ސިޔާސީ މަސައްކަތްތަކުގެ ތެރޭގައި އަނިޔާވެރިކަމަށް އެއްވެސް ޖާގައެއް ނެތްކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ކުރީގެ ރައީސް އަދި މިހާރު އިތުރު ދައުރެއް ހޯއްދެވުމުގެ ގޮތުން ކެމްޕެއިން ކުރައްވަމުން ގެންދަވާ ޑޮނަލްޑް ޓްރަމްޕަށް ސިޔާސީ ހަރަކާތެއްގެ ތެރެއިން ބަޑީގެ ހަމަލާއެއް ދިން މައްސަލައިގައި ރައީސް މުއިއްޒުވަނީ އެމަނިކުފާނުގެ އެކްސް އެކައުންޓު މެދުވެރިކޮށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ރައީސް ވިދާޅުވީ، ސިޔާސީ މަސައްކަތްތަކުގެ ތެރޭގައި އަނިޔާވެރިކަމަށް އެއްވެސް ޖާގައެއް ނޯންނާނެކަމަށެވެ. އަދި ކޮންމެ ތަނެއްގައި ހިންގި ނަމަވެސް އެފަދަ ހުރިހާ އަނިޔާވެރި އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާކަމަށްވެސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނާއި ހެޔޮ ދުއާތައް ޓްރަމްޕާއި މި ހަމަލާގައި އަނިޔާތައް ލިބުނު މީހުންނާއިއެކު ވާކަމަށްވެސް ވިދާޅުވިއެވެ.
ޑޮނަލްޑް ޓްރަމްޕަށް ހަމަލާ ދީފައިވަނީ ސްނައިޕަރ ރައިިފަލެއް ބޭނުންކޮށްގެންނެވެ. އޭނާއަށް ހަމަލާ ދިން މީހާ ސީކްރެޓް ސާވިސް އާއި ސަލާމަތީ ހިދުމަތްތަކުންވަނީ މަރާލާފައެވެ. މި ހަމަލާގައި ވަޒަން އަމާޒުކޮށްފައިވަނީ ޓްރަމްޕު ބޮލަށް ކަމަށްވާއިރު ވަޒަން ޖެހިފައިވަނީ އޭނާގެ ކަނާތު ކަންފަތުގައެވެ. ޓްރަމްޕުވަނީ ހަމަލާއާއިއެކު ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ތެދުވެ އަތް އުފުލާ ނުރުހުން ފާޅުކޮށްފައެވެ.

