2025 ވަނަ އަހަރުގެ މެދު ތެރޭގައި 4000 ފްލެޓު ނިންމާލެވޭނެކަމަށް ގަބޫލުކުރައްވާކަމަށް ހައުސިންގް މިނިސްޓަރ ޑރ އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެއެވެ.
އެފްޑީސީއިން ކުރިއަށް ގެންދާ ފްލެޓް މަޝްރޫއު ކުރިއަށް ދާ ގޮތް ބެއްލެވުމަށް އެ ސަރަހައްދަށް ވަޑައިގެން މިނިސްޓަރ ޑރ ހައިދަރުވަނީ މަސައްކަތްތަކާއި ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވާފައެވެ. މިނިސްޓަރ ވިދާޅުވީ، ކޮންޓްރެކްޓަރުންގެ ފަރާތުން މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ސަރުކާރަށް ވަރަށް ބޮޑަށް އެއްބާރުލުން ލިބޭކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގެ ދައުރުގައި މި މަސައްކަތްތައް ކުރެވެމުން އައި ވަރަށްވުރެ މި ސަރުކާރުގައި ދުވެލި ހުރީ ވަކިން ހާއްސަ ކޮށް ހަލުވި ސްޕީޑެއްގައިކަމަށާއި މިހާރު ބައެއް އިމާރާތްތަކުގެ ކޮންކްރީޓް މަސައްކަތްތައް ނިންމާލެވިފައިވާއިރު އެއަށްވުރެވެސް ބޮޑަށް ނިންމާލެވިފައިވާ އިމާރާތްތައް ހުރިކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، ކުރިއަށް އޮތް އަހަރުގެ ޖޫން މަހާއި ހިސާބަށް 4000 ފްލެޓުގެ މަސައްކަތްތައް ނިންމާލެވޭނެކަމަށް ގަބޫލުކުރައްވާކަމަށާއި އެ މައުލޫމާތުތައް މިހާރު ހާަމަކުރެއްވީ މިއީ ފްލެޓްތައް ލިބިފައިވާ ރައްޔިތުންގެ އުންމީދުތަކާއި ގުޅިފައިވާކަމަކަށް ވުމުންކަމަށެވެ. އަދި މިހާރު ސަރުކާރުންދަނީ ފްލެޓު ލިސްޓު މުރާޖާކުރަމުންކަމަށާއި އެކަން ކޮށް ނިމުމުން ފްލެޓުތައް ހަވާލުކޮށް ނިންމާނެކަމަށް މައުލޫމާތު ދެއްވިއެވެ.
މިނިސްޓަރ ހައިދަރު ވިދާޅުވީ، އޭސީސީއިންވަނީ ހައުސިންގްއަށް ގިނަ މަސައްކަތްތަކެއް ކުރުމަށް އަންގާފައިކަމަށާއި ހައްގުވެރިންނަށް ފްލެޓު ނުލިބޭ ގޮތަކަށް މަސައްކަތްތައް ނުނިންމާނެކަމަށް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، ވަރަށް ގިނަ މައްސަލަތައް އޭސީސީއިން ފާހަގަކޮށްފައިވާކަމަށާއި މިހާރު ހައުސިންގް އިންވާނީ މި ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި މިނިވަން ކޮމިޓީއެއް އެކުލަވާލައިގެން މުރާޖާ ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ތައްޔާރުވެފައިކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، ވަރަށް އަވަހަށް އެ މަސައްކަތްތައް ނިމޭނެކަމަށާއި އިމާރާތްތައް ނިމެންވާއިރަށް ލިސްޓު އެކުލަވާލާ އެންމެނަށް ފްލެޓުތައް ހަވާލުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެކަމަށް ވިދާޅުވިއެވެ.

