މި ސަރުކާރުގެ ވަޒީރުންގެ މަޖިލީހުން ކިތަންމެ ގިނަ ނިންމުން ވެސް ނިންމިދާނެކަމަށާއި އުފެދޭ ސުވާލަކީ އެ ހުރިހާ ނިންމުމެއްގެ ތެރެއިން ތަންފީޒު ކުރެވުނީ ކިތައް ކަންތައްތޯ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން މިރޭ ބޭއްވި ޕެނަލް ޑިސްކަޝަންއެއްގައި ޝާހިދު ވިދާޅުވީ ސަރުކާރެއްގެ ރަނގަޅުކަން އަދި ރަނގަޅަށް ހިނގާކަން އަންގައިދެނީ ނިންމުމަކުން ނޫން ކަމަށާ އޭގެ ބަދަލުގައި އެކަންކަން ތަންފީޒު ކުރުމުން ކަމަށެވެ.
މި ސަރުކާރުން ކަން ކުރައްވަމުން ދިޔަ ގޮތަށް ރަމަޟާން މަހުގެ މަހު ދިހަ ދުވަސް ބަންދު ކުރަން ނިންމުމާ ބަންދު ދުވަސްތަކެއްގެ މެދަށް އަންނަ ބަންދު ނޫން ދުވަހެއް ބަންދު ކުރަން ނިންމުންތައް ނިންމިދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އަޅުގަނޑު ހަމަ ހިސާބު ޖަހާލަން އިނގޭތޯ. 17 ޖަލްސާގަ 225 ނިންމުން ނިންމައިފިއްޔާ އެއީ ދެން އެވްރެޖުކޮށް 13.2 ވަރު. އެގޮތަށް ކޮންމެ ޖަލްސާއެއްގަ 13 ނިންމުން ނިންމާއިރު ކޮންމެ އެޖެންޑާ އައިޓަމަކަށް ބައިގަޑިއިރު ކަމަށް ބަލައިފިނަމަ އެއީ ދުވާލެއްގެ މައްޗަށް ހަ ގަޑިއިރު. އެހެންނޫނިއްޔާ ހަމަ އެއްވެސް ވާހަކައެއް ނުދައްކާ ހުށަހަޅުއްވާފަ ހަމަ ފާހަގަ ޖަހާލަން ފާހަގަ ޖާލަން.
ނިންމިކަމަށް ބުނާ 225 ނިންމުން ފެންނަން ނެތްކަން ފާޙަގަކުރައްވާ ޝާހިދު ވިދާޅުވީ ފެންނަން އޮތީ ބައެއް ދުވަސްތައް ބަންދު ކުރަން ނިންމި ނިންމުން އެކަނި ކަމަށެވެ. އޭގެ އިތުރުން އިޒްރޭލް ޕާސްޕޯޓް މައްސަލައިގައި އެގައުމުގެ ޕާސްޕޯޓް ވަގުތުން ބޭން ކޮށްފިހެން ހީވާ މޭރުމަކުން މިފަހުން ސަރުކާރުގެ މިނިސްޓަރުން ވާހަކަދެއްކެވި ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
ދުނިޔޭގެ ހުރިހާ ނޫސްތަކެއްގަ ޖަހާ، އަޅުގަނޑުމެން ވެސް ދުށިން އެ ހުރިހާ ޚަބަރެއް. ކޮބައިތޯ އެކަން. މި ރާއްޖެއަކުން އެކަމެއް ތަންފީޒެއް ނުކުރޭ. ތަންފީޒެއް ނުކުރޭ. ތަންފީޒު ކުރުން ކަމަކީ ދެއްތޯ،
އެހެންކަމުން އެ 225ގެ ތެރެއިން ތަންފީޒުވީ ކޮންކަމެއްތޯ ބަލާލުން މުހިއްމު ކަމަށް އޭނާ ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި 35 ކަމެއް ނިންމެވި ކަމަށެވެ. އަދި އެކަން ކޮށްފައިވާނީ ކެބިނެޓްގެ މަޝްވަރާގެ މަތިން ކަމަށް ވެސް ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ހަ ގަޑިއިރު ކެބިނެޓުގައި ތިއްބަވާނަމަ އޭގެ މާނަޔަކީ މިދިޔަ އަށް މަސް ދުވަހުގެ ތެރެއިން ކޮންމެ 17 ދުވަހަކު ކޮންމެ ހަފްތާއަކު ކަހަލަ ގޮތަކަށް ރައީސް އޮފީހުގަ ހުރިހާ ވަޒީރުން ބަންދުވެފައި ތިބޭނެ ކަމަށެވެ. އެހެން ކަމަށް ވާނަމަ ސަރުކާރު ހިންގަން ލިބޭނީ ފަސް ދުވަހުގެ ބަދަލުގައި ހަތަރު ދުވަސް ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
ހުރިހާ އޮފީހެއްގެ ހުރިހާ މީހުން މި ތިބެނީ ވަޒީރުން ނިންމުމައިގެން ވަޑައިގަންނަވަން ދެން. ނިންމަވާ ކަމެއް ތަންފީޒު ކުރުން ހަރާމް. އެއް ކަން ވެސް ނުހިނގާ. ބައްލަވާ ރާއްޖޭގެ އެކިއެކި ރަށްތައް. އެއްވެސް ކަމެއް ހިނގާތޯ. ހުރިހާ ކަމެއް ހުއްޓިފައޭ އޮތީ.
ޝާހިދު ވިދާޅުވީ 530 ނިންމުން ވެސް ނިންމިދާނެ ކަމަށެވެ. ނަމަވެސް މުހިއްމީ ކަންކަން ތަންފީޒު ކުރުން ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.
ރާއްޖޭގެ 56 ވަނަ މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ ވޭތުވެދިޔަ އަށް މަސްދުވަހުގެ ތެރޭގައި ވަޒީރުންގެ މަޖިލީހުގެ 17 ބައްދަލުވުން ބާއްވައި 225 ނިންމުމެއް ނިންމާފައިވާކަމަށެވެ. ރައީސް ވިދާޅުވީ އެ 225 ނިންމުމަކީ ވަރަށް ގިނަ މަޝްވަރާތައް ކަމަށާއި އެއީ ގައުމުގެ މިނިވަން ޔަގީން ކުރުމަށްޓަކައި ކުރައްވާފައިވާ ކަންކަން ކަމަށެވެ.

