ބޭރުގެ އިންވެސްޓްމެންޓްތަކަށް ހާއްސަކޮށް، އެފަދަ އިންވެސްޓްމެންޓްތަކަށް ފަހި ކުރުމަށާއި، ރައްކާތެރިކުރުމަށް ރާއްޖޭގައި ވަރަށް ގިނަ ކަންކަން ފައްޓަވާފައިވާކަމަށާއި، ރާއްޖެއަށް ބޭރުގެ އިންވެސްޓްމެންޓްތައް ވަރަށް މުހިންމުކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ޕްރިންސްޓަން ޔުނިވަސިޓީގައި ތަގްރީރު ކުރައްވަމުންނެވެ. ރައީސް ވަނީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު އަޑު އުފުއްލެވި އެއް ކަމަކީ މޫސުމީ ބަދަލުތަކާ ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމުގެ މުހިންމު ކަމުގެ މައްޗަށްކަމަށް ފާހަގަކުރައްވާފައެވެ. އަދި ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) އަށް އަތްފޯރާ ރޭޓެއްގައި އެހީ ހޯދުމަށް ކަންކަން ފަހިކޮށްދެއްވުމަށް ބައިނަލްއަގުވާމީ މާލީ އޮނިގަނޑު ރިފޯމްކުރުމަށްވެސް ވަކާލާތު ކޮށްފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖެއަށް ލިބޭ އާމްދަނީގެ ދޮރުތައް ފުޅާ ކުރުމަށް ކުރިއަށް އޮތް ތާގައި މަސައްކަތް ކުރައްވާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިކަމުގެ މަގްސަދަކީ ރާއްޖޭގެ އިގްތިސާދު ޑައިވާސިފައި ނުވަތަ ސިންދިފާތު ކުރުންކަމަށެވެ. މިި މަސައްކަތްތަކުގެ ތެރޭގައި ފޮރިން އިންވެސްޓްމަންޓުތަކަށް ޝައުގުވެރިވާނެ ކަންކަން ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ.
މި މަގުން ސަރުކާރަށާއި، މަޖިލީހުން ކޮށްފައިވާ މަސައްކަތްތަކާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ފޮރިން އިންވެސްޓްމަންޓާ ގުޅޭ ބިލެއް ފާސްކޮށަފައިވާނެކަމަށާއި، ޑިޖިޓަލް ޓްރާންސްފޯމޭޝަން ޕްރޮގްރާމާއި އާޓިފިޝަލް އިންޓަލިޖެންސް ބޭނުން ކުރަންވެސް ފަށާފައިވާނެކަމަށެވެ. އަދި މެދުފަންތީގެ ވިޔަފާރީތަކަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމުގެ ގޮތުން ލުއި ލޯނުތައް ސަރުކާރުން ދެމުން އަންނަކަން ފާހަގަކޮށް، ރައީސް ވަނީ މި ލޯނުތައް ޒުވާނުންނާއި އަންހެނުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ލޯނުތަކަކަށް ހައްދަވަން ބޭނުންފުޅުވާކަމަށް ވިދާޅުވެފައެވެ. ސަރުކާރުން ދެން އަމާޒު ހިފާފައިވަނީ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާ ކުރުމަށްކަމަށް ވިދާޅުވިއެވެ.
އެގޮތުން އެމެރިކާއަކީ ރާއްޖޭގެ އެންމެ ބޮޑު ހަ ވަނަ މާކެޓުކަން ފާހަގަކުރައްވާ، ރައީސް ވަނީ މި އަހަރުގެ ތެރޭގައި ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމަކީ ސަރުކާރުގެ އަމާޒުކަންވެސް ހިއްސާ ކުރައްވާފައެވެ. ފަތުރުވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ތެރެއިން ރާއްޖޭގެ މައި ދޮރާށި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބޮޑު ކުރުމަށް ކުރަމުންދާ މަސައްކަތްތައް ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މޫސުމީ ބަދަލުތަކާއި ގުޅޭ ގޮތުން އެމަނިކުފާނު ވަނީ ވާހަކަދައްކަވާފައެވެ. އަދި ރައީސް ވިދާޅުވީ ވަނަ އަހަރު އަންނަންވާ އިރަށް، ރާއްޖޭގައި ބޭނުން ކުރާ ކަރަންޓުގެ %33 އަކީ އިއާދަކުރުވަނިވި ހަކަތައަށް ބަދަލު ކުރަން ބޭނުންވާކަމަށެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި އާބަން ސެންޓަރުތަކެއް ގާއިމުކުރައްވާނެކަން ފާހަގަކުރެއްވިއެވެ.

