކު 100 މިލިއަނެއްހާ ރުފިޔާ ކުރީގެ ވެރިކަމުގެ ދައުރުގައި ފެނަކައިން ޚަރަދު ކޮށްފައިވާ ކަން ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ޖަނަރޭޓަރު ސެޓުތައް މަރާމާތު ކުރަން ކަމަށް ބުނެ 100 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވީ ނަމަވެސް ރަށްރަށުގައި ފެނަކައިގެ އޮފީސް އެޅުމުގެ 60 މަޝްރޫއު ހުއްޓިފައިވާ ކަމަށެވެ.
މައްސަލައިގައި ބުނީ އެ މަޝްރޫއުތަކަށް އެކަނިވެސް އެއް ބިލިއަން ރުފިޔާ ނިމިދިޔަ ސަރުކާރުން ޚަރަދު ކޮށްފައިވާ ކަަމަށެވެ. އޭގެ އިތުރުން ކުންފުންޏަށް 120 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު ނަމަވެސް 8000 މުވައްޒަފުންނަށް ކޮންމެ މަހަކު 86 މިލިއަން ރުފިޔާ މުސާރައަށް ހޭދަކުރަންޖެހޭ ގޮތަށް ކުންފުނީގެ ހިންގުން ސިޔާސީ ކޮށްފައިވާ ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ފެނަކައިގެ އޮފީ އެޅުމަށް ކުރިއަށް ގެންދިޔަ 60 މަޝްރޫއުއަކަށް އެއް ބިލިއަން ރުފިޔާ ހޭދަ ކޮށްފައިވީ ނަމަވެސް އެ މަޝްރޫއުތައް ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ. އަދި މިހާރު ނިމިފައިވަނީ މަސައްކަތުގެ 45 އިންސައްތަ ކަމަށާ އެ މަޝްރޫއުތައް އަލުން ކުރިއަށް ގެންދިއުމަށް އިތުރު އެއް ބިލިއަނެއްހާ ރުފިޔާ ބޭނުންވާނެ ކަން މުއާޒް ފާހަގަކުރައްވާފައިވާ ކަން ވެސް އެ މައްސަލައިގައި ވެއެވެ.
މެންބަރު ވިދާޅުވީ ފެނަކައިން ކުރީ ސަރުކާރުގެ އިހުމާލުން 23 މިލިއަން ރުފިޔާއަށް އާންމު މާކެޓުގައި ވިއްކާލެވޭނެ އޮފީސް އިމާރާތެއް 55 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާއިރު އެ މަޝްރޫއުގެ ވެސް 60 އިންސައްތަ ނިމިފައިނުވާ ކަމަށެވެ.
މެންބަރު އިބްރާހިމް ދީދީ ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ ފެނަކައިއިން އިން ހައުސްކޮށް ހިންގި ޕްރޮޖެކްޓުތަކުން ވަރަށް ބޮޑު ޖަރީމާއެއް އެ ކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަހްމަދު ސައީދު ހިންގާފައިވާ ކަމަށް ޚަބަރު ލިބޭކަމަށް ވިދާޅުވެ ތުހުމަތު ކުރައްވާފައެވެ. އަދި އެއީ ރޭވިގެން ހިންގާފައިވާ ވަރަށް ބޮޑު އިހުމާލެއް ކަމަށާ އެއީ ބޮޑު ޚިޔާނާތެއް ކަމަށް ކަމަށް މިހާރު ފެނަކައިގެ ވެރިން ތުހުމަތު ކުރައްވަމުންދާ ކަން ވެސް މައްސަލައިގައި ފާހަގަކޮށްފައިވެއެވެ. އޭގެ އިތުރުން ވެސް ސައީދަށް ތުހުމަތު ކުރެވޭ ތަފާތު އެތައް މައްސަލައެއް މައްސަލައިގައި ހިމަނާފައިވެއެވެ.
އެހެން ކަމުން، އަހްމަދު ސައީދުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަމުންދޭތޯ ސާފު ކުރަން ބޭނުންވާ ކަމަށް މެންބަރު ވިދާޅުވިއެވެ.

