ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް ހޯދަން ބޭނުންވާ މީހަކު ހޯދައި ހައްޔަރުކުރުމަށް ޓަކައި، ދިވެހި ފުލުހުންގެ ހިދުމަތުން އިންޓަޕޯލް މެދުވެރިކޮށް ރެޑް ނޯޓިސް ނެރެފިއެވެ.
މި މައްސަލައާ ގުޅިގެން އިންޓަޕޯލްއިން ރެޑް ނޯޓިސް ނެރެފައިވަނީ ފ. ނިލަންދޫ، ރާހި، އިޒްޔާން ޢަބްދުލްޙަމީދު (38އ) ހޯދުމަށެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން މައުލޫމާތު ދެއްވި ގޮތުގައި، މި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރި ފަހުން އިޒްޔާން ވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައެވެ. އަދި އޭނާ މިހާރު އުޅޭ ތަނެއް މިހާތަނަށް އެނގިފައި ނުވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
އިންޓަޕޯލް ރެޑް ނޯޓިސް ނެރެނީ، ބައިނަލްއަގުވާމީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އެހީތެރިކަމާއެކު، ކުށުގެ ތުހުމަތުކުރެވޭ ފަރާތްތައް ހޯދައި ގާނޫނީ އިޖުރާއަތްތަކުގެ ތެރެއިން އެމީހުން ހައްޔަރުކުރުމަށް މަގުފަހިކުރުމަށެވެ. މިފަދަ ނޯޓިސްތަކަކީ ތަހުގީގަށް ހާޒިރުކުރުމަށް ނުވަތަ ގާނޫނީ ފިޔަވަޅު އެޅުމަށް ޓަކައި ހޯދާ ފަރާތްތަކުގެ މައުލޫމާތު ބައިނަލްއަގުވާމީ ފެންވަރުގައި އާންމުކުރުމަށް ނެރޭ ނޯޓިސްތަކެކެވެ.
މި މައްސަލައިގެ ތަހުގީގު ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ އިތުރަށް ކުރިއަށް ގެންދަމުންނެވެ.

