ކުރީ ސަރުކާރުން ރައްޔިތުންނަށް ދޫކުރި 4،000 ފްލެޓުގެ މައްސަލައިގައި ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު، މިހިނގާ ފެބްރުއަރީ މަސް ނިމުމުގެ ކުރިން ފްލެޓު ލިސްޓު އިއުލާނު ކުރައްވާނެކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ ބަޔާން އިއްވަވަމުން ފްލެޓުތަކުގެ މައްސަލައަށް ރައީސް ވަނީ އަލިއަޅުވާލައްވާފައެވެ. އެގޮތުން ފްލެޓު ލިސްޓާއި މެދު އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންގަވާފައިވާ އެންގުންތަކާއެކު އެ ލިސްޓުގެ ޞައްޙަކަން ބެލުން އޮތީ މި ސަރުކާރުން ހައްލުކުރަން ޖެހިފައި އޮތް ވަރަށް ހައްސާސީ މައްސަލައެއްގެ ގޮތުގައިކަން ރައީސް ފާހަގަ ކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ލިސްޓުގެ ޞައްޙަކަން ބެލުމަށް ކުރެވެމުންދާ މަސައްކަތް ނިމި މި ފެބްރުއަރީ މަސް ނިމުމުގެ ކުރިން ލިސްޓު އިޢުލާނު ކުރެވޭނެ ކަމަށެވެ. އަދި ފްލެޓްތައް ނިމެމުންދާ ނިސްބަތުން ފްލެޓް ލިބޭ ފަރާތްތަކާ ފްލެޓް ޙަވާލު ކުރަމުން ގޮސް މި އަހަރުގެ ސެޕްޓެންބަރު މަސް ނިމުމުގެ ކުރިން ހުރިހާ ފްލެޓެއް އޭގެ ޙައްޤުވެރި ފަރާތްތަކާ ޙަވާލުކޮށް ނިންމާލެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މާތްالله ގެ އިރާދަފުޅާއެކު ލިސްޓުގެ ޞައްޙަކަން ބެލުމަށް ކުރެވެމުންދާ މަސައްކަތް ނިމި މި ފެބްރުއަރީ މަސް ނިމުމުގެ ކުރިން ލިސްޓު އިޢުލާނު ކުރެވޭނެ. އަދި ފްލެޓްތައް ނިމެމުންދާ ނިސްބަތުން ފްލެޓް ލިބޭ ފަރާތްތަކާ ފްލެޓް ޙަވާލު ކުރަމުން ގޮސް މި އަހަރުގެ ސެޕްޓެންބަރު މަސް ނިމުމުގެ ކުރިން ހުރިހާ ފްލެޓެއް އޭގެ ޙައްޤުވެރި ފަރާތްތަކާ ޙަވާލުކޮށް ނިންމާލެވޭނެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރި ގޯއްޗާއި ފްލެޓުތަކުގައި ބޮޑެތި އޮޅުވާލުންތައް ހިމެނޭކަމަށް ތުހުމަތު ކުރެވެއެވެ. އަދި ރިޔާސީ އިންތިހާބަށް ފަހު އާންމު ކުރި އެ ލިސްޓާއި އެކު ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިނގާފައިވާ ގިނަ މައްސަލަތަކެއް ފެންމަތިވެގެން އައެވެ. އެގޮތުން މާލޭގައި އުޅޭތާ 15 އަހަރުވިކަމަށް ދެއްކުމަށް ދޮގު ލިޔެކިއުންތަކެއް ކައުންސިލްތައް މެދުވެރިކޮށް އުފެއްދިކަމުގެ ވާހަކަތައް ދެކެވުނެވެ.
މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ތަހުގީގު ކުރަމުންދާއިރު، މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މައްޗަށް ދައުވާކޮށްދިނުމާއި މެދު ގޮތެއް ނިންމުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި އެކު ރަސްމީކޮށް ކޮމިޝަނުން ވަނީ ޑިއުޓީ ޕްރޮސެކިއުޝަން ފަށާފައެވެ.
މައްސަލައިގެ ތެރެއަށް އޭސީސީ ވަދެ ހިންގި ތަހުގީގަށް ފަހު ބުނެފައި ވަނީ ލިސްޓުގައި ނަން ހިމެނޭ ގިނަ މީހުންނަކީ އޮންނަ އުސޫލުން ފްލެޓު ލިބުނު މީހުން ނޫން ކަމަށެވެ. މި މައްސަލައިގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނުން ބުނެފައިވަނީ ފުލެޓަށް އެދި ހުށައަޅާފައިވާ ފޯމުގައި ޝަރުތުހަމަ ނުވާ އެތައް ބައިތަކަކަށް ޕޮއިންޓު ދީފައިވާކަމަށާއި ޕޮއިންޓު ދީފައި ވަނީ ކޮން އަސާސްތަކެއްގެ މައްޗަށްކަން ސާފުނުވާކަމަށެވެ.
ކުރީގެ ސަރުކާރުން ފުލެޓު ދޭން ނިންމާފައިވާ މީހުންގެ ތެރެއިން 60 އިންސައްތަ މީހުންގެ ޝަރުތު ހަމަނުވާކަމަށް އޭސީސީން ބުނެފައިވެއެވެ.
މި މައްސަލައިގައި ރައީސް މުއިއްޒު މީގެ ކުރިން ވެސް ތަކުރާރުކޮށް ވިދާޅުވެފައި ވަނީ، އެމަނިކުފާނު ރައްޔިތުންނަށް ދޭން އޮތް ޔަގީންކަމަކީ ހައްގުން ލިބިފައި އޮތް ފްލެޓެއް ވެސް އެއްވެސް މީހަކަށް ނުގެއްލޭކަމަށެވެ. މިކަމުގައި ވަގުތު ނަގާތީ ކުރާ ސުވާލުތަކަށް ވެސް ރައީސް ދެއްވާ ޖަވާބަކީ އެއީކަމަށެވެ.
ރައީސް މުއިއްޒު އެންމެ ފަހުން ހުވަދު އަތޮޅުތެރެއަށް ކުރެއްވި ދަތުރުފުޅުގައި މީޑިއާތަކާއި ވާހަކަ ދައްކަވަމުން ވިދާޅުވީ މިދިޔަ އަހަރެއްގެ ތެރޭގައި މަސައްކަތް ކުރެވުނީ ބޯހިޔާވަހިކަމާއި ގުޅުން ހުރި މައްސަލަތައް ހައްލުކޮށް ފްލެޓު ލިސްޓު ރިވިއު ކުރުމަށް ކަމަށެވެ. އަދި ނުގަވައިދުން އުސޫލުން ބޭރުން ލިބިފައިވާ ފްލެޓެއް ނުވަތަ ގޯއްޗެއް ނޫނީ ގެއްލުމުގެ ފުރުސަތެއް ނެތްކަމަށް ރައީސް ވިދާޅުވިއެވެ.
އަދި މަސައްކަތް ކުރެވުނީ އެމަނިކުފާނު ވައުދުވި ގޮތަށް އެއްވެސް ރައްޔިތަކަށް ލިބިފައިވާ ފްލެޓެއް ގޯއްޗެއް ފްލެޓެއް އަތުނުލުންކަމަށް ވިދާޅުވި އެވެ.ރައީސް ވިދާޅުވީ ވީހާވެސް އަވަހަށް ފްލެޓުތައް ވީހާވެސް އަވަހަށް އިއުލާނު ކުރުންކަމަށެވެ.
މީގެ ކުރިން ވެސް އެތައް މައްސަލައެއް ފެންމަތިވެގެން އައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެއްވެސް ފޯމެއް ހުށަހަނާޅައި ވެސް ފްލެޓުތައް ދޫކޮށްފައިވާކަމަށް ރައީސް މީގެ ދުވަސްތަކެއް ކުރިން ވިދާޅުވި އެވެ. އެ މީހުންނަށް ފްލެޓުތައް ދޫކޮށްފައި ވަނީ ރައީސް ވިދާޅުވި ގޮތުގައި ސިޔާސީ ގޮތުން ނުފޫޒު ގަދަ އާއިލާއަކަށް ވީތީ ނުވަތަ ސިޔާސީ ގޮތުން މަންފާ ނެގޭ ފަދަ މަގާމެއްގައި ހުރުމުގެ ސަބަބުންނެވެ.

