ރާއްޖޭގެ ރަށެއްގައި ކުޑަކުއްޖަކު ކައިވެނިން ބޭރުން ވިހެއި ދަރިފުޅު މަރާލި މައްސަލައިގައި އެ ކުއްޖާގެ މާމަ އާއި އިތުރު ދެ މީހަކު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މުޖުތަމައުގެ އަހުލާގީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން ކްރިމިނަލް ކޯޓުން ސިއްރުކޮށްގެން ކުރިއަށްގެންދިޔަ މި މައްސަލައިގައި ދައުލަތުން ދައުވާކުރީ، އދ. މާމިގިލި، އާއިޝަތު ޝާއިރާ، ތ. މަޑިފުށި، މުހައްމަދު އިމްތިޔާޒް އަދި ހއ. ފިއްލަދޫ މޫސާ އަހުސަމްގެ މައްޗަށެވެ.
މި ތިން މީހުންގެ ތެރެއިން، ކުއްޖާގެ ބައްޕަ ކަމަށް ބުނާ މޫސާ އަހްސަމްގެ މައްޗަށް އެނގިހުރެ މީހަކު މެރުގެ ދައުވާ ކުރިއިރު، ކުއްޖާގެ މާމަ ޝާއިރާ އަދި އިމްތިޔާޒުގެ މައްޗަށް އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވެެއެވެ. އޭގެ އިތުރުން، ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގާކަން އެނގި އެކަން ރިޕޯޓުނުކުރުމުގެ ދައުވާ ވެސް ޝާއިރާގެ މައްޗަށް އުފުލާފައިވެއެވެ.
އެ ތިން މީހުންގެ އިއުތިރާފުން ކުށް ސާބިތުވެފައިވާއިރު، ކްރިމިނަލް ކޯޓުން ވަނީ އެ މީހުންގެ މައްޗަށް ކަނޑައެޅި އަދަބު އާންމުކޮށްފައެވެ. އެގޮތުން، އެ ތިން މީހުން ވެސް ވަނީ ދައުލަތާއެކު އިއުތިރާފު އެއްބަސްވުން ހަދައިފައެވެ.
އެ ތިން މީހުންގެ ތެރެއިން މޫސާ އަހުސަމް ފަސް އަހަރުގެ މުއްދަކަށް ޖަލަށްލުމަށް ހުކުމްކޮށްފައިވެއެވެ. ނަމަވެސް، އޭނާ މި މައްސަލައާ ގުޅިގެން ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން ތަންފީޒުކުރަން ޖެހޭނީ ތިން އަހަރާއި ހަތް މަހެވެ. އޭގެ އިތުރުން، އޭނާ ކައްފާރާގެ ގޮތުގައި 60 ދުވަހު ރޯދަ ހިފުމަށް އަންގާފައިވެއެވެ.
އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވިކަމުގެ ކުށުގައި ޝާއިރާ އާއި އިމްތިޔާޒުގެ މައްޗަށް އިއްވީ ދެ އަހަރާއި ހަ މަހުގެ ޖަލު ހުކުމެކެވެ. އަދި އެ ދެ މީހުން ވެސް ކައްފާރާގެ ގޮތުގައި 60 ދުވަހު ރޯދަ ހިފުމަށް ހުކުމުގައި އަންގާފައިވެއެވެ.
ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގާކަން އެނގި އެކަން ރިޕޯޓުނުކުރުމުގެ ކުށުގައި ޝާއިރާގެ މައްޗަށް ކޯޓުން އިއްވީ ހަ މަސް ދުވަހުގެ ޖަލު ހުކުމެކެވެ. އެހެންކަމުން އޭނާ ޖަލުގައި ތަންފީޒުކުރަން ޖެހޭނީ ޖުމްލަ ތިން އަހަރެވެ.

