އދ.ގެ މެންބަރު ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ މި ވޭތުކުރި 60 އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް، އދ.ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލް (އިކޯސޮކް) ގެ ގޮނޑިއަކަށް ދިވެހިރާއްޖެ އިންތިޚާބުވުމަކީ، ތާރީޚީ ކާމިޔާބީއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އ.ދ. ގެ އިގްތިސާދީ އަދި އިޖުތިމާއީ މަޖިލިސް (އިކޮސޮކް) ގެ 2027 އިން 2029 ވަނަ ދައުރުގެ މެމްބަރުކަމަށް ދިވެހިރާއްޖެ އިންތިޚާބުވުމާއި ގުޅިގެން އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
މި ތާރީޚީ ކާމިޔާބީ ރަމްޒުކޮށްދެނީ، ބައިނަލްއަޤުވާމީ މަސައްކަތްތައް ކުރުމަށް، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހިރާއްޖެއާމެދު އޮންނަ ޔަޤީންކަމާއި، އެ މުޖުތަމަޢު ދިވެހިރާއްޖެއަށް ކުރާ އިތުބާރު ކަމުގައި އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވިއެވެ.
ތަރައްޤީވަމުން އަންނަ ކުޑަ ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން، މޫސުމީ ބަދަލުތަކާއި، އިޤްތިޞާދީ ވިލުންތެރިކަމާއި، ދެމެހެއްޓެވި ތަރައްޤީ ޤާއިމުކުރުން ފަދަ، ނާޒުކު ޙާލަތްތަކަށް ހުށަހެޅިފައިވާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތަކުގެ ހައްސާސްކަން، ދިވެހިރާއްޖެއަށް ސީދާގޮތެއްގައި ފަހުމުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އިކޮސޮކް ވެގެންދާނީ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކާއި، ތަރައްޤީވަމުން އަންނަ އެހެނިހެން ޤައުމުތަކުގެ މަސްލަހަތުތައް އިސްކޮށް، އެ ޤައުމުތަކުގެ އުންމީދުތަކުގެ އަޑުއުފުލަން ލިބޭ މަންސައަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ބައިނަލްއަޤްވާމީ ފެންވަރުގައި އެއްބާރުލުންދިނުން އިތުރުކޮށް، ދެމެހެއްޓެނިވި ތަރައްޤީއަށް ވާސިލުވާން ކުރާ މަސައްކަތްތަކުގެ ދުވެލި އަވަސްކޮށް، މިހާރަށް ވުރެ އިންސާފުވެރި އަދި ވިލުންތެރި ބައިނަލްއަޤުވާމީ ނިޒާމެއް ޤާއިމުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި، ރާއްޖެއިން، ބައިނަލްއަޤުވާމީ ބައިވެރިންނާއެކު ގާތުން މަސައްކަތްކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.

