ނޭޝަނަލް އާޓް ކަލެކްޝަން ފަތުރުވެރިންނަށް ހުޅުވާލައި، ގެލަރީއަކީ އަބަދުވެސް މީހުންނަށް ވަދެ ނިކުމެ ހެދޭނެ ތަނެއްގެ ގޮތުގައި ވަރަށް އަވަހަށް އިންތިޒާމުކޮށްދެއްވާނެކަމަށް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެއެވެ.
ދިވެހި އާޓިސްޓުންގެ މަސައްކަތްތައް ދައްކާލުމުގެ ގޮތުން ”އަންވެއިލިންގް ވިޝަންސް“ ގެ ނަމުގައި ކުރިއަށް ގެންދިޔަ މައުރަޒުގައި ވާހަކަދައްކަވަމުން މިނިސްޓަރ އަސްވާޑު ވިދާޅުވީ، އެ މައުރަޒަަކީ ވަރަށް ބޮޑަށް ފަންނުވެރިންގެ ލެޔާއި ރޫހާއި ގުޅިފައިވާ ތަނެއްކަމަށެވެ. އަދި އެތަން ކުރިއަރުވައި ދިރުވައި އާލާކުރުމަކީ ސަރުކާރުގެ އިތުރުން އާޓިސްޓުންގެވެސް ޒިންމާއެއްކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، މައުރަޒު ކާމިޔާބު މަސައްކަތްތަކެއް ގޮތުގައި އިންތިޒާމު ކުރުމަށްޓަކައި ރައީސް ޑރ މުހައްމަދު މުއިއްޒުވަނީ އެތައް އިރުޝާދެއް ދެއްވާފައިކަމަށާއި އެމަނިކުފާނު ބޭނުންވެވަޑައިގަތީ މައުރަޒު ދިރިގެންދިއުމަށްކަމަށް ހިއްސާކުރެއްވިއެވެ. އަދި އެގްޒިބިޝަނެއް އެތަނުގައި ނުބާއްވާ ހާލަތެއްގައި އެތަން ހުންނަނީ ތަޅުލާފައިކަމަށްވެސް ވިދާޅުވިއެވެ.
ގިނަ އަދަދެއްގެ ފަތުރުވެރިން އާޓް ގެލަރީ ބެލުމުގެ ގޮތުން ޒިޔާރަތްކުރާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އެހެންނަމަވެސް ތަން ތަޅުލާފައި ހުރުމުން ދެން ދަނީ ރާއްޖޭގެ ނެޝަނަލް ލައިބްރަރީއަށް ކަމަށާއި އެއްވެސް އެގްޒެބިޝަންއެއް ބޭއްވުމަށް ކަނޑައެޅިފައިވޭތޯ ސުވާލުކުރާކަމަށްވެސް މައުލޫމާތު ދެއްވިއެވެ.
އެހެންކަމުން ރައީސް މުއިއްޒުގެ އިރުޝާދާއިއެކު ވަރަށް އަވަހަށް ރާއްޖޭގެ އާޓް ކަލެކްޝަން ވަރަށް އަވަހަށް ފަތުރުވެރިންނަށް ހުޅުވާލާނެކަމަށާއި އޭރުން އެގްޒިބިޝަނެއް ނެތްނަމަވެސް ފަތުރުވެރިންނަށް ގެލަރީއަށް ވަދެ ނުކުމެ ހެދުމުގެ ފުރުސަތު އަބަދުވެސް އޮންނާނެކަމަށް ވިދާޅުވިއެވެ. މިނިސްޓަރ އަސްވާޑު ވިދާޅުވީ، އެކަމުގެ ސަބަބުން ގެލަރީއަކީ ދިރިގެންދާ ތަނެއްގެ ގޮތުގައި ދެމި އޮންނާނެކަމަށެވެ.
އަސްވާޑު ވިދާޅުވީ، މި ވެރިކަމުގެ ދައުރަށް 8 މަސްވެފައިވާއިރު 9 ފުރުސަތެއްގައި އެގްޒެބިޝަންތައް ބާއްވާފައިވާކަމަށެވެ. އަދި އެކި އެގްޒެބިޝަންތައް ކުރިއަށް ގެންދިޔަ މުއްދަތުތަކުގެ ޖުމުލައަށް ބަލާއިރު 99 ދުވަހު މި ދައުރުގައި އެގްޒެބިޝަންތައް ބާއްވާފައިވާކަމަށް ފެނިގެންދާނެކަމަށާއި ރާއްޖޭގައި މި ފަންނަކީ ކުރިއަރުވަން ޖެހޭ ކަމެއްކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، މެނިފެސްޓޯގައިވެސް އެ މަސައްކަތްތައް ކުރިއެރުމުގެ ގޮތުން ކަންކަން ހިމަނާފައިވާކަމަށާއި ރައީސް ޑރ މުއިއްޒުގެ ދުރު ވިސްނުންވެސް ހުރިކަމަށެވެ. އަދި ރައީސްގެ ޒައާމަތު ނިމުމުގެ ކުރިން ރާއްޖޭގައި ބައިނަލްއަގުވާމީ ފެންވަރުގެ އާޓް ސުކޫލެއް ހުޅުވިގެންދާނެކަމަށްވެސް ހިއްސާކުރެއްވިއެވެ. އަދި އެކަން ކުރެއްވުމުގެ ގޮތުން އޮނިގަނޑެއް އެކުލަވާލުމުގެ މަސައްކަތްތައް ކަމާއި ބެހޭ ފަރާތްތަކާއި ގުޅިގެން މިހާރުވެސް ކުރިއަށްދާކަމަށާއި އެކަމުގެ ތެރޭގައި ވަރަށް ގިނަ ފަންނުތަކާއި ގުޅުން ހުރި ކޯސްތައް ކުރިއަށް ގެންދިއުން ހިމެނޭނެއިރު އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައިވެސް ކުރެހުންތެރިންނަށް ހާއްސަ ކަންކަން އިންތިޒާމުވެގެންދާނެކަމުގެ ޔަގީންކަން ދެއްވިއެވެ.
މީގެ އިތުރުން އަސްވާޑު ވިދާޅުވީ، ރައީސް އަދި އެހެނިހެން މައުރަޒުގެ ބައިވެރިން އެތަނުގައި އެއް ގަޑިިއިރަށްވުރެ ގިނަ އިރު ހޭދަކޮށްފައިވާއިރު އެއްވެސް މީހެއްގެ ކިބައިން ވަރުބަލިކަމެއް ނުފެންނަކަމަށެވެ. އަދި އެހާވެސް ފަންނުވެރި މަސައްކަތްތަކެއް އެތަނުގައި ހުރިކަމަށް އަލިއެޅުއްވިއެވެ.

