މާލޭ ހޭންޑްބޯލް ކޯޓު ހިޔާކުރުމުގެ އަމަލީ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ފެށޭނަކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ހޭންޑްބޯލް އާއިލާގެ އެންމެ ބޮޑު ކަންބޮޑުވުމަށް ހައްލެއް ހޯދައިދޭނެކަމުގެ ޔަގީންކަން މިނިސްޓަރ ދެއްވީ ގައުމީ 20 އަހަރުން ދަށާއި 18 އަހަރުން ދަށުގެ ފިރިހެން ހޭންޑްބޯޅަ ޓީމަށް ޖާޒީ ހަވާލުކުރުމަށް އޮތް ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ ރާފިޢު ވަނީ ހޭންޑްބޯލް ކޯޓު ހިޔާކުރުމުގެ އަމަލީ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ފެށޭނެކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރ ވިދާޅުވީ ވިއްސާރަ ދުވަސްވަރުގައި ހޭންޑްބޯލް ނުކުޅެވޭ މައްސަލައަށް ހައްލެއް ހޯދުމަށް ހޭންޑްބޯލް އެސޯއިއޭޝަނާއި މިނިސްޓްރީއާއެކު މަސައްކަތްތަކެއްކޮށް, އެތަން ހިޔާކޮށް ލައިޓް ހަރުކުރުމަށް ބޭނުންވާ މައުލޫމާތު މިހާރު އެއް ކުރެވިފައިވާކަމަށެވެ.
ހޭންޑްބޯލް މުބާރާތްތައް ބޭއްްވުމުގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ވިއްސާރަ ދުވަސްތަކުގައި މެޗުތައް ނުކުޅެވުމެވެ. ވާރޭވެހި މެޗުތައް ފަސްކުރަން ޖެހުމުން އެއް މަހަށް ތާވަލްކުރާ މުބާރާތްތައް ދެ މަހަށް ދެމިގެންދެއެވެ. މިކަމުގެ ސަބަބުން އޮފިޝަލުންނާ ކޯޗުން އަދި ކުޅުންތެރިންނަށް ވެސް އުނދަގޫތައް ދިމާވެ މުބާރާތް ބާއްވަންދާ ޚަރަދުވެސް އިތުރުވެ އެވެ.

