ދިވެހިރާއްޖެ ދައުލަތެއްގެ ސިފައިން ނެއްޓި ހިނގަމުންދަނީ އެކޮޅުކޮޅުންކަމަށް އާރްޑީސީގެ ކުރީގެ އެމްޑީ މޫސާ އަލީ މަނިކު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ހަރުގޭގައި ކުރިއަށް ގެންދިޔަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން އާރްޑީސީގެ ކުރީގެ އެމްޑީ މޫސާ ވިދާޅުވީ، ވެރިކަން ހޯދުމަށްޓަކައި ރައީސް ޑރ މުއިއްޒު ދެއްކެވި ވާހަކަތަކުގެ ބަދަލުގައި ބޮޑެތި މަންފާތަކެއް ހާސިލުވެގެންދާނެކަމަށް ރައްޔިތުން ދެކުނުކަމަށެވެ. އެހެންނަމަވެސް 9 މަސް ވެގެންދިޔަ އިރު ގެނެވިފައިވާ ބަދަލާއިމެދު ރައްޔިތުން ތިބީ ހިތްހަމަ ނުޖެހިފައިކަމަށާއި މި ސަރުކާރުގެ ކިބައިން ރަނގަޅު އެއްކަމެއްވެސް ފެނިގެން ނުދާކަމަށް ވިދާޅުވިއެވެ،
މޫސާ ވިދާޅުވީ، އެންމެ ފުރަތަމަ މީހުން އައްޔަނުކުރި ހިސާބުން ފެށިގެން ބަލާލާއިރު ފެނިގެންދަނީ ވަޒީރުން އަދި ވަޒީރުންނާއި ވައްތަރު ވަޒީރުންގެ އިތުރުން މެޑަމް އަދި މެޑަމް އާއި އެއްކަލަ މީހުންކަމަށްވެސް ވިދާޅުވެފައިވެއެވެ.
އޭނާ ވިދާޅުވީ މެޑަމް ފެންވަރުގެ މީހުންނާއި މެޑަމް ދޭ ހިދުމަތް ދޭނެ މީހުން ކަހަލަ ބައިވަރު މަގާމުތަކަށް މީހުން އައްޔަނުކޮށް ނިންމާފައިވާކަމަށާއި އެ މަގާމުތަކުގެ އަދަދު ރައީސްއަށްވެސް އެނގިވަޑައިނުގަންނަވާކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރަށެއްގައި ޕިކަޕް ދުއްވުމުގެ މަސައްކަތް ކުރަމުން އައި މީހަކަށް މި ސަރުކާރުންވަނީ ސްޓޭޓް މިނިސްޓަރުކަން ދީފައިކަން އޭނާގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި އައްޔަނުކުރެވެނީ ކިހާ ވަރެއްގެ ބައެއްކަން ނޭނގޭއިރު ދައުލަތުގެ ހަރަދު ކުޑަކުރަން ބުނާއިރު ގޭގައި ބައިތިއްބައިގެން މުސާރަ ދެމުންދާ މީހުންވެސް ތިބިކަމަށް ހިއްސާކުރެއްވިއެވެ.
އޭނާ ވިދާޅުވީ، އެ ފައިސާ ހަލާލުކުރުމަށްޓަކައި ކޮންމެ ދުވަހަކު ރައީސްއަށް ސަނާ ކިޔާ ހެދުންކަމަށެވެ. އަދި ކަންކަން ސިއްރުކުރުމުގެ މައްސަލަވެސް އޮތްކަމަށެވެ، އަދި ރައީސް އެންމެ ފަހުން ނޫސްވެރިންނާ ބައްދަލުކުރެއްވި ދުވަހެއްވެސް އެނގެން ނެތްކަމަށް ސިފަކުރެއްވިއެވެ.

