ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން ހާމަކުރުމަށް ގޮވާލާފައި ވަނީ މާލީ ބާޔާން ހާމަކުރަމުންދާ އުސޫލު ރަނގަޅަށް ސާފުނުކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކުރި އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މަގާމާއި ހަވާލުވިފަހުން މަޖިލީހުގެ މިހާރުގެ މެންބަރުންގެ އެސެޓް ޑެކްލެރޭޝަންތައް ހާމަކޮށްފައި ނުވާ ކަަމަށެވެ. އަދި މި މައުލޫމާތުތައް ވޯޓުލާ ފަރާތްތަކަށް އެނގެން ޖެހޭ ކަމަށް އެ ޕޯސްޓްގައި ބުނެފައިވެއެވެ.
އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 68 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވަނީ މަޖިލީހުގެ މެންބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން ހުށަހަޅަންވާނީ, އެ މެންބަރެއްގެ މެންބަރު ކަމުގެ ހުވާކުރާ ތާރީޚުން ފެށިގެން އެއް އަހަރު ދުވަސް ފުރިހަމަ ވުމުން ކަމަށެވެ.
ވުމާއެކު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން ހުށަހަޅުއްވަންޖެހޭނީ އަންނަ އަހަރުގެ މޭ 28 ވަނަ ދުވަހަށް އެއް އަހަރުފުރުމަށްފަހު, އަންނަ އަހަރުގެ އޯގަސްޓް 31 ގެ ކުރިން ކަމަށް ވެސް މަޖިލީހުން ފޮނުވި މެސެޖުގައި ވެއެވެ.
އެހެންކަމުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން ހާމަކުރުމަށް ގޮވާލާ ޕޯސްޓު ކޮށްފައިވަނީ މާލީ ބާޔާން ހާމަކުރަމުންދާ އުސޫލު ރަނގަޅަށް ސާފުނުކޮށް ކަމަށާ 19 ވަނަ މަޖިލީހުގެ މެންބަރުންގެ ފާއިތުވި ހަތަރު އަހަރުގެ މާލީ ބަޔާން ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓުން ފެންނާނެ ކަމަށް ވެސް މަޖިލީހުގެ އިދާރާއިން ބުންޏެވެ.
މަޖިލީހުން ބުނީ އެބޭފުޅުންގެ ފަސް ވަނަ އަހަރުގެ މާލީ ބަޔާން އެ މެންބަރުން ހުށަހަޅުއްވާނީ މި އަންނަ އޯގަސްޓް މަހުގެ 31 ގެ ކުރިން ކަމަށެވެ.

