ހުޅުމާލެ ފަޅުތެރެއިން ހިއްކަން ފަށާފައިވާ ބިން މިއަހަރު ޖުލައި މަހުގެ ކުރިން ހިއްކާ ނިންމިގެންދާނެކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ބޯހިޔާވަހިކަމުގެ މައްސަލަ އެންމެ ބޮޑީ މާލޭގައި ކަމަށެވެ. އެގޮތުން މާލެއަކީ މުޅި ދުނިޔޭގައިވެސް އެންމެ ބައިބޯ ވެރިކަންކުރާ އެއް ސިޓީކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ވޭތުވެދިޔަ މާޒީގައި މި މައްސަލަ އެކަށީގެންވާ ވަރާ ގާތަށްވެސް ހައްލުކުރުމަށް ސަމާލުކަންދީފައި ނުވާކަމަށެވެ.
ބޯހިޔާވަހިކަމުގެ މައްސަލަ އެންމެ ބޮޑީ މާލޭގައި. މާލެއަކީ މުޅި ދުނިޔޭގައިވެސް އެންމެ ބައިބޯ ވެރިކަންކުރާ އެއް ސިޓީ. ވޭތުވެދިޔަ މާޒީގައި މި މައްސަލަ އެކަށީގެންވާ ވަރާ ގާތަށްވެސް ހައްލުކުރުމަށް ސަމާލުކަންދީފައި ނުވާކަމީ ފެންނަންއޮތް ހަޤީގަތެއް. ވުމާއެކު މި މައްސަލައަށް ފުރިހަމަ ދާއިމީ ޙައްލެއް ގެނައުމަކީ، އިޖްތިމާޢީ ރޮނގުން އަޅުގަނޑުގެ އެންމެ ބޮޑު އެންމެ މުހިންމު ޒިންމާ އަދި ވާޖިބުކަމުގައި ދެކެން.
އެހެންކަމުން، މި ސަރުކާރުން މާލެ، ވިލިމާލެ، ހުޅުމާލެ، ގުޅިފަޅު، ގިރާވަރުފަޅު، އުތުރުތިލަފަޅު އަދި ފުށިދިއްގަރުފަޅުން މާލެ ރައްޔިތުންނަށާއި، މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވީ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރިއަށްގެންދަން ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި މި މަސައްކަތްތައް ފުރިހަމަވެގެންދާއިރު މާލެ ސަރަހައްދުގައި ދިރުއުޅޭ ބޯހިޔާވަހިކަމެއް ނެތް ރައްޔިތުންނަށް ދާއިމީ ބޯހިޔާވަހިކަން ލިބިގެންދާނެއެވެ. އެ ކަންކަމުގެ މައްޗަށްވެސް ރައީސް ވަނީ ވަކިވަކިން އަލިއަޅުވާލައްވާފައެވެ.
މިގޮތުން ބަލާއިރު، މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލު ކުރުމަށް ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ދިމާވި ތަފާތު ދަތިތަކާއެކު ވެސް ސަރުކާރުގެ އަމާޒަކީ، މިއަހަރު ބިން ހިއްކުން ނިންމައި 2026 ވަނަ އަހަރުގައި އަސާސީ ޚިދުމަތްތައް ޤާއިމްކުރުމާއި މަގު ހެދުމާއި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފެށުންކަން ރައީސް ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން، ގުޅިފަޅަކީ މާލޭގެ އެތައް ރައްޔިތުންނެއްގެ އުއްމީދާ ގުޅިފައިވާ ތަނެއްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، އެތަނުގައި އިތުރު 85 ހެކްޓަރު ހިއްކުމަށް ފައިސާއާއި ކޮންޓްރެކްޓަރަކު ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި އެ ތަނުގައި އަސާސީ ޚިދުމަތްތައް ޤާއިމުކުރުމާއި މަގު ހެދުމަށް މިހާރު ކޮންޓްރެކްޓަރަކާ ޙަވާލު ކުރެވިފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ހަމައެގޮތަށް ގިރާވަރު ބިން ހިއްކުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ހުޅުމާލެ ފަޅުތެރެއިން ހިއްކަން ފަށާފައިވާ ބިން މިއަހަރު ޖުލައި މަހުގެ ކުރިން ހިއްކާ ނިންމިގެންދާނެކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ގުޅީފަޅާ، ގިރާވަރުފަޅާ، ހުޅުމާލެ ފަޅުތެރެއިން ހިއްކާބިމުން ގޯތިލިބިފައިވާ ފަރާތްތަކަށް އެގޯތީގެ ރެޖިސްޓްރީ ބިން ހިއްކާ ނިމެމުންދާހާ އަވަހަކަށް ހަވާލުކޮށް ނިންމަވާނެ ކަމަށެވެ.
ހަމައެއާއެކު އިންޑިއާގެ ކޮންސެޝަނަލް ފައިނޭންސްގެ އެހީހައި ގުޅީފަޅުގައި 4000 ސޯޝަލް ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫޢެއް މިއަހަރު ފެށުމަށް މަސައްކަތްތައް ކުރެވެމުންދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ބޯހިޔާވަހިކަމަށް އިތުރު ޖާގަ ފަހިކުރުމަށްޓަކައި އުތުރު ތިލަފަޅުން 150 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިއަހަރު ފެށިގެން ދާނެކަމަށެވެ. ހަމަ އެއާއެކު އުތުރުތިލަފަޅާއި، ގިރާވަރު އަދި ތިލަފުށި ގުޅުވައިދޭ ބްރިޖުގެ ޢަމަލީ މަސައްކަތް މިއަންނަ އަހަރު ފެށުމަށް ފައިނޭންސް ހަމަޖެއްސުމަށާއި، އެހެނިހެން ފަންނީ، އިދާރީ މަސައްކަތް މިހާރު ކުރެވެމުންދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އަދި މާލެއާއި، ވިލިމާލެ އަދި ހުޅުމާލޭގައިވެސް މިއަހަރު ސޯޝަލް ހައުސިންގެ އާ މަޝްރޫޢުތައް ފެށިގެންދާނެ.ކަމަށް ރައީސް ވިދާޅުވިއެވެ.

