މިދިޔަ ޖޫން މަހުގެ ތިން ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލިސް ކުރިމަތީ ހުންނަ ޕާކިން ޒޯނުގައި ބަހައްޓާފައި ހުރި ސައިކަލުތަކެއްގައި ރޯކޮށްލިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
އެ މައްސަލައިގައި ޖޫން ފަސް ވަނަ ދުވަހު ހައްޔަރު ކުރި އުމުރުން 36 އަހަރުގެ ދިވެހި ފިރިހެން މީހާގެ ބަންދަށް ފުރަތަމަ ޖެހީ 30 ދުވަހެވެ. އަދި ބަންދުގެ މުއްދަތުހަމަވުމުން އިއްޔެ ކްރިމިނަލް ކޯޓަށް އޭނާ ގެންދިޔުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އެ ކޯޓުން އަމުރު ކޮށްފައިވެއެވެ.
ކޯޓު އަމުރުުގައި ބުނީ ގޮތުން އެ މައްސަލައިގައި ލިބިފައިވާ ހެކިތަކަށް ރިއާޔަތްކޮށް ދައުވާ ކުރުމަށް ތައްޔާރުވަމުންދާތީ އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ދައުލަތުން އެދިފައިވާއިރު އެ ކުށުގެ އަމަލު ހިންގައިފައިވާ ގޮތުން އެކަމަކީ ނުރައްކާތެރި ކަމެއްގެ ގޮތުގައި ގަބޫލުކުރެވޭ ކަމަށެވެ. އަދި އޭނާ ކުރިކަމަށް ތުހުމަތު ކުރާ ކުށުގެ އަމަލު ހިންގާފައިވާ ގޮތުން އެތައް ބައެއްގެ މުދަލަށް އަދި ފުރާނައަށް ގެއްލުންވުމުގެ ފުރުސަތު ވެސް އޮތް ކަމަށް ގަބޫލުކުރެވޭ ކަމަށް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
ކްރިމިނަލް ކޯޓުން ބުނީ އެ މައްސަލައާ ގުޅިގެން އެ މައްސަލައާ ގުޅިގެން ޕްރޮސެކިއުޝަނުން ހުށަހަޅާފައިވާ ލިޔުންތަކާ، ހުށަހަޅާފައިވާ ފުޓެޖަށް ބަލާއިރު އޭނާއާ ދެކޮޅަށް އެކަށީގެންވާ ހެކި ލިބިފައިވާ ކަމަށެވެ. އަދި އޭނާއަކީ ހައްޔަރާ ބަންދުގެ ރެކޯޑު އޮތް މީހެއް ކަމަށާ، އެހެންކަމުން އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރާ ކަމަށެވެ.
އެ ހާދިސާގެ ފަހުން ވެސް ސައިކަލުތަކެއްގައި އަލިފާން ރޯވި މައްސަލައެއް ފެންމަތިވިއެވެ. ނަމަވެސް އެކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ އެއީ ބަޔަކު ގަސްތުގައި ކުރި ކަމެއް ކަމަށް ނުބެލެވޭ ކަމަށެވެ.

