ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެފްއެސްއެމްގެ ތެލަށް ހިޔާނާތްތެރިވި މައްސަލަ: ބާޖުގެ ފަޅުވެރިޔަކު ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށް ނިންމައިފި

އެފްއެސްއެމްގެ ބާޖެއް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެފްއެސްއެމްގެ ތެޔޮ ބާޖަކުން ތެޔޮ ވިއްކުމުގައި އޮޅުވާލައ،ި ހިޔާނާތްތެރިވި މައްސަލައިގައި އެ ބާޖުގެ ފަޅުވެރިޔަކު ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުމެއް ހައިކޯޓުން ބާތިލުކޮށްފިއެވެ.

މި މައްސަލައިގައި ވަޒީފާއިން ވަކިކުރި މުވައްޒަފަކީ 2019 ވަނަ އަހަރު އެފްއެސްއެމްގެ ”ބޮލިކެ“ ތެޔޮ ބާޖުގައި މަސައްކަތްކުރި ފަޅުވެރިއެކެވެ. އޭނާ ވަޒީފާއިން ވަކިކުރީ އެ ބާޖުން ތެޔޮ ފޯރުކޮށްދިން ކ. ހިންމަފުށީ ބެސްޓް އޮއިލް ޕްރައިވެޓް ލިމިޓެޑުން އަގު ދެއްކި މިންވަރަށް ތެޔޮ ލިބިފައިިނުވާތީ އެކަމުގެ ޝަކުވާ އެ ކުންފުނިން ކުރުމުން، އެފްއެސްއެމްއިން ބެލި ބެލުމުން ތެޔޮ ބާޖުގައި ހުންނަން ޖެހޭ ވަރަށް ވުރެ އިތުރަށް ތެޔޮ ހުރިކަން ހާމަވުމުންނެވެ. އޭގެ އިތުރުން ބާޖުގައި ތެޔޮ ހުރި މީޓަރުގެ ސީލް ހުރީ ކަނޑާލާފައިކަން ވެސް ހާމަވިއެވެ.

މި މައްސަލައިގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ އެ މުވައްޒަފު މަގާމުން ވަކިކުރުމުގައި އެފްއެސްއެމްއިން މައުޟޫއީ އަދުލުވެރިކަން އަދި އިޖުރާއީ އަދުލުވެރިކަން ގާއިމްކޮށްފައިނުވާ ކަމަށެވެ. މަައުޟޫއީ އަދުލުވެރިކަން ގާއިމްކުރުމަކީ އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރީ އެކަށީގެންވާ އަދުލުވެރި ސަބަބެއްގެ މައްޗަށް ތޯ ބެލުމެވެ. އަދި އިޖުރާއީ އަދުލުވެރިކަން ގާއިމްކުރުމަކީ ވަޒީފާއިން ވަކިކުުރުމުގައި ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަަމަކޮށްފައިވޭތޯ ބެލުމެވެ.

ޓްރައިބިއުނަލުގެ ނިންމުމުގައި ވަނީ އޭނާއަށް އެއް މަހުގެ މުސާރައާއި އިނާޔަތާއެކު އަލުން ވަޒީފާއަށް ދިނުމަށް އަންގައިފައެވެ. ނަމަވެސް، އެފްއެސްއެމްގެ ފަރާތުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ.

ހައިކޯޓުގައި ކުރިއަށްގެންދިޔަ އިސްތިއުނާފީ މައްްސަލައިގައި އެފްއެސްއެމްގެ ފަރާތުން ފާހަގަކުރީ، ވަޒީފާއިން ވަކިކުރާ މީހާ އާއި ކުންފުންޏާ ދެމެދު އޮތް އިތުބާރު އަލުން އިއާދަނުކުރެވޭ ވަރަށް ގެއްލިފައިވާ ހާލަތުގައި އަލުން ވަޒިފާ ނުދިނުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުގެ އެމްއޭސީއެލް ވ. އަބްދުއްރަހްމާން ގަޒިއްޔާގައި ގައިޑްލައިނެއް ކަނޑައަޅާފައިވާ ކަމެވެ. މި މައްސަލައިގައި ހިމެނޭ މުވައްޒަފަކީ ކުންފުންޏަށް މަކަރު ހަދައި އޮޅުވާލި ކަމަށް ބުރަވެގެން ވަޒީފާއިން ވަކިކުރި ފަރާތެއް ކަމަށްވާއިރު އޭނާއަށް އަލުން ވަޒީފާ ދޭން ޓްރައިބިއުނަލުން ނިންމީ އެ ގަޒިއްޔާގައި ކަނޑައެޅި ގައިޑްލައިނާ ހިލާފަށް ކަމަށް އެފްއެސްއެމްއިން ހައި ކޯޓުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން، އޭނާއަށް މުސާރަ ނަގައިދިނުމާއެކު ވަޒީފާ އަލުން އިއާދަކޮށްދިނުމަށް ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަކީ ވެސް ސުޕްރީމް ކޯޓުގެ އެ ގަޒިއްޔާއިން ކަނޑައަޅާފައިވާ ގައިޑްލައިނާ ހިލާފު ނިންމުމެއް ކަމަށް ބުނެފައިވެއެވެ.

އެ މުވައްޒަފު ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ޓްރައިބިއުނަލުން ނިންމި އެއް ސަބަބަކީ އޭނާއަކީ ފަޅުވެރިއަކަށް ވެފައި، އެފަދަ ކަންކަން ބަލައި ކަށަވަރުކުރުމަކީ ބާޖުގެ ކެޕްޓަންގެ ޒިންމާއެއް ކަމަށް ޓްރައިބިއުނަލަށް ގަބޫލުކުރެވުމެވެ.

ނަމަވެސް، ހައިކޯޓުން މައްސަލަ ބަލައި ފާހަގަކޮށްފައިވަނީ، ބާޖުގެ މަސައްކަތްތައް ރޭވިފައިވާ ގޮތަށް ބަލާއިރު، ތެޔޮ ޑެލިވަރީ ސިސްޓަމްގައި މައްސަލައެއް ޖެހުމާއި، މީޓަރު ސީލްގެ މައްސަލައެއް ދިމާވުން ފަދަ ކަންކަން ހިނގާނީ ކެޕްޓަނާއި ފަޅުވެރިންގެ ވެސް އެނގުމާއި ފެނުމުގެ ތެރެއިން ކަމެވެ.

ތެޔޮ ދޫކުރަން ހޮޅި ގުޅުމާއި މީޓަރު ބެލުން ފަދަ ކަންކަމަކީ ފަޅުވެރިންގެ ސީދާ ބައިވެރިވުން އޮންނަ ކަމަކަށް ވާއިރު، ތުހުމަތުކުރެވޭ މުވައްޒަފު އިހުމާލުވެ، ހިޔާނާތްތެރިވެފައިވާ ކަމަށާއި ވަޒީފާގެ އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ހައި ކޯޓުން ކަނޑައަޅާފައިވެއެވެ.

އޭގެ އިތުރުން، ނޯޓިސްއަކާ ނުލައި އޭނާ ވަޒީފާއިން ވަކިކުރުމުގައި އެފްއެސްއެމްއިން އަމަލުކުރީ އެކަމުގައި އަމަލުކުރަން އޮންނަ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށް ނިންމާފައިވެއެވެ.

އެހެންކަމުން، ހައި ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ނިންމެވީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނިންމުން ބާތިލުކުރުމަށެވެ.

ހައި ކޯޓުގައި މި މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ. ދެން ތިއްބެވީ ފަނޑިޔާރު ޝަނީޒް އަބްދުﷲ އަދި ފަނޑިޔާރު ހުސެއިން މަޒީދުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: